03 ޑިސެމްބަރ 2016 - 08:41

ލަންޑަން (ޑިސެމްބަރު 3) - ޖަރުމަނު ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް އާރްބީ ލީޕްޒިގުގެ ކޯޗު އޮސްޓްރިއާގެ ރަލްފް ހޭޒަންހަޓްލްއާ އާސެނަލުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުން ސައުތެމްޓަން އަތުން ބަލިވެ އާސެނަލް ކެޓުމުން އެ ޓީމުގެ ކޯޗު އާސެން ވެންގާގެ މުސްތަގުބަލާ ގުޅޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ. ވެންގާގެ ކުރިމަގާ ގުޅޭގޮތުން އާސެނަލްގެ ބޯޑުން މަޝްވަރާކޮށްފައިވާ ކަަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ހޭޒަންހަޓްލް ލިޕްޒިގާ ހަވާލުވީ މިދިޔަ ޖުލައި މަހު އެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ޖަރުމަނު ލީގުގައި އެ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވެ އެވެ. އޭނާ އަށް ޔޫރަޕްގެ ގިނަ ޓީމުތަކުން އަންނަނީ ފާރަލަމުންނެވެ. އިންޓަގެ ކޯޗުކަމުން ފްރޭންކް ޑިބޮއާ ވަކިކުރުމަށް ފަހު އެ ޓީމުން ވެސް ވަނީ ހޭޒަންހަޓްލްއާ ވާހަކަ ދައްކައިފަ އެވެ.
"އެއީ ތެދެއް. އާސެނަލުން ވަނީ އަހަންނާ މަޝްވަރާކޮށްފައި. އެކަމަކު އެއީ މިވަގުތަށް މުހިއްމު ކަމެއް ނޫން. އަހަރެން ދެކޭ ގޮތުގައި ދުނިޔޭގެ ނަން މަޝްހޫރު ކްލަބަކުން އަހަންނާ ވާހަކަ ދެއްކުމަކީ އަހަންނަށް ލިބޭ ކުރިއެރުމެއް،" އުމުރުން 49 އަހަރުގެ ހޭޒަންހަޓްލް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން އާސެނަލަށް މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުން އެދެވޭ ކާމިޔާބެއް ނުލިބިއްޖެނަމަ ވެންގާ މަގާމުން ދުރު ކުރުމުގެ ފުރުސަތު ބޮޑެވެ.
އާސެނަލްގެ ކޯޗުކަމާ 1996 ވަނަ އަހަރު ހަވާލުވެ، ވެންގާ ވަނީ އެ ޓީމަށް ގިނަ ކުރިއެރުންތަކެއް ހޯދައިދީފަ އެވެ. މޮޅު ކުޅުންތެރިންތަކެއް އުފައްދައިގެން ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އެހެން ނަމަވެސް ވެންގާ އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ 2004 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ލީގު ހޯދިފައިނުވާތީ އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ ތިން ފަހަރު އެފްއޭ ކަޕް އުފުލާލައިފަ އެވެ.
ލީގުގައި މިވަގުތު ހަތަރު ވަނައިގައި އޮތް އާސެނަލް މިރޭ ރަށުން ބޭރުގައި ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. ވެންގާ ބުނީ ކުރީގެ ފޯމަށް އަލުން އެޅުމަށާއި ލީގުގައި ކުރިއަށްދިއުމަށް މިއީ މޮޅުވުން މަޖުބޫރު މެޗެއް ކަމަށެވެ.
"ލީގު ކަޕުގެ ނާކާމިޔާބީ ހަނދާނުގައި އެބަހުރި. ނަވާރަ މެޗަށް ފަހު ފުރަތަމަ ބަލިވުމަކީ މާޔޫސްވާންވީ ސަބަބެއް ނޫން. ކުރިއަށްދާން ވިސްނާއިރު ވެސްޓް ހޭމް އަތުން މޮޅުވުން ވަރަށް މުހިއްމު. މިއީ ލީގުގައި ނަތީޖާ ނެރުން މުހިއްމު މެޗުތަކެއް،" ވެންގާ ބުންޏެވެ.
ލީގުގައި މިރޭ ވެސްޓް ހޭމާއި އާސެނަލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.