23 ސެޕްޓެމްބަރ 2021 - 14:53

އެންމެ ކުޑަ މުސާރަ މިނިމަމް ވޭޖް ބޯޑުން މިއަދު ވެސް ކަނޑައަޅަންވީ ކަމަށާއި އެކަމުގައި ސިޔާސީ އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިނިވަން ބޯޑެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައި އޮތް ބޯޑެއް ނަމަވެސް، މިނިމަމް ވޭޖްގެ ބޯޑުން ނިންމާ ނިންމުން އެޕްރޫވް ކުރަން ޖެހެނީ އިކޮނޮމިކް މިނިސްޓަރެވެ. އަދި އެ ބޯޑުގެ ޗެއާމަނަކަށް ހުންނަވަނީ ވެސް އެ މިނިސްޓްރީގެ ބޭފުޅެކެވެ.
އެންމެ ކުޑަ މުސާރަ އިއުލާންކުރުން އިއްޔެ އަށް ހަމަޖައްސައިފައި އޮއްވައި، އެކަން މިއަދަށް ބަދަލުވެ އޭގެ ފަހުން މިއަދު ވެސް އެކަން ނުވި އެވެ. މިނިމަމް ވޭޖު ބޯޑުގައި މަސައްކަތްތެރިން ތަމްސީލުކުރައްވާ މެންބަރު، ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މަޓޭ) ތުހުމަތު ކުރެއްވި ގޮތުގައި އެކަން ނުވެ ލަސްވަމުން ދަނީ ސިޔާސީ ނުފޫޒުތަކާ ހެދި އެވެ.
އެކަމަކު ފައްޔާޒު މިއަދު ވިދާޅުވީ، މިނިމަމް ވޭޖް ބޯޑުން ނިިންމުމެއް ނުނިމިގެން އުޅެނީ ބޯޑުގެ ތެރޭގައި ހިޔާލުތަފާތުވުންތައް ގިނަވެގެން ކަމަށް ބެލެވޭ ކަމަށެވެ.
"އެކަމުގައި ސިޔާސީ އެއްވެސް ނުފޫޒެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
"މިއަދު ވެސް މިނިމަމް ވޭޖެއް ކަނޑައަޅަން ބޭނުން ނަމަ އެކަން ކުރަންވީ. އެކަން ސަރުކާރުން ހުއްޓުވާނެ."
މަޓޭ ވިދާޅުވެފައިވާ ގޮތުގައި، ކުރިން މިނިމަމް ވޭޖާ މެދު ގޮތެއް ނިންމަން ކަނޑައެޅި ނަމަވެސް، އަންނަ ހަފްތާ އަށް އެކަން ލަސްކުރަން ބޯޑުގެ ޗެއާމަން އެދިވަޑައިގެންފައިވާ ކަމަށެވެ. މަޓޭ ވިދާޅުވީ، މިހާރު މިދާ ގޮތުން އަންނަ ހަފްތާގައި ވެސް މިނިމަމް ވޭޖެއް ކަނޑައެޅުން ނާދިރު ކަމަށެވެ.
މިނިމަމް ވޭޖް ކަނޑައެޅުން ލަސްވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސިވިލް ސާވިސް ގިނަ މުވައްޒަފުންތަކެއް ވެސް މުސާރައާ މެދު ހިތްހަމަނުޖެހިގެން މިދިޔަ ހަފްތާގައި އިހްތިޖާޖު ވެސް ކޮށްފައި ވެ އެވެ.