ސިޑިމައްޗަށް ކުޑަކަމުދިޔައީ ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަފެއް، މައާފަށް އެދެން: ވެމްކޯ
ސިޑިމައްޗަށް ކުޑަކަމުދިޔައީ ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަފެއް، މައާފަށް އެދެން: ވެމްކޯ

ވެމްކޯގެ މުވައްޒަފަކު ގެއެއްގެ ސިޑިއަަށް ކުޑަކަމުދާ ވީޑިއޯއެއް އާންމުވެފައިވާއިރު އެ މުވައްޒަފަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށާއި މައްސަލަ ދިމާވި ގޭބިސީ އަށް ގޮސް ވެމްކޯގެ މުވައްޒަފުން މިއަދު މައާފަށް އެދިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއަކުންް ފެންނަނީ، މާފަންނު ކޮޅުގައި ހުންނަ ގެއަކަށް މިދިޔަ ބުދަ ދުވަހު، ކުނި ނަގަން ވަތް މުވައްޒަފެއް، އެ ގޭގެ ސިޑި މައްޗަށް ކުޑަކަމުދާ މަންޒަރެވެ. އެކަމާ ގުޅިގެން ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ވީޑިއޯއާ ގުޅިގެން މައްސަލަ ރައްދުވާ ކަސްޓަމަރާއި، މައްސަލަ ދިމާވި ގޭބިސީއަށް އެ ކޯޕަރޭޝަނުގެ މުވައްޒަފުން ޒިޔާރާތްކޮށް މައާފަށް އެދިފައިވާ ކަމަށެވެ.

"މިފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ހިދުމަތްތައް ބައްޓަންކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ." ވެމްކޯގެ ބަޔާނުގައިވެ އެވެ.

ވެމްކޯ އިން ބުނި ގޮތުގައި ކުނި ނަގަން ދިޔަ މުވައްޒަފަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ނަމަވެސް އޭނާގެ ފަރާތުން މީގެ ކުރިން އެފަދަ މައްސަލައެއް ފާހަގަކުރިފައެއް ނުވެ އެވެ. އެކަމަކު މައްސަލައިގެ ބާވަތުން އޭނާ ވަގުތީ ގޮތުން އެ ކޯޕަރޭޝަންގެ ހައުސްހޯލްޑް އޮޕަރޭޝަންތަކުން އެކަހެރިކޮށްފައިވާ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ބުނީ އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން އެފަދަ އެކި ފަރުދުންނަށް އެ ކޯޕަރޭޝަންގެ އެކި މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށެވެ.

ވެމްކޯ އިން އެދެނީ އެ މައްސަލަ ބަލަމުންދާ މިދަނޑިވަޅުގައި ހަގީގަތް އޮޅޭ ގޮތަށް އަދި ވެމްކޯގެ އެއްވެސް މުވައްޒަފަކަށް ކުޑައިމީސްކޮށް ހަބަރު ނުފެތުރުމަށެވެ.