އިތުރު މީހަކާ އެކު ކޮވިޑްގައި މި މަހު މަރުވި މީހުންގެ އަދަދު ހަތަރަކަށް!
އިތުރު މީހަކާ އެކު ކޮވިޑްގައި މި މަހު މަރުވި މީހުންގެ އަދަދު ހަތަރަކަށް!

ކޮވިޑް ބަލީގައި މިއަދު އިތުރު މީހަކު މަރުވެ، މި މަހު މި ބަލީގައި މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރައިފި އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ 46 އަހަރު ދިވެހި އަންހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 230 ވަނަ މީހާ އެވެ.

މީގެ ހަ ދުވަސް ކުރިން، ހަމަ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި 87 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މި ބަލީގައި މަރުވެފަ އެވެ. އޭގެ ކުރިން މި މަހު 16 ގައި ގދ. ކޮވިޑް ފެސިލީޓީގައި 89 އަހަރު ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ. މި މަހު އެންމެ ފުރަތަމަ މަރުވީ 80 އަހަރު ދިވެހި ފިރިހެނެކެވެ. ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ފަރުވާ ހޯދަމުން އައި އެ މީހާ މަރުވީ މި މަހު ހައެއްގަ އެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވާ މީހުންގެ އަދަދު މިދިޔަ ދެ މަހެއްހާ ދުވަހު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މި ވަގުތު ކޭސްތައް އެންމެ ގިނައީ ރަށްރަށުގަ އެވެ. އާންމުކޮށް ދުވާލެއްގެ ކޭސްތައް މިހާރު އުޅެނީ 100-200 އާ ދެމެދުގަ އެވެ.

އާބާދީގެ ބޮޑު ބައެއް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާއިރު، މި ބަލީގައި އެޑްމިޓުކޮށްގެން ފަރުވާދޭން ޖެހޭ މީހުން ވެސް ވަނީ މަދުވެފަ އެވެ.

މި ދުވަސްވަރު ރާއްޖޭގައި ހަލުވިކަމާ އެކު އަރިދަފުސް ރޯގާއި ވައިރަލް ހުން ވެސް ފެތުރެމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.