23 ސެޕްޓެމްބަރ 2021 - 14:34

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީިލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅި، ކްރިމިނަލް ކޯޓުގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތައް ބޭރު ފަރާތެއްގެ އެހީގައި ތަހުގީގު ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނިވަޑައިގަންނަވާ ގޮތަށް، ފުލުހުންގެ އިސް ބޭފުޅުންނާ އިދިކޮޅު ލީޑަޝިޕްގެ އިސް ބޭފުޅުން ބައްދަލު ކުރެއްވުމަށް ފަހު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން އޯޑިއޯތަކުގެ ތަހުގީގު ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ތަހުގީގެއް ތަހުގީގު ބަލައި ނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން [ފުލުހުގައި] ދެންނެވިން އަޅުގަނޑުމެެންނަކަށް އެހާ ހިތްގައިމެއް ނޫނޭ، އަޅުގަނޑުމެން ގަބޫލުކުރާކަށް ބޭނުމެއް ނޫނޭ އަމިއްލަ ފަރާތަކަށް ދީގެން ކުރެވޭ ތަހުލީލު އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އޯޑިއޯތަކުގެ ތަހުގީގު ނުނިމެނީސް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތް ދަށު ކޯޓުތަކާ އެއްކޮޅަށް ނިމިއްޖެ ނަމަ، އަދި ފަނޑިޔާރުންގެ އޯޑިއޯތަކުގެ ސައްހަކަން އޭގެ ފަހުން ކަށަވަރު ވެއްޖެ ނަމަ އެއީ ރައީސް ޔާމީނަށް އިތުރަށް ލިބޭ ބޭއިންސާފަކަށް ވެގެންދާނެ ކަމަށެވެ. އެހެންވެ ބޭރު ފަރާތެއްގެ އެހީގައި ފޮރެންސިކް ތަހުގީގެއްކޮށް، އެ މަސައްކަތް އަވަސްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެންނަށް ސީޕީ ހަމީދު ޔަގީންކަން ދެއްވި ދެވަނަ ފަރާތެއްގެ އެހީތެރިކަމާ އެކީގައި، ބޭރުގެ ބައިނަލްއަގުވާމީ ތަހުލީލު ކުރުމުގެ ގާބިލުކަން ހުރި ފަރާތެއް ބޭނުންކޮށްގެން ތަހުގީގުކޮށްދެއްވާނެ ކަމަށް އެ ކަށަވަރުކަން އަޅުގަނޑުމެންނަށް މިއަދު ދެއްވި،" އަދުރޭ ވިދާޅުވި އެވެ.
އަމިއްލަ ފަރާތެއްގެ އެހީގައި މިހާރު ކުރަމުންދާ ތަހުގީގު ތިން ދުވަހާއި ފަސް ދުވަހާ ދޭތެރޭގައި ނިމޭނެ ކަމަށާއި ނަމަވެސް ބޭރު ފަރާތެއްގެ އެހީ ހޯދާ ނަމަ ތަހުގީގު ދިގުދެމިގެންދާނެ ކަމަށް ސީޕީ ހަމީދާ ހަވާލާދެއްވައި އަދުރޭ ވިދާޅުވި އެވެ.
"މިއަދު [ސީޕީ ހަމީދު] ވިދާޅުވި ހަމަ މިއަދުން ފެށިގެން މަސައްކަތް ފަށާނަމޭ ބޭރުގެ ފަރާތަކާ އެކީ،" އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅު ލީޑަޝިޕުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ވެސް ބައްދަލުކޮށް ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.
ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ސުވާލު އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކުރާ ތިން ފަނޑިޔާރުންނަކީ ހުސައިން ފާއިޒު ރަޝާދާއި އަލީ އާދަމާއި މުހައްމަދު ސަމީރެވެ. ފުލުހުން ވަނީ އެ ތިން ފަނޑިޔާރުންގެ ރުހުމުގައި އެ ބޭފުޅުންގެ އަޑުގެ ސާމްޕަލް ނަގައިފަ އެވެ. ތިން ފަނޑިޔާރުން ވެސް ޖޭއެސްސީ އަށް ހާޒިރުކޮށް ސުވާލު ކުރުމުން، އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ލީކުވި އެ އޯޑިއޯތަކުގައި ތުހުމަތުކުރެ އެވެ. އަދި އެގޮތަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވެސް ތުހުމަތު ކުރެ އެވެ. އެކަމަކު އަލީ ޒާހިރު އެކަން ދޮގު ކުރައްވަ އެވެ.