22 ސެޕްޓެމްބަރ 2021 - 10:46

މެޑްރިޑް (ސެޕްޓެމްބަރު 22) - ކޮންމެ ދެ އަަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލް އަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ޖޯކު ޖަހައިފި އެވެ.
ދެ އަހަރުން ވޯލްޑް ކަޕް ބޭއްވުމާ ބެހޭގޮތުން ދިރާސާއެއް ހެދުމަށް ފީފާގެ ކޮންގްރެސް އަށް ހުށަހެޅީ ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުންނެވެ. އެ ހިޔާލަށް ފީފާގެ ބައެއް ވެރިން ވެސް ތާއިދު ކުރެ އެވެ. އެހެންނަމަވެސް ޔޫއެފާއި އާއި ޔޫރަޕުގެ ބައެއް ކަލްބުތަކުގެ ކޯޗުން ވެސް ވަނީ އެ ހިޔާލާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.
ދެ އަހަރުން ވޯލްޑް ކަޕް ބޭއްވުމާ މެދު އަންޗެލޮޓީގެ ހިޔާލާ ބެހޭގޮތުން ސުވާލު ކުރުމުން ޖޯކް ޖެހުމުގެ ގޮތުން އޭނާ ބުނީ ވޯލްޑް ކަޕް ބާއްވަންވީ އަހަރަކު އެއްފަހަރު ކަމަށެވެ.
"ކޮންމެ ދެ އަހަރުން ވޯލްޑް ކަޕް ކުޅުމުގެ ވާހަކަ ދޯ؟. މިހާރު އޮތް ފޯމެޓް އަހަރެމެން ބަދަލު ކުރަންޏާ ހިނގާ ކޮންމެ އަހަރަކު އެއް ފަހަރު ވޯލްޑް ކަޕް ބާއްވަން،" ޖޯކް ޖަހަމުން އަންޗެލޮޓީ ޖަވާބު ދިނެވެ.
"ޝެޑިއުލްގެ މައްސަލައަކީ ވަރަށް ސީރިއަސް ކަމެއް. ޝެޑިއުލް އަށް ބަދަލު ވެސް އަންނަން ޖެހޭ. ބައެއް މެޗުތައް އެބަހުރި އެއްވެސް ވާދަވެރިކަމެއް ނެތް މެޗުތައް ވެސް."
އޭނާ ބުނީ ފީފާ އާއި ޔޫއެފާ އިން މި މައްސަލައިގައި އެއްގަލަކަށް ނޭރި ނަމަވެސް އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
"ނިންމާ ކޮންމެ ނިންމުމެއްގައި ވެސް ޕްރެޝަރު މި އޮންނަނީ ކުޅުންތެރިންނަށް ކަމަށްވާތީ ވާހަކަ ދައްކަން ޖެހެނީ."
ދެ ވަނަ ފަހަރަށް ރެއާލްއާ ހަވާލުވެ އަންޗެލޮޓީ ދަނީ ތަފާތު ދައްކަމުންނެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވި އެވެ. އެއް ވެސް މެޗަކުން ބައްޔެއް ނުވެ އެވެ. އަންޗޮލޮޓީ ބުނީ އޭނާ ރެއާލްއާ އެކު ހޭދަކުރަމުން ދަނީ ހަނީމޫން ދުވަސްވަރު ކަމަށެވެ.