އެވަޓަން ކަޓުވާލައި ދެވަނަ ޑިވިޝަނުގެ ކިއުޕީއާރު ލީގު ކަޕުގެ ގަދަ 16 އަށް
އެވަޓަން ކަޓުވާލައި ދެވަނަ ޑިވިޝަނުގެ ކިއުޕީއާރު ލީގު ކަޕުގެ ގަދަ 16 އަށް

ލަންޑަން (ސެޕްޓެމްބަރު 22) - އިނގިރޭސި ޗެމްޕިއަންޝިޕް ކްލަބް ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރު) އަތުން ބަލިވެ، ޕްރިމިއަ ލީގު ކްލަބް އެވަޓަން އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) އިން ކަޓައިފި އެވެ.

އެވަޓަން ކެޓީ ފުރިހަމަ ވަގުތުގައި 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި 8-7 އިން ކިއުޕީއާރު ކުރި ހޯދުމުންނެވެ.

މެޗުގައި ދެފަހަރަށް ވެސް އެވަޓަން އަށް ޖެހުނީ ފަހަތުން އަރައި ނަތީޖާ އެއްވަރު ކުރާށެވެ. ފުރަތަމަ ހާފުގެ 18 ވަނަ މިނިޓުގައި ޗާލީ އޮސްޓިން ކިއުޕީއާރަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިންއިރު އެވަޓަން އަށް ނަތީޖާ އެއްވަރު ކޮށްދިނީ ލޫކާ ޑީނޭ އެވެ. އޭގެ ހަތަރު މިނިޓު ފަހުން ކިއުޕީއާރަށް އަނެއްކާވެސް ލީޑު ނަގައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އޮސްޓިން އެވެ.

އެވަޓަން އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޓައުންސެންޑެވެ.

ޕެނަލްޓީގައި ކިއުޕީއާރު މޮޅުވީ ޓޮމް ޑޭވިސް ފޮނުވާލި އެވަޓަންގެ އަށްވަނަ ޕެނަލްޓީ ކީޕަރު މަތަކުރުމުންނެވެ.

މިއީ 2008 ވަނަ އަހަރަށް ފަހު ކިއުޕީއާރު ލީގު ކަޕް މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ލީގު ކަޕް ތިންވަނަ ބުރުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ލިވަޕޫލުން ވަނީ 3-0 އިން ނޯވިޗް ސިޓީ ބަލިކޮށްފަ އެވެ. ޕެނަލްޓީ ޖަހައިގެން ލީޑްސް ޔުނައިޓެޑުން ފުލަމް ބަލިކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީން ތިންވަނަ ޑިވިޝަނުގެ ޗައިކޯމްބް ވެންޑެރާސް ބަލިކުރީ 6-1 އިންނެވެ.

މީގެ އިތުރުން ދެވަނަ ޑިވިޝަނުގައި ކުޅޭ ސްޓޯކް ސިޓީން ވަނީ 3-1 އިން ޕްރިމިއަ ލީގުގެ ވަޓްފޯޑް ބަލިކޮށްފަ އެވެ.

އެންމެ ތަފާތު ބޮޑު މޮޅެއް ހޯދީ މިސީޒަނުގައި އަލަށް ޕްރިމިއަ ލީގަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އެވެ. އީއެފްއެލް ލީގު 2 (ހަތަރުވަނަ ޑިވިޝަން) ގެ އޯލްޑަމް އެތްލެޓިކްގެ މައްޗަށް ބްރެންޓްފޯޑުން ކުރިހޯދީ 7-0 އިންނެވެ.

މި ބުރުގެ ފޯރިގަދަ މެޗްތަކެއް މިރޭ ވެސް ކުޅޭނެ އެވެ. ޗެލްސީން އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނައިރު، އަމިއްލަ ދަނޑުގައި މެންޗެސްޓަ ޔުނައިޓެޑް ނުކުންނާނީ ވެސްޓް ހޭމްއާ ދެކޮޅަށެވެ. އަދި ރަށުން ބޭރުގައި ޓޮޓެންހަމް ބައްދަލުކުރާނީ ވުލްވްސްއާ ދެކޮޅަށެވެ.