ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭކަށް ނުޖެހޭ: ދައުލަތް
ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭކަށް ނުޖެހޭ: ދައުލަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް، އެ މަނިކުފާނު ލޯންޑާ ކުރެއްވީ ސީދާ ގއ. ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގައި ވެސް ދައުލަތުން މިއަދު ބުނެފި އެވެ.

ޔާމީންގެ އިސްތިއުނާފީ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، އެ މަނިކުފާނުގެ ވަކީލުން ފަސް އަޑުއެހުމުން ހުށަހެޅި ނުކުތާތަކުގެ ތެރެއިން މަދު ނުކުތާތަކެއް ފިޔަވައި އެހެން ހުރިހާ ނުކުތާތަކަށް ދައުލަތުން މިއަދު ޖަވާބުދީ ނިންމާލީ ދެ ގަޑިއިރު ތެރޭގަ އެވެ. ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވީ ވަކީލުން އައިޝަތު މުހައްމަދާއި އަހުމަދު ނައުފަލް އެވެ.

ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ބުނާއިރު ދައުލަތަށް އެކަން ސާބިތު ނުކުރެވޭ ކަމަށް ޔާމީންގެ ފަރާތުން ކުރީގެ އަޑުއެހުންތަކުގައި ވިދާޅުވެފައިވެ އެވެ. އެކަމާ ބެހޭ ގޮތުން ކޯޓުގައި ގިނަ ވާހަކަތަކެއް ދިފާއީ ވަކީލުން ދެއްކެވި އެވެ.

އެސްއޯއެފްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި އިރު އެ އެކައުންޓުގައި އަށް ލައްކަ ޑޮލަރު ހުރިކަން ޔާމީންގެ ފަރާތުން ފާހަގަކުރައްވަ އެވެ. އޭގެ އިތުރުން ޔާމީންގެ އެކައުންޓަށް ފުރަތަމަ ޗެކު ޖަމާވި ފަހުން ވެސް އެސްއޯއެފްގެ އެކައުންޓުން އެތައް ޓްރާންސެކްޝަނެއް ކޮށްފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، ޔާމީންގެ އެކައުންޓަށް ޖަމާކުރީ ސީދާ ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ކަމަށް ބުނާނީ ކިހިނެއްތޯ ސުވާލު އުފައްދަ އެވެ.

އެ ނުކުތާއާ ގުޅިގެން ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ، ކުށް ސާބިތުކުރުމަށް، އެ ފައިސާ އަކީ ސީދާ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ.

"މި ނުކުތާގައި އުފައްދާ ސުވާލަކީ، އިއްޒަތްތެރި ފަނޑިޔާރު، އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ސީދާ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތޯ. މި ސުވާލުގެ ޖަވާބު ވަރަށް ސާފު އިއްޒަތްތެރި ފަނޑިޔާރު، އެފަދައިން ސާބިތުކޮށްދޭކަށް ނުޖެހޭ،" ވަކީލު އައިޝަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސާބިތުކޮށްދޭން ޖެހޭނީ އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކު ކުރެވޭ ހާލަތުގައި ޔާމީން ހުންނެވުން ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ ނުވަތަ ކުށް ކޮށްގެން ހޯދާފައިވާކަން އެކަށީގެންވާ ވަރަށް ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބެހެއްޓުމަކީ ކުށެކެވެ. ދައުލަތުން ބުނާ ގޮތުގައި ޔާމީންގެ އެކައުންޓަށް ވަން ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ޔާމީނަށް ޝައްކު ކުރެވެނީ އޭސީސީގެ ފަރާތްތަކުން އެ ފައިސާއާ ގުޅޭ ތަހުގީގު ހިންގާކަން އަންގާފައިވާތީ އެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލައިގެ އޮޑިޓުން ވެސް އެކަން އެނގޭނެ ކަމަށް ބުނެފައިވެ އެވެ.

އެސްއޯއެފްގެ ފަައިސާ އަކީ ސައްހަ ނޫން ފައިސާކަމެއް ކަމާ ބެހޭ އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާ ކަމަށް ވެސް ޔާމީންގެ ފަރާތުން ބުނެ އެވެ. އެސްއޯއެފުން ސައްހަ ބޮޑެތި މުއާމަލާތްތައް ވެސް ހިންގާކަން ސާބިތުކުރަން އެ މަނިކުފާނުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ދަށު ކޯޓަށް ސިވިލް ކޯޓުގެ ގަޒިއްޔާއެއް ވެސް ހުށަހެޅި އެވެ. އެކަމަކު ދައުލަތުން މިއަދު ބުނީ އެ ގަޒިއްޔާގެ މައްޗަށް އެކަނި އެސްއޯއެފްގެ ހުރިހާ ފައިސާ އަކީ ސައްހަ ފައިސާ ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ.

ޔާމީންގެ ފަރާތުން ކުރިން ބުނެފައި ވަނީ މަނީ ލޯންޑަރިން އަކީ ކުށް ކޮށްގެން ހޯދާ ފައިސާ ފޮރުވުމާ ގުޅޭ ކަމަކަށް ވާއިރު، އެ ކުށް ސާބިތުކުރާ ނަމަ ފައިސާ ހޯދި ކުށަކީ ކޮބައިކަން ސާބިތުކުރަން ޖެހޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ވެސް ގަބޫލުކުރާ ހަމައަކީ އެއީ ކަމަށް ބުނެ އެހެން ގައުމުތަކުގައި އެކަން އޮންނަ ގޮތް ކިޔައިދީފައިވެ އެވެ.

އެކަމަކު، ދައުލަތުން މިއަދު ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އެކުލަވާލާފައިވާ ގޮތުން ވަކި ކުށެއް ސާބިތުކުރަން ނުޖެހޭނެ ކަމަށެވެ.

މަނީ ލޯންޑަރިންގެ ގާނޫނު އެކުލަވާލާފައި ވަނީ ކުށާ ގުޅިފައިވާ އެހެން ކުށެއް ސާބިތުވާން ނުޖެހޭނެ ގޮތަށް އެ ގާނޫނު އެކުލަވާލުމަށް ބައިނަލްއަގުވާމީ ކަމާ ބެހޭ ފަރާތްތަކުން ދިން ލަފާގެ މައްޗަށް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. އަދި ރާއްޖޭގެ ގާނޫނު އެކުލަވާލީ ވެސް އެގޮތަށް ކަމަށް ވިދާޅުވި އެވެ.

އެގޮތަށް ނިންމީ މަނީ ލޯންޑަރިންގެ ގާނޫނެއް ނެތިގެން، ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ބަޔާންކޮށްފައިވާ ނަމަ އެހެން ގައުމެއްގައި އޮތް ގާނޫނަކަށް ހަވާލާދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.

ތަހުގީގުގައި ސުވާލު ނުކުރާ ކުށަކަށް ދައުވާކޮށްފައިވާ ކަމަށް ބުނެ ޔާމީންގެ ފަރާތުން އެކަން ޝަރީއަތުގައި ފާހަގަކުރެ އެވެ. އެ ނުކުތާއަށް ވެސް އެމަނިކުފާނުގެ ވަކީލުން ގިނަ އިރުތަކެއް ވަންދެން ވާހަކަ ދެއްކެވި އެވެ.

އެކަމަކު، ދައުލަތުން މިއަދު ބުނީ މަނީ ލޯންޑަރިންގެ ތުހުމަތު އިއްވާފައިވާކަން ގާނޫނީ އިންޒާރުން ސާފު ކަމަށެވެ. ތަހުގީގަށް ދެއްވާފައިވާ އިންޓަވިއުތަކާއި ގާނޫނީ އިންޒާރުގައިވާ މާއްދާތައް ފެންނަން އެބަ ހުރި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ތަހުގީގަށް ދީފައިވާ ބަޔާނުގައި ވެސް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭކަން ޔާމީނަށް އެނގޭ އެތައް ކަމެއް އެބަ ހުރި ކަމަށް ވަކީލު ވިދާޅުވި އެވެ. އެގޮތުން މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ ކަމަށް ބުނެ ޔާމީން ދައްކާފައިވާ ވާހަކަތައް ބަޔާނުގައި އޮތް ގޮތަށް ދައުލަތުގެ ވަކީލުން ކިޔައިދެއްވި އެވެ.

ދައުވާ ސާފު ނުވާ ކަމަށް ޔާމީންގެ ފަރާތުން ބުނި ނަމަވެސް، ދައުލަތުން ދެކޭ ގޮތުގައި ދައުވާ ވަނީ ސާފުކޮށްދެވިފަ އެވެ. މިއަދު ދައުލަތުން ބުނީ، ދައުވާ ސާފު ނުވާ ކަމަށް ބުނެ އެއްވެސް ގޮތަކަށް ދައުވާއަށް ޖަވާބުދާރީ ނުވާ ހާލަތެއްގައި ވެސް ފަނޑިޔާރަށް މައްސަލަ ކުރިއަށްގެންދެވިދާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ އެހެން މީހުންނަށް ދައުވާ ނުކޮށް ޔާމީނަށް ދައުވާ ކުރުމަކީ ތަފާތު ކުރުން ކަމަށް ޔާމީންގެ ފަރާތުން ބުނި ނަމަވެސް، ދައުލަތުން ބުނީ ވަކި މީހަކީ މައްސަލައެއްގައި އެންމެ ފުރަތަމަ ދައުވާ ކުރެވުނު މީހާ ކަމަށް ވެގެން މައްސަލަ ކުރިއަށް ނުގެންދެވޭ ނަމަ ދުވަހަކު ވެސް މިފަދަ މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެގޮތަށް ގާނޫނު މާނަކުރާ ނަމަ އެއީ ބޮޑު ޖޯކެއް ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ފަރާތުން ދެން ފާހަގަކުރި އެއް ކަމަކީ މުހިންމު ލިޔުންތަކެއް ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން ނުލިބި އޮތުމެވެ. އެކަމުގެ ސަބަބުން، އެ ލިޔުންތަކާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކެއް ހުށަހަޅަން ފުރުސަތު ގެއްލުނު ކަމަށް ވަނީ ބުނެފަ އެވެ. ނުލިބޭ ލިޔުންތަކުގެ ތެރޭގައި އެސްއޯއެފްގެ އެކައުންޓުގެ ޓްރާންސެކްޝަންތަކާ ބެހޭ ލިޔުން ހިމެނެ އެވެ. ޔާމީންގެ އެކައުންޓަށް ވަނީ ވޮޑަމުލާގެ ފައިސާ ކަމާ މެދު އެ މަނިކުފާނުގެ ވަކީލުން ސުވާލު އުފައްދަނީ އެ ލިޔުމުގެ މައްޗަށް ބިނާކޮށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އާންމު އުސޫލަކީ ދައުލަތުން ލިޔުންތައް ދިނުން ކަމަށާއި އެކަމަކު އިސްތިސްނާއެއް އޮންނަ ކަމަށެވެ. އެއީ ސިއްރުކުރަން ބޭނުންވާ ލިޔުމެއް އޮތް ނަމަ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެން އެދި ލިޔުން ނުދޭ ހާލަތް ކަމަށް ވަކީލު ވިދާޅުވި އެވެ. މި މައްސަލައިގައި ދިފާއަށް ޝަރީއަތް ފެށުނު އިރު ނުލިބޭ ލިޔުންތަކަކީ ސިއްރުކުރަން އެދުނު ލިޔުންތަކެއް ކަމަށް ވަކީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަރުހަލާއާ ހަމައަށް އެ ލިޔުންތައް ފިޔަވައި އެހެން ހުރިހާ ލިޔުމެއް ދިނެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މާ ފަހުން އެ ލިޔުންތައް ދިނީ، ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ޝަރީއަތުން ނިންމުން ކަމަށެވެ. އަދި ލިޔުންތައް ނުލިބުމުގެ ސަބަބުން ގެއްލުނީ ކޮން ހައްގެއްކަން ޔާމީންގެ ފަރާތުން ބުނެ ނުދޭ ކަމަށް ދައުލަތުން ބުންޏެވެ.

އޭގެ އިތުރުން، ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން ލިޔުންތައް ލިބުނުތޯ ޝަރީއަތުން ސާފު ކުރުމުން ލިޔުންތައް ލިބުނު ކަމަށް ޔާމީންގެ ފަރާތުން ދަށު ކޯޓުގައި ބުނި ކަމަށް ދައުލަތުން މިއަދު ބުންޏެވެ.

ޔާމީނާ ދެކޮޅަށް ހުށަހެޅި ހެކީންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދުގެ އަދުލުވެރިކަމާ މެދު ސުވާލު އުފައްދައި އެ ހެކިން ބަލައިނުގަނެވޭނެ ކަމަށް ޔާމީންގެ ފަރާތުން ވަނީ ބުނެފަ އެވެ. ހައި ކޯޓުން އެކަމުގައި ނިންމާފައި ވަނީ އެ މީހުންގެ ހެކިބަހަށް ބާރު ދެވޭ ކަންކަން ހުރި ނަމަ އެ ހެކިބަސް ބަލައިގަނެވޭނެ ކަމަށެވެ،

އެކަމަކު، ދައުލަތުގެ ވަކީލު މިއަދު ފާހަގަކުރެއްވީ، މައްސަލައިގައި ޔާމީންގެ ދައުރެއް ނެތް ކަންކަމާ ގުޅޭ ގޮތުން ވެސް އަދީބާއި ޒިޔަތު ހެކިބަސް ދީފައިވާ ކަމެވެ. އެ ހެކިބަހަކީ އެ ހެކިވެރިން އަމިއްލައަށް ކުށްވެރިވާ ގޮތަށް ދީފައިވާ ގަޟާއީ އިއުތިރާފަކަށް ވާތީ އެ ހެކިބަހަށް ބުރަދަން ދެވޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި އެ ހެކީންގެ ހެކިބަހަށް ބާރު ދެވޭނެ ސަބަބުތައް ހައި ކޯޓުން ބަޔާންކުރީ ރަނގަޅަށް ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.

ހެކިވެރިން ދީފައިވާ ވަކިވަކި ހެކިބަސް ބަޔާންކޮށް އެ ހެކިބަހަށް ބާރު ލިބޭ އެހެން ކަންކަން ދައުލަތުން މިއަދު ކޯޓުގައި ކިޔައިދިނެވެ.

އޭގެ އިތުރުން، މުއައްވިޒުގެ ހެކިބަސް ނުނެގި ނަމަވެސް، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކުން އެކަނި ވެސް އޭނާ ދިން ހެކިބަސް ސާބިތުވާނެ ކަމަށް ދައުލަތުން ބުންޏެވެ. އެމްއެމްޕީއާރްސީގެ ފައިސާ މުއައްވިޒަށް ލިބުނު ކަމަށް ތުހުމަތު އޮތީތީ ހަމައެކަނި އެކަމުގެ މައްޗަށް ބުރަވެ އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ އަސާސެއް ދެއްކިފައި ނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރިޔާސަތު ބަލަހައްޓަވާ މި މައްސަލައިގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ނުނިމު ހުރި ރައްދުތައް ދިނުމާއި އެއަށް ޔާމީންގެ ފަރާތުން ރައްދު ދިނުމެވެ. ޔާމީންގެ ފަރާތުން ނެރެން އެދިފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުުގެ އަމުރާއި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރާ ގުޅޭގޮތުން ވާހަކަ ދައްކާނީ އެއަށް ފަހު އެވެ.