ގާޒީ އަލީ ނަސީރަށް އަދަބެއްގެ ގޮތުން، މެޖިސްޓްރޭޓު ކޯޓަކަށް ބަދަލުކުރަން ނިންމައިފި
ގާޒީ އަލީ ނަސީރަށް އަދަބެއްގެ ގޮތުން، މެޖިސްޓްރޭޓު ކޯޓަކަށް ބަދަލުކުރަން ނިންމައިފި

ސުލޫކީ މައްސަލައެއް ސާބިތުވުމުން ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކޮށް، އޭނާ މެޖިސްޓްރޭޓު ކޯޓަކަށް ބަދަލު ކުރަން ޖޭއެސްސީން ނިންމައިފި އެވެ.

މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަނުން އެގޮތަށް ނިންމީ، އަލީ ނަސީރު ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ އެއްކޮށް ނިންމަން އެދިފައި ވަނިކޮށް، އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތްކަމަށް ނިންމައި އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރި މައްސަލައިގަ އެވެ. އޭނާ އެގޮތަށް އަމަލު ކުރެއްވީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލައެއް ނުބަލައި އޮތްކަން ރެކޯޑަށް އަރާފާނެތީކަން ޖޭއެސްސީގެ ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ.

ޖޭއެސްސީން މިރޭ ބުނީ، އޭނާގެ އަމަަލަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒު ގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާ ފަދަ އަމަލެއް ކަމަށެވެ.

އެހެންކަމުން އެ ކޮމިޝަނުން ފިޔަވަޅެއްގެ ގޮތުގައި ނިންމީ އޭނާ މެޖިސްޓްރޭޓު ކޯޓަކަށް ބަދަލު ކުރުމަށެވެ.

ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލް އިޒްމީރާ ޝިހާމް "މިހާރު" އަށް ވިދާޅުވީ، ވަކި ރަށަކަށް ގާޒީ ބަދަލުކުރަން އަދި ނުނިންމާ ކަމަށެވެ.

ގާޒީ އަލީ ނަސީރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުގެ ކުރިން ވެސް އޭނާ މެޖިސްޓްރޭޓްކަން ކުރެއްވި އެވެ.

ޖޭއެސްސީގެ ގާނޫނުގައި ފަނޑިޔާރުންނަށް އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރެއިން، އެއް ފިޔަވަޅަކީ ފަނޑިޔާރަކު ހުރި މަގާމަށް ވުރެ ދަށް ދަރަޖައިގެ މަގާމަކަށް ބަދަލު ކުރުމެވެ.

މީގެ ކުރިން މި ފިޔަވަޅު އެޅީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ގާޒީ އަހުމަދު ޝަރީފަށެވެ. އޭނާ އެ ކޯޓުން ބަދަލު ކުރީ ޖުވެނައިލް ކޯޓަށެވެ.