އަފްގާނުން ބޭރުކުރި ތިން ޓަނުގެ ހެރޮއިން އިންޑިއާއިން އަތުލައިގަތް
އަފްގާނުން ބޭރުކުރި ތިން ޓަނުގެ ހެރޮއިން އިންޑިއާއިން އަތުލައިގަތް

އަފްގާނިސްތާނުގައި އޮތް ވެރިކަން ވައްޓާލައި ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އެ ގައުމު ހިފުމުގެ ތެރޭގައި ހިނގައި ދިޔަ ކަންތައްގަނޑުގެ ތެރޭގައި، އަފްގާނުން ބޭރުކުރި ތިން ޓަނުގެ ހެރޮއިން އިންޑިއާ އިން އަތުލައިގެންފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އަތުލައިގަތް ހެރޮއިންގެ މަގުމަތީ އަގު 2.72 ބިލިއަން ޑޮލަރު (200 ބިލިއަން ރުޕީސް) އަށް އަރާނެ އެވެ.

ވަގު ވިޔަފާރި ހުއްޓުވުމާ ބެހޭ އިންޑިއާގެ މައި އިދާރާ، ޑައިރަކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސްގެ އޮފިސަރުންނަށް ލިބުނު މައުލޫމާތަކަށް ބިނާކޮށް، ދެ ކޮންޓޭނަރު ހިފެހެއްޓީ، މި މަހުގެ 15 ވަނަ ދުވަހު، ގުޖުރާތުގެ މުންދުރާ ބަނދަރުންނެވެ. ގުޖުރާތުގެ ސަރަހައްދީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ދެ ކޮންޓޭނަރު ހިފެހެއްޓީ އޭގައި މަސްތުވާތަކެތި ހުރި ކަމަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެންނެވެ.

އެ ދެ ކޮންޓޭނަރު ކަނޑައިގެން ބަލައި ފާސްކުރި އިރު، 2،988 ކިލޯގެ ހެރޮއިން އަތުލައިގަނެވުނެވެ. އިންޑިއާގެ އޮފިޝަލުން ބުނާ ގޮތުގައި މިއީ، އިންޑިއާގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ ހެރޮއިން އެއްފަހަރާ އަތުލައިގަނެވުނު ފުރަތަމަ ފަހަރެވެ.

މަސްތުވާތަކެތި އެތެރެ ކުރުމުގެ މި މައްސަލައިގައި، އަފްގާނިސްތާނުގެ ދެ މީހަކު ހައްޔަރުކޮށް މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށް އަލް ޖަޒީރާ އިން ބުނެ އެވެ. އެ ދެ ކޮންޓޭނަރު ވެސް އިންޑިއާ އަށް އެތެރެ ކޮށްފައިވަނީ، ދެކުނުގެ ސަހަރެއް ކަމަށްވާ ވިޖެޔަވާދާގައި ރަޖިސްޓްރީކޮށްގެން ހިންގާ އިމްޕޯޓް ކުރާ ކުންފުންޏަކުންނެވެ.

އިންޑިއާ ފުލުހުން ބުނި ގޮތުގައި، ދެ ކޮންޓޭނަރުގެ ހެރޮއިން އިންޑިއާ އަށް އެތެރެ ކުރި މީހުން، އެ ތަކެތި އެ ބަނދަރަށް ބޭލުމަށް ފަހު ގެންދަން ރާވާފައި އޮތީ ވެރިރަށް ނިއު ދިއްލީ އަށެވެ. އެ ދެ ކޮންޓޭނަރު އިންޑިއާގެ ބަނދަރަށް އެތެރެ ކުރި އިރު، އޭގައި ހުރި މުދަލުގެ ގޮތުގައި ކަސްޓަމަށް މައުލޫމާތު ދީފައި އޮތީ، ވަކި ވަރަކަށް ހިމުންކޮށްފައި ހުރި، ޓެލްކަމް ކިޔާ މަށި ފާޑުގެ އެއްޗެއް ކަމަށެވެ.

އެ ދެ ކޮންޓޭނަރުގައި ހުރި ހެރޮއިން އަފްގާނިސްތާނުން ބޭރުކޮށްގެން ގެންދިޔައީ އީރާނަށެވެ. އިންޑިއާގެ މުންދުރާ ބަނދަރަށް އެ ދެ ކޮންޓޭނަރު ކަނޑު މަގުން ގެނައީ، އީރާނުގެ ބަނދަރު އައްބާސް އިންނެވެ.
އަފްގާނިސްތާނަކީ އެންމެ ގިނައިން އަފިހުން ހައްދައި އޭގެ ވަގު ވިޔަފާރިކުރާ ގައުމެވެ. ހުސްވި އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އަފްގާނިސްތާނު ހިފުމަށް ފަހު، އިތުރު ތަފްސީލެއް ނުދީ ތާލިބާނުން ބުނެފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ރާވާފައިވާ ކަމަށެވެ.