ގައުމީ ފުޓުބޯޅަ ޓީމުގެ ކިޓް ޕާޓްނަރުކަން ފުރަތަމަ ފަހަރަށް ދިވެހި ކުންފުންޏަކަށް
ގައުމީ ފުޓުބޯޅަ ޓީމުގެ ކިޓް ޕާޓްނަރުކަން ފުރަތަމަ ފަހަރަށް ދިވެހި ކުންފުންޏަކަށް

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކިޓް ޕާޓްނަރަކަށް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އައިލެންޑް އެޕެރަލްސް ހަމަޖައްސައިފި އެވެ.

މިއީ ގައުމީ ޓީމުގެ ކިޓް ޕާޓްނަރުކަން ދިވެހި ކުންފުންޏަކާ ހަވާލުކުރި ފުރަތަމަ ފަހަރެވެ.

އޮފިޝަލް ކިޓް ޕާޓްނަރުކަން ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އެވެ. އަދި އައިލެންޑް އެޕަރަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އަލީ މުޝްހަދެވެ.

އެންމެ ފަހުން ރާއްޖޭގެ ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ޖޯޒީ ފޯރު ކޮށްދިނީ ސްޕޭނުގެ މަޝްހޫރު ކުންފުނި ޖޯމާއިންނެވެ. އެއަށް ފަހު ގައުމީ ޓީމުގެ ކިޓް ޕާޓްނަރަކަށް ހަމަޖެއްސީ ހަމަ އެ ގައުމުގެ ކެލްމީ އެވެ.

އަންނަ އޮކްޓޯބަރު 1-16 އަށް ރާއްޖޭގައި ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމް ނުކުންނާނީ ސައްތައިން ސައްތަ ދިވެހިންގެ މަސައްކަތާއެކު އެވެ. ގައުމީ ޓީމުގެ ކޯޗިން ޓީމުގައި ވެސް މިފަހަރު މުޅިން ވެސް ދިވެހިން ހިމަނާފައިވާއިރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ވެސް ހަމަޖައްސާފައި ވަނީ އުރީދޫ މޯލްޑިވްސް އެވެ. މީގެ އިތުރުން މުބާރާތުގެ ލޯގޯއާއި ބްރޭންޑިންގެ މަސައްކަތްކޮށްފައި ވަނީ ރާއްޖޭގެ މާކެޓިން އަދި އެޑްވަޓައިޒިން ކުންފުންޏެއް ކަމަށްވާ ނޯވާ އެސޯސިއޭޓްސްގެ ދިވެހި ސްޓާފުންނެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕަށް އައިލެންޑް އެޕެރަލްސް އިން ޑިޒައިން ކޮށްފައިވާ ޖާޒީ ރަސްމީކޮށް ދައްކާލުން އޮންނާނީ މިމަހު 30 ވަނަ ދުވަހު ބާއްވާ ހާއްސަ އިވެންޓެއްގަ އެވެ. މި ޖޯޒީ ޑިޒައިންކޮށްފައި ވަނީ އަބްދުﷲ ނަޝާތެވެ.