27 ސެޕްޓެމްބަރ 2021 - 06:52

ކޮވިޑާ ހެދި މިދިޔަ އަހަރު ރިލީޒްކުރުން ފަސްކޮށް ސިނަމާތަކުގައި ނޫނީ ނުގެނެސްދޭން ނިންމި އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ ފިލްމު އަޅުވަން ނިންމާފައި ވަނީ ނޮވެމްބަރުގައި ފާހަގަކުރާ އިންޑިއާގެ ކުލަގަދަ ފެސްޓިވަލް ދިވާލީގެ ތެރޭގަ އެވެ. އެހެންވެ "ސޫރިޔަވަންޝީ" ބެލުންތެރިންނަށް ގެނެސްދޭނީ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ. ރަސްމީ ތާރީހަކަށް ބެލެވެނީ އެ މަހުގެ 13 އެވެ.
މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ މާޗް މަހުގެ 24 ގައި ރިލީޒްކުރަން އުޅުނު ފިލްމެކެވެ. އެކަމަކު ފިލްމު ނޭޅުވީ އެ މަހުގެ 22 ވަނަ ދުވަހު ކޮވިޑާ ހެދި އިންޑިއާގައި އިއުލާންކުރި ފުރަތަމަ ލޮކްޑައުންއާ އެކު ސިނަމާތައް ވެސް ބަންދުކުރުމާ ގުޅިގެންނެވެ.
"ސޫރިޔަވަންޝީ" ނޮވެމްބަރު މަހު ގެނެސްދޭން ނިންމީ އިންޑިއާގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ މަހާރަޝްތުރާގެ ހުރިހާ ސިނަމާތަކެއް އަންނަ މަހުގެ 22 ގައި ހުޅުވަން ނިންމުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އަކްޝޭ ކުރި ޓްވީޓެއްގައި އެ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތާކްރީ އަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ރޯހިތުގެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ "ސޫރިޔަވަންޝީ" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ފިލްމެވެ. އަދި މިއީ އަކްޝޭއާ އެކު އޭނާ ހެދި ފުރަތަމަ ފިލްމެވެ. ރޯހިތުގެ ކޮޕް ޔުނިވާސްގެ އަނެއް ދެ ފިލްމަކީ އަޖޭ ދޭވްގަންގެ "ސިންގަމް" އާއި ރަންވީރު ސިންގްގެ "ސިމްބާ" އެވެ. އަކްޝޭގެ ފިލްމުން އެ ދެ ތަރިން ވެސް ހާއްސަ ފެނިލުމެއްގެ ގޮތުގައި ފެންނާނެ އެވެ.
"ސޫރިޔަވަންޝީ" އަކީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން އަކްޝޭ އާއި ކެޓްރީނާ ކައިފްގެ ޖޯޑު ވެސް އަލުން އެކީގައި ފެންނާނެ ފިލްމެކެވެ.
މި ފިލްމު ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައި އޮއްވައި މި ފަހުން ނިންމި އަކްޝޭގެ ދެ ފިލްމެއް ޑިޖިޓަލްކޮށް ޕްރީމިއާކޮށްފައިވެ އެވެ. އެއީ މިދިޔަ މަހު ގެނެސްދިން "ބެލް ބޮޓަމް" އާއި މިދިޔަ އަހަރުގެ "ލަކްޝްމީ" އެވެ.
"ސޫރިޔަވަންޝީ" ނޮވެމްބަރުގައި ގެނެސްދޭން ނިންމި އިރު، ކުރިން އެ މަހުގައި ގެނެސްދޭން ގޮތަށް އިއުލާންކޮށްފައި އޮތް އަކްޝޭގެ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ތާރީހީ ބޮޑު ފިލްމު "ޕްރިތުވީރާޖް" އެވެ. ބެލެވޭ ގޮތުން އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.