26 ސެޕްޓެމްބަރ 2021 - 12:47

އަފްގާނިސްތާނުގައި ވައްކަން ކުރާ މީހުންގެ އަތް ކެނޑުމަށާއި، މަރުގެ މައްސަލަތަކުގައި ގިސާސް ހިފުމަށް، ތާލިބާނުންގެ ސަރުކާރުން ނިންމުމާ ގުޅިގެން، އެމެރިކާ ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދައިފި އެވެ.

އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި އެފަދަ އަދަބުތައް ދިނުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އަދި އެއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިފަދަ އަނިޔާވެރި އަމަލުތައް ހިންގާ މީހުން ޒިންމާދާރު ކުރުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖްތަމައާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅަނގުގެ މަދަދާއެކު އަފްގާނުގައި ގާއިމުކޮށްފައި އޮތް ސަރުކާރު ވައްޓާލައި، ތާލިބާން ޖަމާއަތުން އެ ގައުމުގައި އާ ސަރުކާރެއް އިއުލާންކޮށްފައިވާ އިރު، އެމެރިކާ އިން ބުނެފައިވަނީ، ތާލިބާނުންގެ ސަރުކާރު ބަލައިގަންނާނީ، ތާލިބާނުން އިންސާނީ ހައްގުތައް ހިމާޔަތްކުރާ މިންވަރަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
"އަހަރެމެން މިއަންނަނީ ވަރަށް ގާތުން ބަލަމުން. އަހަރެމެން އަޑުއަހަނީ ތާލިބާނުން ބުނާ ވާހަކަތަކާއި ކުރާ އިއުލާންތަކެއް ނޫން. ތާލިބާނުންގެ އަމަލުތައް ހުންނަ ގޮތް މިގެންދަނީ ވަރަށް ގާތުން ބަލަމުން،" ނެޑް ޕްރައިސް ވިދާޅުވި އެވެ.
ހުސްވި އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އަފްގާނިސްތާނުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެއީ، 1996-2001 އަށް ތާލިބާނުން އެ ގައުމުގައި ވެރިކަން ކުރި ދުވަސްވަރު، ކަންތައް ކުރި ފަދައިން، އަންހެން ކުދިން ސްކޫލްތަކަށް ފޮނުވުން މަނާކުރުމާއި، އަންހެނުން ވަޒީފާ އަދާކުރުން މަނާކުރުން ފަދަ ކަންތައް ތަކުރާރުވެދާނެ ކަމުގެ ބިރުގަ އެވެ.
އަފްގާނިސްތާނު ހިފުމަށް ފަހު ތާލިބާނުން ބުނަމުން އަންނަނީ، އިންސާނީ ހައްގުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށާއި އަންހެން ކުދިންނަށް ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ވެސް ދޭނެ ކަމަށެވެ. އަދި ވަޒީފާ އަދާކުރުން ވެސް އަންހެނުންނަށް މަނާ ނުކުރާނެ ކަމަށެވެ.
ނަމަވެސް އެ ގައުމުގެ ގްރޭޑް ހަތަކުން މަތީގެ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިޔުން މިހާރު ވަނީ މަނާކޮށްފަ އެވެ. ސަރުކާރުގެ ގިނަ އިދާރާތަކުގެ ވަރަށް ގިނަ އަންހެން މުވައްޒަފުން ވަނީ ގެއަށް ފޮނުވާލައިފަ އެވެ. އަދި ޝަރުއީ ކޯޓުތަކުގައި ތިބި ހުރިހާ އަންހެން ފަނޑިޔާރުން ވަނީ މަގާމުތަކުން ވަކިކޮށް ގެއަށް ފޮނުވާލައިފަ އެވެ.
އެހެންކަމުން، އަންހެނުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރާނެ ކަމަށް ތާލިބާނުން ބުނި ކަމުގައި ވިޔަސް، ކުރިން ގެންގުޅުނު ހަރުކަށި ވިސްނުން، ތާލިބާނުންގެ ދުވަސްވީ ލީޑަރުންގެ ކިބައިން ފިލައިގެން ނުދާކަން އެނގެ އެވެ.
ކުރީގެ ސަރުކާރުގައި އުފައްދާފައި އޮތް އަންހެނުންނާ ބެހޭ މިނިސްޓްރީ އުވައިލުމަށް ފަހު، ތާލިބާނުންގެ ސަރުކާރުން މިހާރު އަލަށް އުފައްދާފައިވަނީ، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމާ ބެހޭ މިނިސްޓްރީ އެވެ.
އަފްގާނުގެ ޖަސްޓިސް މިނިސްޓަރު މުއްލާ ނޫރުއްދީން ތުރާބީ، މިމަހުގެ 23 ވަނަ ދުވަހު އެސޯސިއޭޓެޑް ޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަފްގާނިސްތާނުގައި ގާނޫނުތައް އޮންނަންވީ ގޮތް އެހެން ބަޔަކު ބުނެދޭން ނުޖެހޭނެ ކަމަށެވެ.
"ސްޓޭޑިއަމްތަކުގައި މީހުންނަށް ފެންނަ ގޮތަށް، އަދަބުތައް ތަންފީޒު ކުރާތީ، ހުރިހާ އެންމެން ވެސް އަހަރެމެންނަށް ވަރަށް ފާޑުކިޔާ. އެކަމަކު އެމީހުންގެ ގާނޫނުތަކާއި އެމީހުން ދޭ އަދަބުތަކާ ބެހޭ ގޮތުން އަހަރެމެން އެއްޗެއް ނުބުނަން. އަހަރެމެންގެ ގާނޫނުތައް އޮންނަންވީ ގޮތް އެކަކަށް ވެސް ނުބުނެވޭނެ. އަހަރެމެން ތަބާވާނީ އިސްލާމް ދީނަށް، އަހަރެމެންގެ ގާނޫނުތައް ހަދާނީ ގުރްއާނުގައިވާ ގޮތަށް،" ތުރާބީ ވިދާޅުވި އެވެ.
މީގެ ކުރިން ތާލިބާނުން ވެރިކަން ކުރި ދުވަސްވަރު، ކޯޓުތަކުން އިއްވާ މަރުގެ ހުކުމްތައް ތަންފީޒު ކުރަމުން ދިޔައީ، ބޮޑެތި ސްޓޭޑިއަމްތަކުގަ އާއި ބޮޑެތި މައިދާންތަކާއި ޖާގަ ތަނަވަސް މިސްކިތްތަކުގަ އެވެ. މަރުގެ ހުކުމް ތަންފީޒުކުރަނީ، މަރައިލެވުނު މީހާގެ ތިމާގެ މީހުންގެ ތެރެއިން މީހަކު ލައްވައި، ގާތިލުގެ ބޮލަށް އެއް ފަހަރު ބަޑި ޖަހައިގެންނެވެ.
އެ ގޮތަށް މަރުގެ އަދަބު ދެނީ، މަރައިލެވުނު މީހާގެ ވާރިސުން، މަރުގެ ދިޔައިގެ ބަދަލުގައި މަރަށް މަރު ހިފުމަށް ބޭނުންވާ ހާލަތްތަކުގަ އެވެ.
އޭގެ އިތުރުން، ވައްކަމުގެ ކުށް ސާބިތުވާ މީހުންގެ މައްޗަށް ތަންފީޒު ކުރަމުން އައީ އަތް ކެނޑުމުގެ އަދަބެވެ. އަދި މަގުފޭރޭ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އެމީހެއްގެ އެއް އަތާއި އެއް ފައި ކެނޑުމުގެ އަދަބު ތަންފީޒު ކުރެ އެވެ.
ޖަސްޓިސް މިނިސްޓަރު ތުރާބީ ވިދާޅުވީ، ގައުމުގެ ސަލާމަތީ ކަންތައް ކަށަވަރު ކުރުމަށްޓަކައި، އަތް ކެނޑުމުގެ ހުކުމް ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އަތް ކެނޑުމުގެ ހުކުމް ތަންފީޒުކުރާނީ އާންމު ތަނެއްގައިތޯ ކަނޑައެޅުމަށްޓަކައި ވަރަށް އަވަހަށް އެކަމާ ބެހޭ ސިޔާސަތެއް، ކެބިނެޓުން ފާސްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.