25 ސެޕްޓެމްބަރ 2021 - 10:35

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.
ވާދަވެރިކަން ބޮޑުވެފައިވާ އެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށާފައި ވާއިރު، ހަވީރު 5:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރެ އެވެ.
އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.
މި އިންތިހާބު މިއަދު ބާއްވާއިރު، ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، ޕާޓީގެ ތެރޭގައި ދެ ބޭފުޅުންނަށް ތާއީދު ކުރައްވާ ފެކްޝަން ވަނީ އުފެެދިފަ އެވެ.
ގައުމީ މަޖިލީހުގެ ކެމްޕޭންގެ ވާދަވެރިކަން ބޮޑުވެފައި ވަނީ އެ ދެ ބޭފުޅުންގެ ވާދަވެރިކަމާ ހެދި އެވެ. އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ނަޝީދު ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށެވެ. ރައީސަށް ތާއީދު ކުރައްވާ ބޭފުޅުން ޖުމްލަ ގޮތެއްގައި އެކަމާ ދެކޮޅެވެ.
ވާދަވެރިކަން ބޮޑުވެ މައްސަލަތަކެއް އުފެދިފައި ވިޔަސް އިންތިހާބު ނިިމުމުން ޕާޓީ އެކަތިގަނޑަކަށް ވާނެ ކަމަށާއި ބައިބައި ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފަ އެވެ.