ކިޑްނެޕަރުންނަށް ތާލިބާނުން ދިން އަދަބަކީ މަރާލުމަށް ފަހު ކްރޭނެއްގައި އެލުވުން
ކިޑްނެޕަރުންނަށް ތާލިބާނުން ދިން އަދަބަކީ މަރާލުމަށް ފަހު ކްރޭނެއްގައި އެލުވުން

ކާބުލް (ސެޕްޓެމްބަރު 26) - އަފްޣާނިސްތާނުގައި ވިޔަފާރިވެރިއަކު ވަގަށް ނަގަން އުޅުނު ހަތަރު މީހުން މަރާލުމަށް ފަހު އެ ގައުމުގެ ހުޅަނގުގެ ހިރާތު ސިޓީގައި ކްރޭނެއްގެ ކުރީގައި އެ މީހުން އެލުވައިފި އެވެ.

ތާލިބާނުންގެ ފަރާތުން މި އަނިޔާވެރި އަމަލު ފެނިގެން ގޮސްފައި މި ވަނީ މަރުގެ އަދަބާއި އަތާއި ފައި ކެނޑުން ފަދަ ހަރުކަށި އަދަބުތައް ދޭން އަލުން ފަށާނެ ކަމަށް ތާލިބާނުންގެ އޮފިޝަލަކު އިންޒާރުކޮށްފައި ވަނިކޮށެވެ.

ހަތަރު މީހުންގެ ގަޔަށް ބަޑި ޖަހައި މަރާލާފައި ވަނީ ވިޔަފާރިވެރިއަކާއި އޭނާގެ ފިރިހެން ދަރިފުޅު ވަގަށް ނަގަން އެ މީހުން މަސައްކަތް ކުރަން އުޅުމުން ކަމަށް އޮފިޝަލުން ބުނެ އެވެ.

ހިރާތުގެ ޑެޕިއުޓީ ގަވަރުނަރު މައުލްވައި ޝައިރު އަހުމަދު އީމާރު ބުނީ ވިޔަފާރިވެރިއަކު ވަގަށް ނެގި ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ތާލިބާނުން ވަނީ މަގުތަކަށް ނުކުމެ ޗެކް ޕޮއިންޓްތައް ފާސްކޮށް އެންމެ ފަހުން އެ މީހުން ހޯދާފައި ކަމަށެވެ. އަދި އެ މީހުން މަރާލީ ދެ ފަރާތުން ވެސް ބަޑީގެ ހަމަލާތައް ބަދަލުކުރުމަށް ފަހު ކަމަށް ބުންޏެބެ.

"އެ ހަތަރު މީހުންގެ ހަށިގަނޑު ހިރާތުގެ މައިދާނުގައި އެލުވީ ކިޑްނެޕްކުރަން އުޅޭ އެހެން މީހުންނަށް ވެސް ހުރި އިންޒާރެއް، އަދި ފިލާވަޅެއްގެ ގޮތުގައި،" އޭނާ ބުންޏެވެ.

އަފްޣާނިސްތާނުގެ ވެރިކަން އޮގަސްޓް 15 ވަނަ ދުވަހު ހޯދުމަށް ފަހު ތާލިބާނުން ބުނެފައި ވަނީ ކުރިން އެ މީހުން ގެންގުޅުނު ހަރުކަށި އުސޫލުތައް ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް ވެރިކަން ހޯދުމަށް ފަހު ލާއިންސާނީ އެތައް އަމަލެއް އެ މީހުން ހިންގާކަމުގެ ރިޕޯޓްތައް ވަނީ ލިބެން ފަށައިފަ އެވެ.