ސުލްތާނުގެ މަރު ތަހުގީގުކުރަން ޕޯސްޓްމޯޓަމް ހަދަނީ
ސުލްތާނުގެ މަރު ތަހުގީގުކުރަން ޕޯސްޓްމޯޓަމް ހަދަނީ

އިންޑިއާގެ ޕޫނާގައި އަސްކަރީ ތަމްރީނު ހަދަމުން އަންނަނިކޮށް، އިއްޔެ މަރުވި އުމުރުން 22 އަހަރުގެ ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން އިބްރާހީމްގެ ކުއްލި މަރު ތަހުގީގުކުރުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިިފި އެވެ.

ޕޫނާގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރޭގައި ރިޕޯޓްކުރި ގޮތުގައި ސުލްތާން މަރުވި ގޮތް ޔަގީންކުރުމަށްޓަކައި ޕޯސްޓްމޯޓަމެއް ހަދަން ވަނީ ނިންމައިފަ އެވެ. އަދި މި މަރު ތަހުގީގު ކުރަމުން އަންނަ ކަމުގެ މައުލޫމާތު އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ވެސް ހިއްސާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ސިފައިންގެ ރަސްމީ އިއްޒަތުގައި ސުލްތާންގެ ހަށިގަނޑު ރާއްޖެ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނޭޝަނަލް ޑިފެންސް އެކަޑެމީން ބުނެފައިވެ އެވެ.

އއ. ހިމަންދޫ، ރޯޒް މީޑް ސުލްތާން ކުއްލި ގޮތަކަށް މަރުވެގެން ވެއްޓުނީ ތަމްރީނެއްގެ ތެރެއިން ދުވެފައި ދަނިކޮށެވެ.

ޔުނިޓްގައި އުޅުމަށް ފަހު އޮފިސާ ކެޑޭޓް ކޯސް ފުރިހަމަކުރުމުގައި އުޅެނިކޮށް އޭނާ މަރުވިއިރު، އޭނާގެ އެކުވެރިން ބުނާ ގޮތުގައި ސުލްތާނަކީ ބަޑި އަނބުރަން ވަރަށް މޮޅު ޒުވާނެކެވެ. ސޯޝަލް މީޑިއާގައި އޭނާ ބަޑި އަނބުރާ ވީޑިއޯއެއް ވެސް ދައުރުވި އެވެ.

ޕްރައިވެޓް ރޭންކުގައި ހުރި ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވެސް ވަނީ ބުނެފަ އެވެ.