03 ޑިސެމްބަރ 2016 - 08:46

މެންޗެސްޓާ (ޑިސެމްބަރު 3) - އޭނާގެ އިތުބާރު މެންޗެސްޓާ ޔުނައިޓެޑުގެ ތަޖުރިބާކާރު މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ ހޯދައިފި ކަމަށް އެ ޓީމުގެ ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މި ސީޒަނުގައި މޮރީނިއޯ ޔުނައިޓެޑާ ހަވާލުވުމަށް ފަހު ޝްވައިންސްޓައިގާ އަށް އެ ޓީމުން ފުރުސަތު ލިބުން ދަތިވި އެވެ. އަދި ޝްވައިންސްޓައިގާ ވަނީ ޔޫތު ޓީމާ އެކު ވެސް ފަރިތަކޮށްފަ އެވެ. އެހެން ނަަމަވެސް މިދިޔަ ބުދަ ދުވަހުގެރޭ ލީގު ކަޕްގައި ވެސްޓް ހޭމްއާ ދެކޮޅަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ޝްވައިންސްޓައިގާ ވަނީ ކުޅެން އަރައިފަ އެވެ.
"ޝްވައިންސްޓައިގާ އަކީ ޓީމަށް ބޭނުން ހިފޭނެ ކުޅުންތެރިޔެއްކަން އޭނާ ސާބިތުކޮށްދީފި. މި ކްލަބާ އެކު އޭނާގެ ކޮންޓްރެކްޓެއް އެބައޮތް. ކްލަބުން ބޭނުންވެއްޖެނަމަ އޭނާ މަޑުކުރާނެކަމުގެ ޔަގީންކަން އެބައޮތް،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ސީޒަން ފެށުމުގެ ކުރިން ޝްވައިންސްޓައިގާ ވިއްކާލަން ޔުނައިޓެޑުން ބޭނުންވި ކަަމަށާއި އެކަމާ ދެކޮޅު ހެދީ އޭނާ ކަމަށެވެ.
"ސީޒަން ފެށުމުގެ ކުރިން އަހަރެމެން ނިންމިން ޝްވައިންސްޓައިގާ ދޫކޮށްލަން. އެކަމަކު އޭނާ ބޭނުންވީ މި ކްލަބުގައި މަޑުކުރަން. އެއީ މި ކްލަބާ އެކު އޭނާ ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް ހުރުމުން،" ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.
"އަހަރެން ކަންތައް ކުރާނީ ކްލަބަށް ފާއިދާވާ ގޮތަށް. ޝްވައިންސްޓައިގާއާ އެއްވެސް މައްސަލައެއް ނެތް."
ބަޔާނަށް 15 އަހަރު ކުޅެދިނުމަށް ފަހު ޝްވައިންސްޓައިގާ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ޔުނައިޓެޑާ އެކު އުމުރުން 32 އަހަރުގެ ޝްވައިންސްޓައިގާ ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.