މެސީ ބަދަލުކުރީ އަނިޔާގެ ސަބަބުން: ޕޮޗެޓީނޯ
މެސީ ބަދަލުކުރީ އަނިޔާގެ ސަބަބުން: ޕޮޗެޓީނޯ

ޕެރިސް (ސެޕްޓެމްބަރު 22) - ފްރެންޗް ލީގުގައި ޕީއެސްޖީ އެންމެ ފަހުން ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ލިއޮނަލް މެސީ ބަދަލުކުރީ އަނިޔާގެ ސަބަބުން ކަމަށް އެ ޓީމުގެ ކޯޗު ޕޮޗެޓީނޯ ބުނެފި އެވެ.

މި މެޗަކީ މި ސީޒަނުގައި ބާސެލޯނާ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި 34 އަހަރުގެ ފޯވަޑް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މިހާތަނަށް ތިން މެޗު ކުޅުނުއިރު އަދި ގޯލެއް ޖެހިފައެއް ނުވެއެވެ. މެޗުގައި ބަދަލުކުރުމުން މެސީގެ މޫނުމަތިން ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ވަނީ ފެނިފަ އެވެ.

"ފުރަތަމަ ހާފުގައި އޭނާ (މެސީ) ވަރަށް ރަނގަޅަށް ކުޅުނު، ގޯލެއް އެކަނި މަދުވީ. މެޗުގެ 76 މިނިޓާ ހަމައަށް އޭނާ ކުޅުނު. ލިބުނު މައުލޫމާތުތަކަށް ބަލައި އެއަށް ފަހު ނިންމީ ބަދަލުކުރަން،" މެޗުތެރޭން މެސީ އޭނާގެ ކަކުލަށް ބަލާކަމަށް ފާހަގަކުރެވުމުން އެކަމަށް އަލިއަޅުވާލާ ޕޮޗެޓީނޯ ބުންޏެވެ.

"އެއީ އަހަރެން ހައިރާން ވާންވީ ބަދަލެއް ނޫން، އެންމެ މުހިންމީ އަބަދުވެސް ކުޅުންތެރިންގެ ދުޅަހެޔޮކަން އަދި މި ހާލަތުގައި އަހަރެމެން ވިސްނީ އޭނާއަށް (މެސީ) އަށް ވެސް އެންމެ ރަނގަޅުވާނީ ބަދަލުކުރުން ކަމަށް."

ލިއޯން އަތުން މޮޅުވި މެޗުގައި މެސީ ބަދަލުކުރީ އަނިޔާގެ ސަބަބުން ކަމެއް އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ނުބުނެ އެވެ. އިއްޔެގެ ވަގުތެއްގައި ނެގި އެމްއާރުއައި ސްކޭނުން މެސީގެ ވާތު ކަކުލަށް އަނިޔާވެފައި ހުރިކަން ޔަގީންވި އިރު އަނިޔާގެ ސީރިއަސްކަން އެނގޭނީ ބުރާސްފަތި ދުވަހު ހެދުމަށް ހަމަޖެހިފައިވާ އިތުރު ޓެސްޓްތަކަށް ފަހު އެވެ.

ލީގުގައި މިރޭ އެ ޓީމުން މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަންނަ ހޮނިހިރު ދުވަހުގެރޭ މޮންޓްޕެލިއޭ އާއި އަންނަ ހަފްތާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ކުޅެވޭނެކަން ޔަގީނެއް ނޫނެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން 18 ޕޮއިންޓް ހޯދައިގެން ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގަ އެވެ.