ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފުވެރި ވަނަތަކެއް ރާއްޖެ އަށް ލިބިއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފުވެރި ވަނަތަކެއް ރާއްޖެ އަށް ލިބިއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެ އަށް ޝަރަފުވެރި ތިން އެވޯޑެއް މިރޭ ލިބިއްޖެ އެވެ. އަދި ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކަށް ވެސް ވަނީ އެކި އެވޯޑުތައް ލިބިފަ އެވެ.

ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ދިނުމުގެ ހަފްލާ ސަން ސިޔާމް އިރުފުށި ރިސޯޓުގައި މިރޭ ވަނީ ބާއްވައިފަ އެވެ. މި ހަފްލާގައި ދިން އެވޯޑުތަކުގެ ތެރެއިން ރާއްޖެ އަށް ވަނީ ތިން އެވޯޑެއް ލިބިފަ އެވެ. އެއީ ދުނިޔޭގެ އެންމެ މަގުބޫލް ޑައިވް ޑެސްޓިނޭޝަންގެ އެވޯޑާއި ސްޕާ ޑެސްޓިނޭޝަންގެ އެވޯޑް އަދި ބީޗު ޑެސްޓިނޭޝަންގެ އެވޯޑެވެ.

މިނިސްޓަރުންނާއި ސަރުކާރުގެ އެކި ފަންތީގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި ހަފްލާގައި، ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ރިސޯޓުތަކަކުން ވެސް ވަނީ ރަން ވަނަތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ވޯލްޑްސް ލީޑިން ބުޓީކް ކުރޫޒްގެ އެވޯޑް: ފޯ ސީޒަންސް އެކްސްޕްލޮރާ

- ވޯލްޑްސް ލީޑިން ބުޓީކް ވިލާ ރިސޯޓުގެ އެވޯޑް: އަނަންތަރާ ވެލި ރިސޯޓް

- ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓުގެ އެވޯޑް: ހުޅެލޭ އައިލެންޑް ހޮޓެލް (އެޗުއައިއެޗު)

- ވޯލްޑްސް ލީޑިން ޑައިވް ރިސޯޓުގެ އެވޯޑް: ކޮންސްޓެންސް މޫފުށި ރިސޯޓް

- ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލެންޑުގެ އެވޯޑް: ކޯމޯ ކޮކޯ އައިލެންޑް ރިސޯޓް

- ވޯލްޑްސް ލީޑިން ނިއު ރިސޯޓް: އާވީ ނޭޗާސް ޕެރަޑައިސް ރިސޯޓް

- ވޯލްޑްސް ލީޑިން އަންޑަވޯޓާ ރެސްޓޯރަންޓުގެ އެވޯޑް: އަނަންތަރާ ކިހާވަށް ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓް

- ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓުގެ އެވޯޑް: ސަން އަކުއާ ވިލު ރީފް ރިސޯޓް

- ވޯލްޑްސް މޮސްޓް ރޮމޭންޓިކް ރިސޯޓުގެ އެވޯޑް: ބަރޮސް މޯލްޑިވްސް ރިސޯޓް

މީގެ އިތުރުން، ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތަކަށް ދޭ ވޯލްޑް ޓޫރިޒަމް ޕަޔަނިއާ އެވޯޑް، ރާއްޖޭގެ ސަން ސިޔާމް ރިސޯޓްސް ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދަށް ވަނީ ލިބިވަޑައިގެންފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ދިނުމުގެ ހަފްލާ އަނެއްކާ ވެސް މި އަހަރު ރާއްޖޭގައި ބާއްވާފައި ވާއިރު، މި ހަފްލާ އަށް ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި މި ދާއިރާގެ ތަޖުރިބާކާރުން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ބޮޑެތި ހޮޓާ އަދި ރިސޯޓް ޗެއިންތަނުގެ އިސް ވެރިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ 23 އަހަރު ކުރިން ދޭން ފެށި ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ދުނިޔޭގެ އެކި ސަރަހައްދުތައް ވަކިން ހަފުލާތައް ބޭއްވުމަށް ފަހު، ކޮންމެ ސަރަހައްދަކުން ވެސް ހޮވޭ ފަރާތްތައް ޝޯޓްލިސްޓުކޮށްގެން، ދުނިޔޭގެ ފެންވަރުގައި ވޯޓަކަށް ހުޅުވާލައިގެންނެވެ.