ކުރީގެ ބަތަލާ ޕަރްވީން ބާބީގެ ވެބް ސީރީޒެއް ހަދަނީ
ކުރީގެ ބަތަލާ ޕަރްވީން ބާބީގެ ވެބް ސީރީޒެއް ހަދަނީ

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ބޮލީވުޑްގެ ކުރީގެ ބަތަލާ ޕަރްވީން ބާބީގެ ވާހަކަ ކިޔައިދޭ ވެބް ސީރީޒެއް ހަދަން ނިންމައިފި އެވެ.

ފިލްމުފެއާ އިން ބުނި ގޮތުގައި އެ ހަދަން ނިންމާފައި ވަނީ ލިޔުންތެރިޔާ ކަރިޝްމާ އުޕަދޭ ލިޔުނު ޕަރްވީންގެ ބައޮގްރަފީ އަށް ބިނާކޮށެވެ. އޭގެ ރައިޓްސް ހޯދާފައި ވަނީ ޕްރޮޑިއުސަރު ސްނޭހާ ރަޖާނީ އެވެ. ފިލްމުފެއާ އިން ބުނީ އޭނާ ފުރަތަމަ ނިންމީ ބައޮގްރަފީ އަށް ބިނާކޮށް ފީޗާ ފިލްމެއް ހަދަން ކަމަށާއި އެކަމަކު ފިލްމަކުން މުޅި ވާހަކަ އަށް ފުރިހަމަ އަށް އިންސާފުކޮށް ނުދެވޭނެތީ ގިނަ އެޕިސޯޑްތަކެއް އެކުލެވޭ ވެބް ސީރީޒެއް ހަދަން ނިންމީ ކަމަށެވެ. އެކަމަކު މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

ބަތަލާ ކަންގަނާ ރަނާވަތު ވަނީ ޕަރްވީންގެ ހަޔާތަށް ހެދި ފިލްމެއް ކުޅެފަ އެވެ. އެއީ ޕަރްވީންއާ ގިނަ ދުވަސްތަކެއް ވަންދެން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ފިލްމު ކުންފުނިން 2006 ގައި ގެނެސްދިން "ވޯ ލަމްހޭ" ގަ އެވެ. މަހޭޝްގެ ސްކްރީންޕްލޭއަކަށް ހެދި އެ ފިލްމު ޑައިރެކްޓްކުރީ މޯހިތު ސޫރީ އެވެ. "ވޯ ލަމްހޭ" ގެ ބަތަލަކީ ޝައިނީ އަހޫޖާ އެވެ. މަހޭޝް ޑައިރެކްޓްކޮށް 1982 ގައި ގެނެސްދިން ފިލްމު "އަރުތު" އަކީ ކައިވެނީގެ ބޭރުން ޕަރްވީންއާ އޭނާ ބޭއްވި ގުޅުމަށް ބިނާކޮށް ގެނެސްދިން ސެމީ-ބައޮގްރަފިކަލް ޑްރާމާއެކެވެ. އޭގައި ޕަރްވީންގެ ރޯލު ކުޅުނީ ސުމީތާ ޕަޓޭލް އެވެ.

ހަތްދިހައިގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ރީތި އަދި އެހާމެ ސްޓައިލިޝް ބަތަލާއެއްގެ ގޮތުގައި މަޝްހޫރުވި ޕަރްވީން އަށް ސިކުނޑީގެ މައްސަލަތަކާއި އަދި އަދި އެ ނޫން ވެސް ސިއްހީ އެތައް މައްސަލަތަކެއް ދިމާވެ ކެރިއަރު ހަލާކުވެ، ވަރަށް ހިތްދަތި ގޮތަކަށް ވަކިވެ ދިޔައީ އުމުރުން 50 އަހަރުގައި 2005 ގަ އެވެ.

ޕަރްވީން ރައްޓެހިވި އެކްޓަރުންގެ ތެރޭގައި ކަބީރް ބޭދީ އާއި ޑެނީ ޑެންޒޯންގްޕާ ހިމެނެ އެވެ.