22 ސެޕްޓެމްބަރ 2021 - 14:35

ކޮވިޑް ޓެސްޓާ ނުލައި ދަތުރުކުރެވޭ ރަށްތަކުގެ އަދަދު 60 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި މަހު އަމަލުކުރަން ފެށި އާ އުސޫލުގައިވާ ގޮތުން، އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ، ޕީސީއާރު ޓެސްޓަކާ ނުލައި ދަތުރުކުރެވޭނެ އެވެ. ނަމަވެސް އެ ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮވެއްޖެ ނަމަ ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރު ނަތީޖާއާއެކުގަ އެވެ.
އެ ރަށްތަކުގެ ތެރެއިން ގެސްޓް ހައުސް ހިންގާ ރަށްތަކުގައި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 ޕަސެންޓު މީހުން ވެސް ވެކްސިން ފުރިހަމަކުރަންޖެހެ އެވެ. ލުއިތައް ލިބޭނީ އޭރުންނެވެ.
ވެކްސިން ޖެހޭ އުމުރުގެ ގޮތުގައި ސަރުކާރުން މިހާރު ބަލަނީ 12 އަހަރުން މައްޗެވެ.
އެޗްޕީއޭގެ ވެބްސައިޓުގައިވާ ގޮތުން، އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފައިވަނީ 63 ރަށަކުންނެވެ. ނަމަވެސް އޭގެތެރެއިން ފަސް ރަށެއް މި ވަގުތު އޮތީ މޮނިޓަރިންގަ އެވެ. މޮނިޓަރިންގައި އޮތީ ބ. މާޅޮސް، ކ. ގުޅި، ކ. ގާފަރު، ގއ. ވިލިނގިލީ އަދި ގއ. މާމެންދޫ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް މިހާތަނަށް 391،153 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު 332،529 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.
ވެކްސިން ޖަހަން ބާރު އެޅުމުގެ ގޮތުން ސަރުކާރުން ވަނީ ވެކްސިން ނުޖަހާ މީހުންނަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައި، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވަރަށް ބޮޑެތި ލުއިތައް ވެސް ދީފަ އެވެ.