25 ސެޕްޓެމްބަރ 2021 - 23:45

އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން، ގަތަރުގައި މިހާރު ކުރިއަށްދާ ޓްރޭނިން ކޭމްޕްގައި އެ ގައުމުގެ އާމީ ކްލަބާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެ އެވެ.
ދޯހާގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ފުރަތަމަ ލީޑު ނެގީ އާމީ ކްލަބުންނެވެ. ރާއްޖެއިން ނަތީޖާ ހަމަހަމަ ކުރީ އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑުންނެވެ.
ގަތަރުގައި ކުޅުނު ފުރަތަމަ ޓްރޭނިން މެޗުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖެއިން ވަނީ ގަތަރުގެ ދެ ވަނަ ޑިވިޝަން ކްލަބު ލުސައިލް ސިޓީ ބަލިކޮށްފަ އެވެ.
ދޯހާގެ ކޭމްޕުގައި ރާއްޖެއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ، އަވައްޓެރި ސްރީ ލަންކާއާ އެކު އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް ކުޅުމަަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ލަންކާ އިން ގަތަރަށް ކުރަން ހަމަޖެހިފައިވާ ޓްރޭނިން ކޭމްޕް ސައުދީ އަރަބިއާއަށް ބަދަލު ކުރުމުންނެވެ.
"ގަތަރުގެ ވިސާ ނުލިބުމުން ލަންކާއިން ސައުދީ އަށް ކޭމްޕް ބަދަލުކުރީ. އެހެންވެ އަޅުގަނޑުމެންނަށް ލަންކާއާ ދެކޮޅަށް ނުކުޅެވުނީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު "މިހާރު" އަށް ވިދާޅުވި އެވެ.
ލަންކާ އަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ރާއްޖެއިން މެޗު ކުޅެން މަސައްކަތް ކުރި ދެ ވަނަ ޓީމެވެ. ޓްރޭނިން ކޭމްޕުގައި ގަތަރަށް ރާއްޖެ ޓީމު ފުރުމުގެ ކުރިން ވެސް އެފްއޭއެމުން ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ވެސް މެޗެއް ކުޅެން މަސައްކަތްކޮށްފަ އެވެ. ރާއްޖެއާ އެކު މެޗުތަކެއް ކުޅެން ބަންގްލަދޭޝް އަށް ދިއުމަށް ދައުވަތު ލިބުނެވެ. ނަމަވެސް ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން އެ ގައުމަށް ދަތުރު ކުރުން ރައްކާތެރި ކަމަކަށް ނުވާތީ އެފްއޭއެމުން ނިންމީ މެޗު ކުޅެން އެ ގައުމަށް ދަތުރު ނުކުރުމަށެވެ. އޭގެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި މެޗެއް ކުޅުމަށް އެފްއޭއެމުން ހުށަހެޅި ކަމަށް، އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.
އެފްއޭއެމުން ބުނިގޮތުގައި ގަތަރުގެ ކްލަބުތަކާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ރޭވީ އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް ކުޅެން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. ޓްރޭނިން ކޭމްޕް ނިންމުމަށް ފަހު ޓީމު މާލެ އަންނާނީ އަންނަ އަންގާރަ ދުވަހު އެވެ.
އަންނަ މަހު 1-16 އަށް މާލޭގައި ބާއްވާ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ ނޭޕާލްއާ ދެކޮޅަށެވެ. މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރު 16 ގަ އެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.
- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ރާއްޖެ
- އޮކްޓޯބަރު 7 (ރޭގަނޑު): ރާއްޖެ - ބަންގަލަދޭޝް
- އޮކްޓޯބަރު 10 (ހަވީރު): ރާއްޖެ - ސްރީ ލަންކާ
- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ރާއްޖެ