ކުއްލި ހާލަތުގައި އެޑިއުކޭޝަން މިނިސްޓްރީ އަށް ލަފާދޭނެ ކޮމިޓީއެއް އުފައްދައިފި
ކުއްލި ހާލަތުގައި އެޑިއުކޭޝަން މިނިސްޓްރީ އަށް ލަފާދޭނެ ކޮމިޓީއެއް އުފައްދައިފި

ކުއްލި ހާލަތުތަކުގައި އެޑިއުކޭޝަން މިނިސްޓްރީން އަމަލުކުރާނެ ގޮތުގެ ލަފާދޭނެ އެޑްވައިޒަރީ ކޮމިޓީއެއް އިއްޔެ އުފައްދައިފި އެވެ.

މި ފަހުން އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން އުފެއްދި އެ ކޮމިޓީގައި ތަފާތު 12 ދާއިރާއަކުން 21 މެމްބަރަކު ހިމެނެ އެވެ.

މިނިސްޓްރީން ބުނީ، އެ ކޮމިޓީގެ ބޭނުމަކީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ސްކޫލުގެ މާހައުލާއި ސްކޫލުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަދި އެކިއެކި ކުއްލި ހާލަތުތަކާއި ކާރިސާތަކަށް އިޖާބަދިނުމަށް ބޭނުންވާ ފަންނީ ލަފަ އާއި އިރުޝާދު ދިނުމާއި ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

އެ ކޮމިޓީގައި ހިމެނެނީ؛

- މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓްޗޭންޖު އެންޑް ޓެކްނޮލޮޖީ.

- ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ.

- މިނިސްޓްރީ އޮފް ފިނޭންސް.

- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް.

- ލޯކަލް ގަވަމެންޓް އޮތޯރިޓީ.

- ފުލުހުން.

- ހެލްތު ޕްރޮޓެކްޝަން އެޖެންސީ.

- ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު.

- ޖެންޑާ މިނިސްޓްރީ.

- ސިފައިން.

- ރެޑް ކްރެސެންޓު.

- ޔުނިސެފް ކައުންޓްރީ އޮފީސް އަދި އެޑިއުކޭޝަން ސެކްޓާގެ ކަމާގުޅޭ ފަރާތްތައް.

މި ކޮމިޓީ އުފައްދައި އިއްޔެ ވަނީ ފުރަތަމަ ބައްދަލުވުން ބާއްވައިފަ އެވެ. އެ ކޮމިޓީގެ އުސޫލުގައިވާ ގޮތުން ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުމެއް ބާއްވަންޖެހެ އެވެ.

ތައުލީމާ ބެހޭ ގާނޫނުގެ ދަށުން ދާދި ފަހުން ޓީޗާސް ރެޖިސްޓްރޭޝަން ބޯޑެއް ވެސް އެކުލަވާލައިފަ އެވެ. އެކި ދާއިރާތަކުން އެ ކޮމިޓީގައި ފަސް ބޭފުޅަކު ތިއްބަވަ އެވެ.