26 ސެޕްޓެމްބަރ 2021 - 12:57

ތޫނިސްގެ ރައީސް ގައިސް ސައީދު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ބަންދުކޮށް ސަރުކާރު އުވާލައި، ހުރިހާ ބާރުތަކެއް އަމިއްލަ ކުރައްވައިގެން ވެރިކަން ކުރައްވާ މައްސަލައިގައި، އެ ގައުމުގެ ރައްޔިތުންގެ މެދުގައި ވެސް ވަރަށް ބޮޑަށް ބައިބައިވުން އުފެދިއްޖެ އެވެ.

އެ ގޮތުން، ރައީސް ގައިސް ސައީދު ގެންނެވި ބަދަލުތަކަށް ތާއީދުކޮށް، ގިނަ އަދަދެއްގެ ބަޔަކު މިދިޔަ ހުކުރު ދުވަހާއި އިއްޔެ ވެސް ވަނީ ވެރިރަށް ތޫނިސް ސިޓީގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފަ އެވެ.

އޭގެ އިތުރުން އެ ގައުމުގެ ދެކުނުގައި އޮންނަ އެންމެ ބޮޑު ސަހަރު ކަމަށްވާ ސަފާގިސްގައި ވަނީ، ރައީސް ގައިސް ސައީދުގެ ނިންމުންތަކާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކޮށްފަ އެވެ. އެމީހުން ގޮވާލަމުން ދިޔައީ، ގާނޫނުއަސާސީ އަށް އަމަލުކޮށް، މިނިވަންކަމާ އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޑިމޮކްރެޓިކް މުއައްސަސާތަކަށް ދިނުމަށެވެ.
އަދި ޖުލައި 25 ގައި ރައީސް ގައިސް ނިންމެވި ހުރިހާ ނިންމެވުންތަކަކާ ދެކޮޅު ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔަ އެވެ. އެ ދުވަހު ނެރުއްވި ރިއާސީ ގަރާރެއްގައި ބުނެފައިވާ ގޮތުން، ގާނޫނު ހަދާ މަޖިލިސް ބަންދުކޮށް، ސަރުކާރު އުވައިލުމަށް ފަހު، ދައުލަތް ހިންގުމާއި ވެރިކަމުގެ ހުރިހާ ކަމެއް ހިނގަމުންދާނީ ރައީސް ގައިސް ސައީދު ހަމަޖައްސަވާ ހާއްސަ އިންތިޒާމުތަކަކާ އެއްގޮތަށެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާ ކުރިއަށް ދިޔަ ވަގުތު، ސަރުކާރަށް ތާއީދުކުރާ ބަޔަކު މަގުތަކަށް ނުކުމެ، އިދިކޮޅު މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލާން ދިމާކުރި އެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން ވަނީ، ދެ މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުމެއް ހިނގިޔަ ނުދީ، މުޒާހަރާ ރޫޅާލައިފަ އެވެ.
ވެރިރަށް ތޫނިސް ސިޓީގައި ރައީސް ގައިސްގެ ދިފާއުގައި ކުރި މުޒާހަރާގެ ބައިވެރިން ވަނީ، އެ ގައުމުގެ ގާނޫނުއަސާސީގެ ކޮޕީއެއް އަންދާލައިފަ އެވެ. އެއީ، ނަހްޟާގެ ގާނޫނު އަސާސީއެއް ކަމަށް ބުނެ، އޭގެ ބަދަލުގައި އާ ގާނޫނުއަސާސީއެއް އެކުލަވައިލުމަށް، މުޒާހަރާގެ ބައިވެރިން ގޮވައިލި އެވެ. ނަހްޟާއަކީ އެ ގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ.
ރައީސް ގައިސް ސައީދުގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން، "އިންގިލާބާ ދެކޮޅު މުވާތިނުން"ގެ ނަމުގައި މިހާރު ވަނީ ސިޔާސީ ހަރަކާތެއް ފަށައިފަ އެވެ. ތަފާތު ސިޔާސީ ފިކުރުގެ މީހުން ހިމެނޭ މި ހަރަކާތުން މިއަދު ބޮޑު މުޒާހަރާއަކަށް ނުކުތުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ވެރިކަމުގައި ހުންނެވި ގައިސް ސައީދުގެ ނިންމެވުންތަކާ ދެކޮޅަށް ރައްޔިތުން ތެދުވަމުންދާ ދަނޑިވަޅެއްގައި އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އައްނަހްޟާ ޕާޓީގެ ތެރޭގައިވެސް މިހާރު އަންނަނީ ބައިބައިވުން އުފެދި ޕާޓީގެ އިސް ވެރިން ޕާޓީއާ ފެއަށް ޖެހިވަޑައިގަންނަވަމުންނެވެ.
އެ ގޮތުން ނަހްޟާ ޕާޓީގެ އެންމެ އިސް ސަފުގައި ހިމެނޭ 113 މެމްބަރަކު އިއްޔެ ވަނީ، ޕާޓީގެ ލީޑަރު ރާޝިދުލް ޣައްނޫޝީގެ ސިޔާސަތަށް ދެކޮޅު ހެދުމުގެ ގޮތުން ޕާޓީން ވަކިވެފަ އެވެ. އޭގެ ތެރޭގައި، ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ކުރީގެ ބައެއް ވަޒީރުން ވެސް ހިމެނެ އެވެ.
ޕާޓީން ވަކިވި މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި، އެ ގައުމަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން މެދުވެރިވީ ސިޔާސީ ގޮތުން އެންމެ ވަރުގަދަ ޕާޓީ ބަލިކަށިވެގެން ދިއުމުގެ ސަބަބުންނެވެ. އަދި ޕާޓީ ބަލިކަށިކޮށްލީ ޕާޓީގެ ލީޑަރު ކަމަށް ވެސް އެ ބޭފުޅުން ތުހުމަތުކުރައްވަ އެވެ.
އެ ބޭފުޅުން ވިދާޅުވި ގޮތުގައި ޕާޓީ ބަލިކަށިވީ، އެކަށީގެންނުވާ ބަޔަކާ އެކުގައި ކޯލިޝަން ސަރުކާރުތަކެއް އުފެއްދުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން ނަހްޟާ ޕާޓީގެ ހައިސިއްޔަތު ފަނޑުވެ އެހެން ޕާޓީތަކުގެ ނަން މަޝްހޫރުވެގެން ދިޔަ ކަމަށް އެ ބޭފުޅުން ތުހުމަތުކުރެއްވި އެވެ. ޕާޓީގެ ލީޑަރު ޣައްނޫޝީ ހުންނެވި ފެއިލްވެފައި ކަމަށާއި، ޕާޓީއަށް ހެޔޮ އެދޭ މީހުން އެއްވެސް ލަފައެއް ގަބޫލުނުކުރެއްވި ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.