25 ސެޕްޓެމްބަރ 2021 - 19:27

މެންޗެސްޓާ (ސެޕްޓެމްބަރު 25) - ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ނާކާމިޔާބުވެ މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ. ލީގުގައި ޔުނައިޓެޑުން އެސްޓަން ވިލާއާ ވާދަކޮށް ބަލިވީ 1-0 އިންނެވެ.
މެޗުގައި އެސްޓަން ވިލާގެ ފަރާތުން ފެނުނު ހަމައެކަނި ގޯލް ޖަހައިދިނީ ޑިފެންޑަރު ކޯޓްނީ ހޯސް އެވެ. އޭނާ މި ލަނޑު ޖެހީ 88 ވަނަ މިނިޓުގައި ޑަގްލަސް ލުއިޒް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ގޯލަށް ވައްދާލައިގެންނެވެ. އެސްޓަން ވިލާއިން މި ގޯލު ޖެހިތާ ފަސް މިނިޓު ފަހުން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނީ ހިލޭ ޖެހުމަކުން ބްރޫނޯ ފެނާންޑޭޒް އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ އެޑިންސަން ކަވާނީ ބޮލުން ޖެހުމުން ހޯސް އަތުގައި ޖެހުމުންނެވެ.
މި ސީޒަނުގައި ޔުނައިޓެޑަށް ލިބުނު ފުރަތަމަ ޕެނަލްޓީގައި ބްރޫނޯ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިންނެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑަށް މި ފަހަކަށް އައިސް އެޓީމަށް ހައްގު ޕެނަލްޓީ ނުލިބޭ ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.
ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ އަށް އަނިޔާވެ ބަދަލުކުރަން ޖެހުނު އިރު ދެވަނަ ހާފުގައި ކެޕްޓަން ހެރީ މެގުއާ ވެސް ވަނީ އަނިޔާގެ ސަބަބުން ބަދަލު ކޮށްފަ އެވެ.
މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑު ބަލިވި ފުރަތަމަ ފަހަރެވެ. އެސްޓަން ވިލާގެ މި ކާމިޔާބީއާ އެކު އެޓީމު ޔުނައިޓެޑް އަތުން މޮޅު ނުޅެއް ނުހޯދޭތާ ވީ 17 މެޗުގެ ދިގު ސިލްސިލާއަށް ވަނީ ނިމުން އައިސްފަ އެވެ. ވިލާ އެންމެ ފަހުން ލީގުގައި ޔުނައިޓެޑް އަތުން މޮޅުވީ ޑިސެމްބަރު 2009 ގައި އޯލްޑް ޓްރަފޯޑްގަ އެވެ. އެމެޗު ވެސް ވިލާ ކާމިޔާބުކުރީ 1-0 އިންނެވެ.