ސިޔާސީ ނުފޫޒު
ސިޔާސީ ނުފޫޒު

ބުދަ ދުވަހާ ގުޅޭ

ކުރީ ފަހަރު އައިހެން، ސައިރަންގެ އަޑުން ދަންވަރުގެ ހިމޭންކަން ނަގައިލަމުންނެވެ. ގޭ ކައިރިއަށް އެންބިއުލާންސު ރަނގަޅަށް މަޑުނުކުރެވެނީސް، ޑަކުޓަރާއި ނަރުސް އެންބިއުލާންސުން ފޭބިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވަނެވެ. އެނދު ހިފައިގެން ވަން މީހުން ވެސް ހަމަ އެހާ ހަލުވިކޮށް ވަނެވެ. އިރުކޮޅަކުން ފެނުނީ، މުންސިރު އެނދުގައި ބާއްވައިގެން ނެރުނު ތަނެވެ. އޭނަގެ އަތުގައި ބެންޑޭޖެއް އޮޅައިފައި އޮތެވެ. މުންސިރު އަމިއްލައަށް މަރުވާން އުޅުނީއެވެ. މުންސިރުގެ ދަރިޔަކަށް މުންސިރު ފެނުނު އިރު އޭނަ އޮތީ ހޭނެތިފައެވެ. އަތުގެ ނާރެއް ބުރިކޮށްލައިފައިވުމުން އޭނަގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވިއެވެ.

އަމިއްލައަށް މަރުވުމަކީ ނުވަތަ މަރުވާން އުޅުމަކީ ގާނޫނީ ކުށެކެވެ. އެހެންކަމުން އެ ގެއަށް ފުލުހުން އައެވެ. މުންސިރުގެ ކޮޓަރި ބެލުމުގެ ތެރޭގައި، އޭނަ ލިޔެފައިވާ ނޯޓެއް ފުލުހުންނަށް ފެނުނެވެ. އެއަކު މާ ގިނަ ވާހަކައެއް ނެތެވެ.

"އަހަރެން މަރުވާން ނިންމީ، ލޯބިވާ އަނބިމީހާއާ ނުލައި ދިރިހުރުވޭނެކަމުގެ އެއްވެސް އުންމީދެއް ނެތީމަ. ނަޖާތުގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ އިދިކޮޅު ޕާޓީން. ނަޖާތުގެ އަބުރުކަތިލާ، އެ ވަރުން ނުވެގެން އެ މީހުން އޭނަ މަރާލީ." ނޯޓުގައި އޮތްހާ ވެސް އެއްޗަކީ އެއީއެވެ.

ނަސީބަކުން މުންސިރު މަރެއްނުވެއެވެ. މުންސިރުގެ ފުރާނަ ސަލާމަތްކުރެވުނެވެ. ވަގުތު އޮއްވައި ފަރުވާދެވުނީމައެވެ. ނަޖާތުގެ ޖަނާޒާގައި ބައިވެރިވި އިރު ވެސް މުންސިރުގެ އަތުގައި ހުރީ ބޭސްއަޅައިފައެވެ. މުންސިރުގެ ލޮލުން ކަރުނަ ނުހިކެއެވެ. އިދިކޮޅު ޕާޓީގެ ބޮލުގައި މުންސިރު ތުހުމަތު އެޅުވި ނަމަވެސް، އިދިކޮޅު ޕާޓީގެ އެންމެ އިސް މެންބަރުން ޖަނާޒާގައި ބައިވެރިވިއެވެ. ނަޖާތުގެ އާއިލާއަށް ހިތްވަރުދިނެވެ. ތައުޒިޔާކިޔެވެ. ރައީސުލް ޖުމްހޫރިއްޔާއާއި، ވަޒީރުން ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގަތެވެ. އެކަކު ވެސް އަނެކަކަށް ފުސްމޫނު ދެއްކުމެއް ނެތެވެ. އޮތް އެއްޗެއް އޮތީ ހިތުގައެވެ.

ޖަނާޒާއަށް ފަހު އިދިކޮޅު ޕާޓީން ނޫސްބަޔާނެއް ނެރުނެވެ. އޭގައި ވަރަށް ސާފުކޮށް ލިޔެފައިވެއެވެ.

"މި ޕާޓީން ސަރުކާރު ބަލިކުރާނީ ވޯޓުންނެވެ. ފުރާނައަށް ގެއްލުންދިނުމަކީ މި ޕާޓީން ތާއީދުކުރާ ނުވަތަ ކުރާނެ ވެސް ކަމެއް ނޫނެވެ. ނަޖާތު މަރުގައި އެހެން މީހެއް ނުވަތަ ބަޔެއްގެ އަތެއް ވާނަމަ، އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ނަޖާތުގެ އާއިލާއަށް ކެތްތެރިކަން ދެއްވައި، ސާބިތުކަން ދެއްވުމަށް ދުއާކުރަމެވެ. މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށިއެވެ."

ނަޖާތުގެ އާއިލާއިން ރަސްމީ ސިފައެއްގައި، އެއްވެސް މީހެއް ނުވަތަ ބައެއްގެ ބޮލުގައި ތުހުމަތެއް ނާޅުވައެވެ. އެހެނަސް، ސުވާލު އުފެއްދިއެވެ. ނަޖާތު މަރުވީ ކީއްވެގެން ހެއްޔެވެ؟ ކާމިޔާބުގެ ތަރި މެދުއުޑުގައި ފިޔަޖަހަމުންދަނިކޮށް، ކުއްލި ގޮތަކަށް ނަޖާތު ދުނިޔެއާ އަލްވަދާއުކިއީ ކީއްވެގެން ހެއްޔެވެ؟ ނަޖާތަކީ އުންމީދާއި ކާމިޔާބުން ފުރިފައިވާ ދިވެހި ދަރިއެކެވެ. ހީވާގި މަންމައެކެވެ. ޒިންމާދާރު އަންބެކެވެ. ވަގުުތުގެ ކުރިން ނަޖާތުގެ ނަސީބުގެ ނާރު ބުރިކޮށްލީ ކާކު ހެއްޔެވެ؟ ކޮން ބޭނުމަކު ހެއްޔެވެ؟

ނަޖާތުގެ ހަޔާތާ ބެހޭ ގޮތުން، ކުރިން ނުފެންނަ ވާހަކަތަކެއް ނޫސްތަކުން ފެންނަން ފެށިއެވެ. ކިޔުންތެރިން ކިޔަން ބޭނުންވަނީ ނަޖާތުގެ ޚަބަރެވެ. ލިބުނު ކޮންމެ މައުލޫމާތެއް ނޫސްވެރިން ހާމަކުރި ސަބަބަކީ އެއީއެވެ. މުންސިރަކީ ނަޖާތުގެ ފުރަތަމަ ފިރިމީހާ ނިޔާވުމުން ނަޖާތު ކައިވެނިކުރި މީހާއެވެ. ފުރަތަމަ ފިރިމީހާއަކީ ރަހީފްއެވެ. އޭނާއަކީ މުއްސަނދި ވިޔަފާރިވެރިޔެކެވެ. އެހެންނަމަވެސް އެ ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވަނީސް ރަހީފަށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނަގެ ޑަކުޓަރަކީ މުންސިރުއެވެ. ނަޖާތާއި މުންސިރު ދިމާވި ގޮތަކީ އެއީއެވެ. އެ ހަގީގަތް އެނގުނު ގިނަ މީހުންނަށް ބުމަ ހިއްލައިލަން މަޖުބޫރުވިއެވެ. ނޫސްވެރިން ހައްތަހާ ފުނަށް ކޮނުނެވެ.

ރަހީފު އެތައް ދުވަހެއް ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. އެ މުއްދަތުގައި، މުންސިރާއި ނަޖާތުގެ ގުޅުން ބަދަހިވިއެވެ. ހޮސްޕިޓަލުގެ ރެސްޓޯރަންޓުގައި ދެ މީހުން ކޮފީބޯން ތިބުމާއި، ވާހަކަދައްކަން އެކި ތަންތަނުގައި ތިއްބައި މީހުންނަށް ފެނިފައިވެއެވެ. ބައެއް މީހުންނަށް އެ މަންޒަރު ބަލަން އެހާ ފަސޭހައެއް ނުވިއެވެ. ބަލިއެނދުގައި ފިރިމީހާ އެކަނި ބާއްވައިފައި ޑަކުޓަރާ އެކުގައި ނަޖާތު ވަގުތުހޭދަކުރުން އައިބުކަމަށް ދުށް ބަޔަކު ވެސް އުޅުނެވެ. އޭރު އެ ހޮސްޕިޓަލުގައި ވަޒީފާއަދާކުރި ބައެއް ނަރުހުން ވެސް، ނަން ނުޖަހަން ޝަރުތުކޮށްފައި، ކުރިން ނީވޭ ވާހަކަތަކެއް ދައްކައިފައި ހުއްޓެވެ.

"ރަހީފަށް ނަޖާތު ކަންތައްކުރީ ވަރަށް ދެރަކޮށް،" އެކަކު ބުނެފައި އޮތެވެ. "އަހަރެން ރަނގަޅަށް ހަނދާންހުރި އެއް ކަމެއް ބުނެފާނަން. ރަހީފުގެ ހާލު ބޮޑުވީ ބަލި ބޮޑުވެގެނެއް ނޫން. ނަޖާތަށް އުޅެވުނު ގޮތަކުން. ސީދާ އަހަރެން ކައިރީގަ ރަހީފު ބުނި ނަޖާތަށް ފާރަލައިދޭށޭ! އެނދުން ނުތެދުވިފަ އޮތަސް ރަހީފަށް އެނގޭ ވާނުވާ! ކޮންމެވެސް މީހަކު އެ ވާހަކަތައް ރަހީފަށް ކިޔައިދިން."

"މި ވާހަކަ އަހަންނަކަށް ސާބިތެއް ނުކޮށްދެވޭނެ އެކަމަކު ބުނެފާނަން ވާހަކައެއް،" އެހެން ނަރުހަކު ބުނެފައި އޮތެވެ. "ރަހީފު އޮތް ކޮޓަރިއަށް ޑޮކްޓަރު މުންސިރު ވަން ވަރަކަށް، އެހެން އެއްވެސް ޕޭޝަންޓެއްގެ ކޮޓަރިއަކަށް މުންސިރެއް ނުވަދޭ! އެއީ ކީއްވެ؟ އަނެއްކޮޅުން، މުންސިރު އެ ތަނަށް ވަދެއްޖެއްޔާ ނަޖާތު ވެސް އެ ތަނުން ނެރޭ! އެ ދެ މީހުން ހޮސްޕިޓަލުގަ ވަރުގަދަ މެޓާގަނޑެއް ހިލި. އަހަންނަށް އެނގޭ ރަހީފް ސަލާމަތްނުވާނެކަން."

ރަހީފު ސަލާމަތުން ހޮސްޕިޓަލަކުން ނުނެރެވުނެވެ. ބޭރަށް ގެންދަން ޑަކުޓަރުގެ ހުއްދަ ނުލިބި، ބަލިއެނދުގައި އޮވެ، ހިތްހުއްޓިގެން ރަހީފު ނިޔާވީއެވެ. ނަޖާތާއި ރަހީފުގެ މަރު ވަރަށް އެއްގޮތެވެ. ތަފާތަކީ، ނަޖާތުގެ މަރަށް ލިބުނު ވަރުގެ ސަމާލުކަމެއް ރަހީފުގެ މަރަށް ނުލިބުމެވެ. މުންސިރާ ދިމާއަށް ޝައްކުގެ ނަޒަރުން ބަލާނެ ލޮލެއް ނެތީއެވެ. ކަންކަން ހަޖަމުކުރަން މީހުންނަށް އުނދަގޫވާން ފެށީ ތަންކޮޅެއް ފަހުންނެވެ.

އިއްދަހަމަވި ދުވަހުގެ އެއް ދުވަސް ފަހުން، މުންސިރާއި ނަޖާތު ކައިވެނިކުރިއެވެ. އެއީ، މަންޒަރު ގާތުން ބެލި މީހުންގެ ނިތްކުރިއަށް ރޫއެރި ކަމެކެވެ. ހިތުގައި ޝައްކު އުފެއްދި ކަމެކެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެ ދެ މީހުން އެހާ ގާތްވީ ކިހިނެއް ހެއްޔެވެ؟ ރަހީފުގެ މަރަކީ ގުދުރަތީ މަރެއް ހެއްޔެވެ؟ މުންސިރުގެ ކައިވެނީގެ ސަބަބުން ސިހުން ނުލިބުނު އެކަކު ވެސް ނަޖާތުގެ އާއިލާއަކު ނެތެވެ. އެ ކައިވެންޏާ މެދު އެ މީހުން ހިތްހަމައެއް ނުޖެހެއެވެ. ދުލުން އެ ކަން ފާޅުނުކުރާކަމެވެ. ނަޖާތުގެ އެއްވެސް އުފަލަކަށް އާއިލާ އެކަކު ވެސް ހުރަސްއަޅާކަށް ބޭނުމެއް ނޫނެވެ.

ރަހީފަކީ މުއްސަނދި ވިޔަފާރިވެރިޔެކެވެ. ނަޖާތު ދެކެ ވަރަށް ލޯބިވި ފިރިއެކެވެ. ދެމަފިރިންގެ ދަރިއެއް ނެތެވެ. ކައިވެނިކޮށްގެން ހުއްޓައި ނިޔާވެއްޖެ ނަމަ ރަހީފުގެ މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް ނަޖާތަށް ލިބޭ ގޮތަށް ވަނީ ރަހީފު ވަސިއްޔަތްކޮށްފައެވެ. އެ ކަން އެނގޭ މީހުން މަދެވެ. ރަހީފު ނިޔާވުމާއެކު ދެން ފެނުނީ، ނަޖާތު މަހުޖަނަކަށްވި ތަނެވެ. ގިނަ މީހުންނަށް ނޭނގި އޮތް ސިއްރަކީ، ރަހީފާއި ނަޖާތުގެ ގުޅުން ބަދަހި ނޫންކަމެވެ. ސްޓްރޯކެއް ޖެހިގެން ރަހީފު ހޮސްޕިޓަލަށް ގެނައި އިރު ވެސް، އޭނަ ކައިރިން ވަރިވުމުގެ ހިޔާލެއް ނަޖާތުގެ ސިކުނޑީގައި ދިޔައީ ފައްކާވަމުންނެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟

މައްސަލައަކީ، ރަހީފުގެ ވިޔަފާރިއަށް ވަގުތުދީފައި ނަޖާތަށް ވަގުތު ނުދެވުމެވެ. ރަށުން ބޭރުގައި ރަހީފު ހޭދަކުރަންޖެހޭ ވަގުތު ގިނަވެފައި، މާލޭގައި ހުންނަ ދުވަސްކޮޅު ވެސް ލަހުން ގެއަށް އާދެވުމެވެ. އެ ހުރިހާ ކަމެއް އެހެން ހުރުމާއި، ފިރިމީހާ ބެލި ޑަކުޓަރާ ފަހުން ނަޖާތު ކައިވެނިކުރުމަކީ، މައްސަލަ ތަހުގީގު ކުރި ފުލުހުންގެ ސަމާލުކަން އެނބުރުނު ދިމާއެކެވެ. އެހެން ވިޔަސް، ފުލުހުން ފުރަތަމަ އިސްކަންދިނީ ނަޖާތުގެ މަރުގެ ތަހުގީގަށެވެ.

ފުލުހުން އާންމުކޮށް ގަބޫލުކުރާ ހަމައެއް އޮވެއެވެ. ތަހުގީގެއް ރަނގަޅަށް ކުރިޔަށްދާ ނަމަ، މާސޫމުހެން ހީވާ މީހާ ކިހާ މާސޫމުކަމާއި، ކުށްވެރިހެން ހީވާ މީހާ ކިހާ ކުށްވެރިކަން އިތުރަށް ފެންނާނެއެވެ. ނަޖާތުގެ ހަށިގަނޑުން ހިތްހުއްޓުމުގެ އަލާމާތެއް ނުފެނުނު ނަމަވެސް، ސުވާލު އުފެދޭ ކަހަލަ ނިޝާނެއް ޑަކުޓަރަކަށް ފެނުނެވެ. އެ ވާހަކަ މީޑިޔާއަށް އޭރު ތިލަނުކުރީއެވެ. ތަހުގީގަށް ހުރަސްއެޅިދާނެތީއެވެ. އެ ނިޝާނަކީ، ނަޖާތު ވައަތު ފައިގެ ފުރަގަހުގެ އެންމެ މަތިން ފެނުނު އަޅިކުލައެއްގެ ތިއްކެވެ. އެއީ އާންމު އިންޖެކުޝަން ކަށްޓަށް ވުރެ ކުޑަ ތަންކޮޅެއް ފަލަ ކަށްޓެއް ހަރައިފައިވާކަމުގެ ނިޝާނެކެވެ. ފަޔަށް އިންޖެކުޝަން ޖަހާ ނަމަ، އާންމު ގޮތެއްގައި ޖަހާނީ އެ ހިސާބަށެވެ. ޑަކުޓަރުންގެ ޓީމުން ނިންމި ގޮތުގައި، ހިތް ހުއްޓިގެން ގެނައި މީހެއްގެ އެ ތަނަށް، އެ ސައިޒުގެ ކަށްޓަކުން ޖަހަން ޖެހޭ އިންޖެކުޝަނެއް ނޯންނާނެއެވެ. އެ ނިޝާން ވަރަށް ތާޒައެވެ. އެއީ ކޮން އިރަކު، ކާކު، ކީއްކުރަން ޖެހި އިންޖެކުޝަނެއް ހެއްޔެވެ؟ އެ ބަހުސު ދިޔައީ ކުރެވެމުންނެވެ.

ފޮރެންސިކު ތަހުލީލުކުރި އިރު ރިކޯޑުކޮށްފައިވާ މަންޒަރުތައް އަލުން ބެލުމުގެ ތެރޭގައި، ޝައްކުވާ ކަހަލަ އިތުރު ކަމެއް ފެންމަތިވާން ފެށިއެވެ. އެއީ ނަޖާތުގެ އުނަގަނޑުގެ ވާތްފަރާތުން ފާހަގަވި، ފަނޑު ނޫފައިގަތުމެއްގެ އަސަރެވެ. ވަރަށް ވިސްނައިގެން ބަލައިފި މީހަކަށް މެނުވީ އެ ކަން އަޅައެއްނުގަނެއެވެ. ކުރިން ފުލުހުން ވިސްނީ ދުރު ބަޔަކު ނަޖާތަށް ކަމެއްކުރި ކަމަށެވެ. މައްސަލަ ރަނގަޅަށް ސާފުވާން ފެށީ ދުރުމި ބާއްވައި، ބޮޑުވާބިއްލޫރިގަނޑު ނެގުމުންނެވެ.

ސުވާލަކަށް ފަހު ސުވާލެއް އުފަންވިއެވެ. ނަޖާތުގެ މަރުގެ ޒިންމާއުފުލަން ޖެހޭނީ އިދިކޮޅު ޕާޓީން ހެއްޔެވެ؟ ޒާތްޒާތުގެ ތުހުމަތުތައް ކުރި ނޫސްވެރިން ހެއްޔެވެ؟ ނަޖާތު އަމިއްލައަށް މަރުވީ ހެއްޔެވެ؟ ނުވަތަ އެއީ ގާތް މީހަކު ޖެހި ކެހިވެރި މަޅިއެއް ހެއްޔެވެ؟ ރުޅިއަންނަ މީހަކު ދިން ލަނޑެއް ހެއްޔެވެ؟ އެންމެ މުހިންމު ސުވާލު އުފެދުނީ ވެސް އެ ހިސާބުންނެވެ. ނަޖާތުގެ ހިތްހުއްޓުނީ ހެއްޔެވެ؟ ނުވަތަ މުންސިރުގެ ހިތަށް އެހެން މީހަކު ތީރެއް ޖެހީ ހެއްޔެވެ؟ މުންސިރަކީ ޑަކުޓަރެކެވެ. އޭނަ އެ ފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟ ނަޖާތު މަރައިލައިގެން މުންސިރަށް ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނަޖާތުގެ މަރަކީ، ސިޔާސީކުރަން މުންސިރު މަސައްކަތްކުރި ލޯބީގެ ކެހިވެރި ކުޅިގަނޑެއް ހެއްޔެވެ؟

ނުނިމޭ