ދައުލަތަށް ހޯދަން އެދުނު 29 މިލިއަން ރުފިޔާގެ ތެރެއިން ލިބުނީ އެންމެ 11،000ރ.
ދައުލަތަށް ހޯދަން އެދުނު 29 މިލިއަން ރުފިޔާގެ ތެރެއިން ލިބުނީ އެންމެ 11،000ރ.

ދައުލަތަށް އަނބުރާ ހޯދުމަށް މިދިޔަ އަހަރު އެދުނު 29 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބުނީ 11،000ރ. ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އެ ކޮމިޝަނުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާގޮތުން، އަށް މައްސަލައެއްގައި ދައުލަތަށް 29،158،155ރ. ލިބެންޖެހެ އެވެ. އެކަމަކު އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 11،000ރ. އެވެ.

އޭގެ އިތުރުން، ފައިސާގެ މުއާމަލާތް ހިމެނޭ ހަތް މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި އެވެ. އެ މައްސަލަތަކުގައި ހިމެނެނީ 197،527،046ރ. އެވެ. އޭގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ އަދަދަކީ 485،193ރ. އަށް ވިޔަސް ޝަރީއަތް މެދުވެރިކޮށް ދައުލަތަށް އެއްވެސް ފައިސާއެއް ހޯދިފައިނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނީ މިދިޔަ އަހަރު 938 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީކުރި ކަމަށެވެ. އޭގެ ތެރެއިން ޕީޖީ އޮފީހަށް ފޮނުވަން ނިންމީ އެންމެ 10 މައްސަލަ އެވެ. އެކަމަކު، 15 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއިރު، 15 މައްސަލައެއް ވަނީ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ.

އެ މައްސަަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދުވަނީ ރަށްރަށުގެ ކައުންސިލްތަކަށެވެ. އެ ކައުންސިލްތަކާ ގުޅޭ 243 މައްސަލައެއް ހުށަހެޅިއިރު، ދެ ވަނައަށް އެންމެ ގިނައީ ސަރުކާރު ކުންފުނިތަކާ ދެކޮޅަށް ހުށަހެޅި މައްސަލަތަކެވެ. އެފަދަ 204 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނައިން ރިޕޯޓުކުރީ ހެލްތު މިނިސްޓްރީއަށް ރައްދުވާ މައްސަލަތަކެވެ.

ފާއިތުވި ފަސް އަހަރަށް ބަލާއިރު، އޭސީސީއަށް އެންމެ ގިނަ މައްސަލަ ހުށަހެޅީ 2019 އަހަރެވެ. އެ އަހަރު 1،397 މައްސަލަ ރަޖިސްޓްރީކުރިއިރު 710 މައްސަލައެއް ވަނީ ތަހުގީގުކޮށް ނިންމައިފަ އެވެ. ދެ ވަނައަށް އެންމެ ގިނަ މައްސަލަ ހުށަހެޅި 2016 ވަނަ އަހަރު 958 މައްސަލަ ހުށަހެޅި އެވެ. އޭގެ ކުރީ އަހަރުތަކުގައި ހުށަހެޅި މައްސަލަތަކާ އެކު އެ އަހަރު 2،278 މައްސަލައެއް ނިންމާފައިވެ އެވެ.

އެހެން އިދާރާތަކާ ގުޅިގެން އޭސީސީން 106 މައްސަލައެއްގެ ޖޮއިންޓު ތަހުގީގުކުރާއިރު އޭގެ ތެރެއިން ހަތަރު މައްސަލައެއް ވަނީ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.