23 ސެޕްޓެމްބަރ 2021 - 18:42

ހުޅުވަން ތައްޔާރުވެފައި އޮތް "ސިޔާމް ވޯލްޑް" ރިސޯޓުގައި ފުލުހުން ޑްރަގްސް އޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން އެ ރިސޯޓަށް އެރީ މަސްތުވާތަކެތި ވިއްކާ އަދި ބޭނުން ކުރަމުންދާކަމުގެ މައުލޫމާތު ލިބިގެންނެވެ. ނ. ދިގުރަށުގައި ހަދާފައިވާ އެ ރިސޯޓުގައި ފުލުހުން މި ވަގުތު ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި މި މަހު ކުރީ ކޮޅު ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި އެ ރިސޯޓަށް ފުލުހުން އަރައި މީހަކު ހައްޔަރު ކުރި އެވެ.
ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސިޔާމް މުހައްމަދުތަރައްގީ ކުރަމުން ގެންދާ 490 ކޮޓަރީގެ ސިޔާމް ވޯލްޑް ހުޅުވަން ނިންމާފައި ވަނީ އަންނަ މަހު ފަހުކޮޅު އެވެ.
އެ ރިސޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ސޮވްރިން ގެރެންޓީ ނަގައިގެން ތަރައްގީ ކުރާ ރިސޯޓެކެވެ. އަދި އެއީ އިންޑިޔާ ކަނޑުގައި އަޅާ އެންމެ ބޮޑު ފްލޯޓިން ވޯޓާ ޕާކު ވެސް ހިމެނޭ ރިސޯޓެވެ.