26 ސެޕްޓެމްބަރ 2021 - 08:42

އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރުމަކީ ފަހަރެއްގައި ވެސް އިރާގުން ކުރާނެ ކަމެއް ނޫން ކަމަށް، އިރާގުގެ ރައީސާއި ބޮޑުވަޒީރު އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިރާގުގެ ރިއާސީ ގަނޑުވަރުން ބުނީ އިރާގު އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކުރާ ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރަން ގޮވައިލާ ގޮވައިލުމަށް ފާޅުގައި އިރާގުން ދެކޮޅު ހަދާ ކަމަށެވެ.
"އިރާގު މިހާރުވެސް އޮތީ، ފަލަސްތީނު މައްސަލައަށް ފުރިހަމައަށް ތާއީދުކުރާ ގައުމެއްގެ ގޮތުގައި ސާބިތުކަމާ އެކުގައިކަން މިވަގުތު ވެސް ޔަގީންކޮށްދެން. އަދި ފަލަސްތީނު ރައްޔިތުންގެ ޝަރުއީ ހައްގުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވައިލާ ގައުމެއްގެ ގޮތުގައި އިރާގު ދެމިއޮންނާނެ. އެހެންކަމުން އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރަން ގޮވައިލާ ގޮވައިލުމަށް، އިރާގުން ކަނޑައެޅިގެން ދެކޮޅު ހަދަން. އަދި އިރާގު ރައްޔިތުން އެދޭ ގޮތަށާއި، އިރާގު ރައްޔިތުންގެ މުސްތަގިއްލު ވަތަނީ ނިންމުމަށް އިހުތިރާމް ކުރުމަށް ވެސް ގޮވައިލަން،" އިރާގުގެ ރިއާސީ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަރްބީލްގެ ބައްދަލުވުމުގައި ގޮވައިލި ގޮވައިލުމަކީ، އެއްވެސް ހައިސިއްޔަތަކުން އިރާގު ރައްޔިތުން ތަމްސީލުކުރާ ގޮވައިލުމެއް ނޫނެވެ. އެއީ އެ ބައްދަލުވުމުގައި ބައިވެރިވި ބައެއްގެ އަމިއްލަ ގޮވައިލުމެއް ކަމަށް ވެސް ރިއާސީ ގަނޑުވަރުގެ ބަޔާނުގައިވެ އެވެ.
އިރާގުގެ ބޮޑުވަޒީރުގެ ފަރާތުން ޓުވިޓާގައި ނެރުނު ބަޔާނެއްގައި، ކުރުދިސްތާނުގެ ސަރުކާރަށް ގޮވާލާފައިވަނީ، އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރަން ގޮވައިލި ބައްދަލުވުމުގައި ބައިވެރިވި މީހުންނާ މެދުގައި ގާނޫނީ ފިޔަވަޅު އެޅުމަށެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އިރާގަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ ސާބިތު ތާރީޚެއް އޮތް ގައުމެކެވެ.
އެހެންކަމުން އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރަން ގޮވައިލާ ގޮވައިލުމަށް، އިރާގު ސަރުކާރުން ފާޅުގައި ދެކޮޅު ހަދާ ކަމަށް އެ ބަޔާނުގައިވެ އެވެ. "ފަލަސްތީނު މައްސަލައިގައި އިރާގުން ގެންގުޅޭ ދެގޮތެއް ނުވާ ހަރުދަނާ ސިޔާސަތު، ފައިސާކޮޅަކަށް ވިކިފައި ތިބި ކަނޑުކޮހުންގެ ދެތިން މީހަކު އެއްވެފައި ގޮވައިލާ ގޮވައިލުމަކުން ބަދަލުވެގެން ނުދާނެ" ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އިރާގުގެ ޝީއީންގެ ނުފޫޒު ގަދަ ލީޑަރު މުގްތަދާ އައްސަދްރު ވެސް ވަނީ، އިޒްރޭލާ ގުޅުން ބަދަހިކުރުމުގެ ގޮވައިލުމަށް ފާޅުގައި ދެކޮޅު ހައްދަވައިފަ އެވެ. އަދި އެފަދަ ޒަޔަނިސްޓު ޓެރަރިސްޓް ބައްދަލުވުންތައް ބޭއްވިޔަ ނުދިނުމަށާއި، އެ ބައްދަލުވުމުގެ ބައިވެރިން ހައްޔަރުކޮށް އަދަބު ދިނުމަށް ކުރުދިސްތާނުގެ ސަރަހައްދީ ސަރުކާރަށް އޭނާ ގޮވައިލެއްވި އެވެ.
އޭގެ އިތުރުން އިރާގުގެ ޝީއީ މުސްލިމް ޕާޓީތައް ގުޅިގެން އުފައްދާފައިވާ އަލްފަތަހް އެލަޔަންސްގެ ފަރާތުން ވެސް، އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރުމުގެ ގޮވައިލުމަށް ވަނީ ދެކޮޅު ހަދައިފަ އެވެ. ފަތަހް އެލަޔަންސް އިން ބުނީ، އަރްބީލްގައި ބޭއްވި ބައްދަލުވުމުގެ ބައިވެރިންނަކީ ހާއިނުންތަކެއް ކަމަށާއި، އިރާގުގެ ގާނޫނުތައް ބުނާ ގޮތުން އެއީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.
"އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި، އެފަދަ ހާއިނުންނަށް ގާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެ."
އިރާގުގެ ސުންނީ މުސްލިމުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ޒަޔަނިސްޓުންގެ ރޭވުމުގެ މަތިން ބާއްވާ މިފަދަ ބައްދަލުވުންތަކުގައި ގޮވައިލާ ގޮވައިލުންތަކަށް އިރާގު ރައްޔިތުން ފާޅުގައި ދެކޮޅު ހަދަންޖެހޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލަ އޮއްބައިލުމަށް، ޔަހޫދީން އަޑީގައި ތިބެގެން ހިންގާ މިފަދަ ކަންކަން ހުއްޓުވައިދިނުމަށް އިރާގު ސަރުކާރަށް ގޮވާލާފައިވެ އެވެ.
އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރުމަށް އިރާގުން ރަސްމީކޮށް މި ދެކޮޅު ހެދީ، "ސުލްހައިގެ ބައްދަލުވުން" ނަމުގައި، މިދިޔަ ހުކުރު ދުވަހު ކުރުދިސްތާނުގެ އަރްބީލް ބޭއްވި ބައްދަލުވުމެއްގައި، އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރުމަށް އިރާގު ސަރުކާރަށް ގޮވައިލުމާ ގުޅިގެންނެވެ. އެ ބައްދަލުވުން އިންތިޒާމު ކުރީ ކުރުދިސްތާނުގައި އުޅޭ ސުންނީންނާއި ޝީއީންގެ ބައެއް ގަބީލާތަކުންނެވެ.
ކުރުދިސްތާނުގެ ސަރަހައްދީ ސަރުކާރުން ބުނީ އަރްބީލްގައި ބޭއްވި ބައްދަލުވުމަކީ ކުރުދިސްތާނު ސަރުކާރަށް އެނގިގެން ނުވަތަ ހުއްދަ ދީގެން ނުވަތަ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ވެސް އޮވެގެން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށެވެ. ކުރުދިސްތާނުގެ ދާހިލީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމުގެ ނިންމުމަކީ، ކުރުދިސްތާނުގެ ސަރަހައްދީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ.