25 ސެޕްޓެމްބަރ 2021 - 20:32

ލަންޑަން (25 ސެޕްޓެމްބަރު) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ މިރޭ ބަލިކޮށްފި އެވެ.
ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކުރީ 1-0 އިންނެވެ.
ސިޓީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނިޓުގައި ޖަހައިދިނީ ގެބްރިއަލް ޖީސަސް އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ޖީސަސް ކޮންޓްރޯލްކޮށްލާފައި ފޮނުވާލުމުން ގޮސް ގޯލުގެތެރެއަށް ވަނީ ޖޯޖީނިއޯ ފައިގައި ޖެހި، މިސްރާބު ބަދަލުވެގެންނެވެ.
މީގެ އިތުރުން ވެސް ސިޓީން ވަނީ މެޗުގައި ޗެލްސީ ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އޭގެ ތެރެއިން ހަތަރު ހަމަލާ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ. ޗެލްސީއަށް މިމެޗުގައި ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ފަހަތުން ކަނާތް ފަރާތަށް ކުޅޭ ރީސް ޖޭމްސް އަށް އަނިޔާވެ ބަދަލުކުރަން ޖެހުނުއިރު ބަދަލުގައި ކުޅެން އެރުވީ 37 އަހަރުގެ ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ.
އެސްޓަން ވިލާއިން މި ސީޒަނުގައި 100 މިލިއަން ޕައުންޑަށް ސިޓީއަށް ބަދަލުވި ޖެކް ގްރީލިޝް ވަނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މި ނަތީޖާއާ އެކު ސިޓީން ވަނީ ޕޮއިންޓްގެ ގޮތުން ޗެލްސީއާ އެއްވަރުކޮށްފަ އެވެ. އަދި ފައިދާ ގޯލުގެ ތަފާތުން ކުރިހޯދައި ލީގު ތާވަލުގައި ޗެލްސީއަށް ވުރެ ކުރިއަށް ވެސް ޖެހިލައިފަ އެވެ.
މިއީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު މި ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ. އަދި ތޯމަސް ޓުޗެލް މިދިޔަ ޖެނުއަރީ މަހު ޗެލްސީއާ ހަވާލުވި ފަހުން ގާޑިއޯލާގެ ސިޓީ އަތުން ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ. ޓުޗެލް ވަނީ ޗެލްސީއާ އެކު މިދިޔަ ސީޒަނުގައި ތިން ފަހަރު ސިޓީއާ ދެކޮޅަށް ކުޅެ މޮޅުވެފަ އެވެ.