26 ސެޕްޓެމްބަރ 2021 - 00:13

މިއަދު ހެނދުނު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވެސް އިންތިހާބު ކާމިޔާބުކޮށްފި އެވެ.
އިންތިހާބު ކާމިޔާބުކުރެއްވި ކުންފުނިތަކުގެ ވެރިންނަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭގެ)ގެ އިތުރުން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.
މަތި ދެކުނު ޕްރޮވިންސަށް ވާދަކުރައްވައި އަމުރު ކާމިޔާބުކެއްވިއިރު ސައީދު ކާމިޔާބުކުރެއްވީ ގައްދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވަ އެވެ. އަދި މޫކޭ އިންތިހާބު ކާމިޔާބުކުރެއްވީ މަޑުއްވަރީ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވަ އެވެ. ރިޒްވީ ކާމިޔާބު ކުރެއްވީ ބިލެތްދޫ ދާއިރާގެ ރައީސްކަމެވެ. ހުރިހާ ބޭފުޅުން ވެސް ވަނީ ވަރަށް ބޮޑަށް ކެމްޕޭން ކުރައްވައިފަ އެވެ.
އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.
ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، ޕާޓީގެ ތެރޭގައި ދެ ބޭފުޅުންނަށް ތާއީދުކުރައްވާ ފެކްޝަން އުފެދިފައިވާއިރު، ގައުމީ މަޖިލީހުގެ ކެމްޕޭންގެ ވާދަވެރިކަން ބޮޑުވީ އެހެންވެ އެވެ.
އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ނަޝީދު ހުންނެވީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެންޑިޑޭޓުންނާ އެކުގަ އެވެ. ރައީސަށް ތާއީދު ކުރާ މީހުން ޖުމުލަ ގޮތެއްގައި އެކަމާ ދެކޮޅެވެ.
ރައީސްގެ ފެކްޝަނަށް ނިސްބަތްވާ، ތިން ވަޒީރުން ކަމަށްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް އިންތިހާބު ކާމިޔާބުކުރެއްވި އެވެ.