02 ޑިސެމްބަރ 2016 - 11:51

ސައޮ ޕޯލޯ (ޑިސެމްބަރު 2) – މަތިންދާބޯޓް ވެއްޓުމުގެ ހާދިސާއެއްގައި ކުޅުންތެރިންނާއި އޮފިޝަލުން މަރުވެ، ރޫޅިފައިވާ ބްރެޒިލްގެ ޝަޕެކޮއެންސް ޓީމަށް ހިލޭ ކުޅެދޭން، މިހާރު ރިޓަޔާކޮށްފައިވާ ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ އާއި އާޖެންޓީނާގެ ތަރި ހުއާން ރޯމާން ރިކުއެލްމޭ ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝަޕެކޮއެންސްގެ ތިން ކުޅުންތެރިން ފިޔަވައި އެހެން އެންމެން މަރުވީ ކޮޕަ ސުޑަމެރިކާނާގެ ފައިނަލުގެ ފުރަތަމަ ލެގުގައި ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ދެކޮޅަށް ކުޅެން ކޮލަމްބިއާގެ މެޑެޔިން އަށް ދަތުރުކުރަނިކޮށް މަތިންދާބޯޓް ވެއްޓިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ކްލަބް އަލުން ބިނާކުރުމުގެ މަސައްކަތް ފެށުމާ އެކު އެ ކްލަބަށް ދެ އަހަރު ނުވަތަ ތިން އަހަރު އަގެއް ނުނަގައި ކުޅެދޭން ރޮނާލްޑީނިއޯ އާއި ރިކުއެލްމޭ ވަނީ ނިންމައިފަ އެވެ.
ރޮނާލްޑީނިއޯގެ ބޭބެ އަދި އޭޖެންޓް ރޮބާޓޯ ޑި އަސިސް ބުނީ މި އުނދަގޫ ވަގުތު އެ ކްލަބަށް އެހީތެރިވާން ތައްޔާރުކަމަށާއި އެ ކްލަބަށް ކުޅުމާ ބެހޭގޮތުން މަޝްވަރާކުރަން ޖެހިއްޖެއްޔާ އެކަން ވެސް ކުރާނެ ކަމަށެވެ.
އެކަމަކު އަސިސް ބުނީ މިއީ ކުޅުންތެރިންނާއި އޮފިޝަލުންގެ އާއިލާތަކަށް އެހީތެރިވާންވީ ވަގުތު ކަމަށާއި މިވަގުތު އެ ކްލަބަށް ކުޅުމާ މެދު ވާހަކަދައްކައި އުއްމީދުތަކެއް ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ރޮނާލްޑީނިއޯ ކުޅުން ހުއްޓާލާފައިވަނީ މި އަހަރު ބްރެޒިލްގެ ފްލުމެނިނެންސް އަށް ކުޅުމަށް ފަހު އެވެ. ޕީއެސްޖީ އާއި ބާސެލޯނާ އަދި އޭސީ މިލާނަށް ކުޅުމަށް ފަހު ރޮނާލްޑީނިއޯ ކެރިއަރުގެ ފަހު ހަތަރު އަހަރު ހޭދަކޮށްފައިވަނީ ބްރެޒިލް ލީގުގަ އެވެ. އެހެންވެ އޭނާ އަށް އެ ލީގުގެ ކްލަބަކަށް އަލުން ކުޅުމަކީ އުނދަގޫކަމަކަށް ނުވާނެ އެވެ.
އާޖެންޓީނާގައި އުފެދުނު އެންމެ މޮޅު އެއް އެޓޭކިން މިޑްފީލްޑަރު ރިކުއެލްމޭ ކުޅުން ހުއްޓާލާފައިވަނީ 2014 ވަނަ އަހަރު އާޖެންޓީނާގެ އާޖެންޓީނޯސް ޖޫނިއާސް އަށް ކުޅުމަށް ފަހު އެވެ. ސްޕެއިނުގެ ބާސެލޯނާ އާއި ވިޔަރެއާލަށް ކުޅުނު ނަމަވެސް ރިކުއެލްމޭގެ ކެރިއަރުގެ ގިނަ ދުވަސް ހޭދަކޮށްފައިވަނީ އާޖެންޓީނާ ލީގުގަ އެވެ.
ޝަޕެކޮއެންސް އަށް އެހީތެރިވުމަށް ބްރެޒިލްގެ ގިނަ ކްލަބްތަކުން ވަނީ ލޯން އުސޫލުން ބަދަލެއް ނުނަގައި ކުޅުންތެރިން ދޫކުރަން ނިންމައިފަ އެވެ. މީގެ އިތުރުން ވެސް އެ ކްލަބަށް ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދޭން ހުށަހަޅަމުންނެވެ.