13 އަހަރަށް ފަހު އިޓާލިއަން ލީގުގައި މަލްޑިނީ އާއިލާގެ ލަނޑެއް
13 އަހަރަށް ފަހު އިޓާލިއަން ލީގުގައި މަލްޑިނީ އާއިލާގެ ލަނޑެއް

ލަ ސްޕެޒިއާ (ސެޕްޓެމްބަރު 26) - އޭސީ މިލާނުގެ ލެޖެންޑް ޕައުލޯ މަލްޑިނީގެ ހަގު ދަރިފުޅު ޑެނިއަލް މަލްޑިނީގެ ގޯލަކާ އެކު މިލާނުން ރޭ ލީގުގައި ސްޕެޒިއާ 2-1 އިން ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

މިލާނުން ކުޅުނު ހަ މެޗުން ހޯދި 16 ޕޮއިންޓާ އެކު މި ވަގުތު އެއްވަނައިގައި އޮތް ނަމަވެސް އެއް މެޗު މަދުން ކުޅެ 15 ޕޮއިންޓާ އެކު ދެވަނައިގައި އޮތް ނަޕޯލީ މިރޭ ކުޅޭ މެޗުން މޮޅުވެގެން ނުވަތަ އެއްވަރު ކޮށްލައިގެން ވެސް އެއްވަނައަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ.

މެޗުގައި ފުރަތަމަ ފަހަރަށް މިލާނަށް ލީޑު ނަގައިދިނީ ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނިޓުގައި ޑެނިއަލް މަލްޑިނީ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މިލާނުގެ ސީނިއާ ޓީމަށް ކުޅެން ފެށި ފަހުން މިއީ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ތިންވަނަ ޖީލުގެ މަލްޑިނީ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

ޑެނިއަލްގެ މި ލަނޑަކީ އިޓާލިއަން ލީގުގައި 13 އަހަރާއި 179 ދުވަސް ފަހު މަލްޑިނީ އާއިލާއިން ޖެހި ފުރަތަމަ ލަނޑެވެ. ޑެނިއަލްގެ ބައްޕަ ޕައޮލޯ 1984 އާއި 2009 ވަނަ އަހަރާ ދެމެދު އޭސީ މިލާނަށް 900 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާއިރު، ކާފަ ސެޒާ ވަނީ 1954 އިން 1966 އަށް އޭސީ މިލާނުގެ ފަހަތް ބަލަހައްޓައިފަ އެވެ.

ބައްޕަ އާއި ކާފައާ ހިލާފަށް ޑެނިއަލް އަކީ މެދުތެރެއިން ކުރިއަށް ކުޅޭ ކުޅުންތެރިއެވެ. ޑެނިއަލްގެ ބައްޕަ ޕައޮލޯ މަލްޑިނީ އާއި ކާފަ ސެޒާ މަލްޑިނީ އަކީ ޑިފެންސަށް ކުޅުނު މިލާނުގެ ލެޖެންޑުންނެވެ.

ޕައޮލޯ މަލްޑިނީ އަކީ މިހާރު އޭސީ މިލާނުގެ ޓެކްނިކަލް ޑިރެންޓަރެވެ. ޑެނިއަލް ބޮލުން ޖެހި މި ލަނޑު ބަލަން ޕައޮލޯ ވެސް ދަނޑުގައި އިނެވެ.

ސްޕެޒިއާ އަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗު ނިމެން ދިހަ މިނިޓަށްވެފައި ވަނިކޮށް ޑެނިއޭލޭ ވާޑޭ އެވެ. އޭގެ ހަތް މިނިޓް ފަހުން މިލާނަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިނީ ބްރަހީމް ޑިއާޒް އެވެ.