24 ސެޕްޓެމްބަރ 2021 - 11:54

ކޮލަމްބޯ (ސެޕްޓެމްބަރު 24) - އޭނާ ތައްޔާރުކުރާ ބަރަކާތްތެރި ފެނެއް ކޯރުތަކަށް އަޅައިގެން ކޮވިޑުން މުޅިން އަރައިގަނެވޭނެ ކަމަށް ބުނި ލަންކާ މީހާ އަށް ކޮވިޑް ޖެހިގެން ފަރުވާދެމުން ދަނިކޮށް އިއްޔެ މަރުވެއްޖެ އެވެ.

އުމުރުން 48 އަހަރުގެ އެލިޔަންތާ ވައިޓަށް ކޮވިޑް ޖެހުނީ މި މަހު ކުރީކޮޅު އެވެ. މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
އެލިޔަންތާ ބުނެފައި ވަނީ އޭނާ ތައްޔާރު ކުރާ "ބަރަކާތްތެރި ފެން" ކޯރުތަކަށް އަޅައިގެން ލަންކާ އާއި އިންޑިއާ ކޮވިޑުން މުޅިން ސަލާމަތްވާނެ ކަމަށެވެ. އެލިޔަންތާ ތައްޔާރުކުރާ ފެން ވަނީ ލަންކާގެ ކުރީގެ ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީ ވެސް އެޕްރޫވް ކުރައްވައިފަ އެވެ. އެކަމަކު އޭނާ އަށް ވެސް ކޮވިޑް ޖެހިގެން އައިސީޔޫގައި ވަނީ ދެ ހަފުތާ ވަންދެން ފަރުވާދީފަ އެވެ. ފަހުން ވަނީ ހެލްތު މިނިސްޓަރު މަގާމުން ދުރުކޮށްފަ އެވެ.
އެލިޔަންތާ މަޝްހޫރުކަން ހޯދާފައި ވަނީ އިންޑިއާގެ ކްރިކެޓް ތަރި ސަޗިން ޓެންޑްލްކާގެ ކަކުލަށް ފަރުވާކޮށް، ރަނގަޅު ކުރުމުންނެވެ. ސަޗިން 2010 ގައި ވަނީ އެލިޔަންތާ އަށް ޝުކުރު އަދާކޮށްފަ އެވެ.
އެލިޔަންތާގެ އާއިލާ އިން ބުނެފައިވާ ގޮތުގައި ކޮވިޑް ވެކްސިން ޖެހުމަށް އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ. ލަންކާގެ ޑޮކްޓަރުން ވަނީ އެލިޔަންތާ ދައްކާ ވާހަކަ ގަބޫލް ނުކުރަން ގޮވާލައިފަ އެވެ.
އެލިޔަންތާ ބުނެފައިވާ ގޮތުގައި އެ ފެން ތައްޔާރު ކުރާނެ ގޮތް އޭނާ އަށް ދަސްވީ ހުވަފެނަކުންނެވެ. އަދި އުމުރުން 12 އަހަރުން ފެށިގެން އޭނާ އަށް ޚާއްސަ ބާރުތަކެއް ލިބިފައިވާ ކަމަަށް އެލިޔަންތާ ދިޔައީ ބުނަމުންނެވެ. އޭނާ ވަނީ ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އަށް ވެސް ފަރުވާކޮށްދީފަ އެވެ.
އެލިޔަންތާގެ ހަށިގަނޑު އިއްޔެ ވަނީ ލަންކާގެ ކޮވިޑް ޕްރޮޓޯލާ އެއްގޮތަށް އަންދައިފަ އެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 12،000 އަށް އަރާފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ބައި މިލިއަނަށް އަރައިފަ އެވެ.