ސިޔާސީ ނުފޫޒު
ސިޔާސީ ނުފޫޒު

އާދިއްތަ ދުވަހާ ގުޅޭ

ނޫސްބަޔާނުގައި އެ ވާހަކަ ނެތީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ މީޑިޔާއިން ބުނީ އެއީ އަސްލެއް ނެތް ވާހަކައެއްކަމާއި، އެ ފޮޓޯއަކީ ބަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމުގައެވެ. ކޮޅެއްގައި ނުޖެހި އެ ވާހަކަ ނިމުނުކަމުގައި ވިޔަސް، ނަޖާތުގެ ނަން ރިޔާސީ ރޭހުން ފުހެލަން ބޭނުންވާ އެތައް ބަޔަކު ތިބިކަން އާއިލާއިން ހަނދާނެއް ނުނެތެއެވެ. ނަޖާތަށް ތާއީދުކުރާ އެތަކެއް ހާސް ދިވެހިންނަކަށް ވެސް އެ ކަން އެނގެއެވެ. ސަރުކާރު ތެރޭގައި ކިހާ ކޯޅުމެއް އޮންނަކަމާއި، ފަރުދާގެ ބިއްދޮށް ކިހާ އަނދިރިކަން ވެސް އެއީ، އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ.

"އެ ވީ ހަމަ ރަނގަޅަށް،" މަޖިލީހުގެ ގޯތިތެރޭގައި ހުރި ގޮނޑިއެއްގައި އިން މެންބަރު ޒާހިދާ މަޑުމަޑުން ބުންޏެވެ. "ވަރަށް ބޮޑު ހެޑޭކަކުން އެ ސަލާމަތްވީ. މިހާރު ދެން މިޝްކާއަކަށް ބިރެއް ނެތް. އެކަމަކު އަހަރެން ހިޔެއް ނުކުރަން ތާމިރު އެ ކަހަލަ ކަމެއް ކޮށްފާނެކަމަކަށް. ބަލިކުރަންވާނީ ވޯޓުން. ވިހަޔަކުން ނޫން."

ގާތުގައި އިނީ އާރިފެވެ. އެއީ ވެސް ވެރިކަންކުރާ ޕާޓީގެ މެންބަރެކެވެ. މަދުން ވާހަކަދައްކާ ގިނައިން އަޑުއަހާ މީހެކެވެ.

"އޭ! އަހަރެން ވެސް ތި ކަހަލަ ވާހަކައެއް އަޑުއަހައިފީމޭ!" ގޮނޑި ކައިރިކޮށްލަމުން އާރިފު ބުންޏެވެ. "އެ ބިސްކޯދުގެ ވާހަކައަކީ ތެދެއްތަ؟"

"ގެރެންޓީ! ރައީސް ވެސް ބޭނުންފުޅުވަނީ މަގު ސާފުކޮށްލަން،" ވަރަށް ޔަގީންކަމާ އެކުގައި ޒާހިދާ ބުންޏެވެ. "އަހަރެން އަޑުއެހި ގޮތުގަ، އާސެނިކް ކިޔާ ވިހައެއް ބޭނުންކުރީ. އަހަރެން ކައިރީގަ ބުނި މީހާ ބުނީ އެއީ ވަހެއް، ރަހައެއް، ކުލައެއް ހުންނަ އެއްޗެއް ނޫނޭ. އެއީ މަޝްހޫރު ކިލިއޮޕެޓްރާޔާ ނެޕޯލިޔަން ވެސް މަރާލަން ބޭނުންކުރި ވިހަ. ވަކި މިންވަރަކަށް ބޭނުންކޮށްފިއްޔާ ފަރުވާއެއް. ވަކި ވަރަކަށް ވުރެ ގިނައިން ބޭނުންކޮށްފިއްޔާ މަރު."

"އަހަންނަކަށް ގަބޫލެއް ނުކުރެވޭ!" ޗޮކެއްކަނޑައިލައިފައި އާރިފު ބުންޏެވެ. "ތި ބުނާ ޕޮއިޒަން ވެދާނެ ތެދަކަށް. އެކަމަކު ތި އެއްޗެއް ބިސްކޯދަށް އަޅައިގެން، ޓީވީ ތެރެއަށް ވައްދައިގެން ތި ސަކަރާތެއް ނުޖަހާނެ. މާ ރިސްކީ!"

މާލޭގެ ހުރިހައި ދިމާއެއްގައި ވެސް ދެކެވެމުންދިޔައީ އެއް ވާހަކައެކެވެ. އެކި މީހުން ދެކޭ ގޮތް ތަފާތެވެ. އިދިކޮޅު ޕާޓީން އިނގިލި ދިއްކުރީ ސަރުކާރަށެވެ. ސަރުކާރުން އިނގިލި ދިއްކުރީ އިދިކޮޅަށެވެ. ނަޖާތުގެ އާއިލާއަކަށް ގޮތެއް ނުނިންމުނެވެ. ނަޖާތުގެ އެކުވެރިންނާއި އާއިލާއިން ބުނި ގޮތުގައި، އެ ހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިން ވެސް ނަޖާތު އުޅުނީ ވަރަށް ހަމަޖެހިގެންނެވެ. ނަޖާތަށް އެއްވެސް ކަހަލަ އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ. ބަލި ފާޑަކަށް ވެސް ނޫޅެއެވެ. ހިތްވަރާއި ޖޯޝް ނޫން އެއްޗެއް، އެކަކަށް ވެސް ނަޖާތުގެ މޫނުމައްޗަކުން ނުފެނެއެވެ. ބައެއް އެކުވެރިން ބުނި ގޮތުގައި، ކުރިޔަށް ވުރެ ނަޖާތު ހީވާތްގެވެ. މުރާއްޔެވެ. ބުންވަރު ގަދައެވެ. ކެންޕޭނު ކަންތަކުގައި ވެސް ނަޖާތު ގިނައިން އުޅެނީ ފައިމަގުގައެވެ. ހިނގުމުގެ އިސްޕީޑަކަށް ވެސް އެއްވެސް ބަދަލެއް ނާދެއެވެ. ނަޖާތަކީ، ކެއުމަށް ވަރަށް ބަލައިގެން އުޅޭ މީހެކެވެ. އެއްވެސް ކަހަލަ އިންޒާރެއް ނައިސް މީހެއްގެ ހިތް ހުއްޓޭ ހެއްޔެވެ؟ ހަގީގަތް އެނގެން އެބަ ޖެހެއެވެ.

ރާއްޖޭގައި އޯޓޮޕްސީ ހެދެއެވެ. ފުލުހުން ބޭނުންވީ އެ ކަން ކުރާށެވެ. ނަޖާތުގެ އާއިލާއިން އިންކާރުކުރިއެވެ. އެކަމަކު މުންސިރު ބޭނުންވީ އޯޓޮޕްސީ ހަދާށެވެ. މުންސިރަކީ ފިރިމީހާއެވެ. ޑަކުޓަރެކެވެ. ވެރިކަންކުރާ ޕާޓީގެ ނުފޫޒު ގަދަ މީހެއް ވެސް މެއެވެ. ނަޖާތުގެ މަރުގެ ޒިންމާ އުފަލަން ޖެހެނީ ކޮން ބައެއްކަން ވެސް މުންސިރަށް އެނގެއެވެ. ޓީވީ ޕުރޮގުރާމެއްގައި މުންސިރު އެ ވާހަކަދެއްކިއެވެ.

"ނަޖާތު ވަރަށް ބިރުކުޑަވާނެ. ވަރަށް ހިތްވަރުގަދަވާނެ،" ކުޑަކޮށް ފެންކަޅިވެފައި އިނދެގެން މުންސިރު ބުންޏެވެ. "އެކަމަކު ނަޖާތު ކިތަންމެ ހިތްވަރުކޮށްގެން މީހުން ތެރެއަށް ނުކުމެ އުޅުނަސް، އިދިކޮޅުން ކުރި ކޮރަޕްޝަންގެ ތުހުމަތު ނަޖާތުގެ ހިތަކުން ނުފިލި. ގޭގަ ނަޖާތަކީ، ޕޯޑިޔަމުތަކުން ފެންނަ ނަޖާތެއް ނޫން. ނުކުރާ ކުށެއްގަ ބަދުނާމުކުރީމަ، އޭގެ އަސަރު ނަޖާތަށް ވަރަށް ބޮޑަށް ކުރި. ހާޓްއެޓޭކްގެ އަށެއްކަ ގަޑި އިރު ކުރިން ވެސް ނަޖާތު ދެއްކީ އެ ވާހަކަ. ދެ ކުދިންގެ ފިއުޗަރއަށް ވާނީ ކިހިނެއްހޭ ވެސް ބުނި. ނަޖާތުގެ މަރުގެ ޒިންމާ ކޮންމެވެސް މީހަކު އުފުލަން ޖެހޭނެ. އެ މީހަކަށް އަދަބު ވެސް ދެވެން ޖެހޭނެ. ވާހަކަދެއްކުމުގެ މިނިވަންކަން އޮތެކޭ ކިޔާފަ މީހެއްގެ އަބުރު ކަތިލެވިގެން ނުވާނެ."

އޯޓޮޕްސީ ހަދަން ނަޖާތުގެ އާއިލާއިން އިންކާރުކުރާތީ، އެ ވާހަކަ ވެސް ދެކެވުނެވެ. ހާޓްއެޓޭކެއް ޖެހުނުކަން މުންސިރަށް އެހާ ޔަގީންވާ އިރު އޯޓޮޕްސީ ހަދަން މުންސިރު ތާއީދުކުރަނީ ކީއްވެގެން ހެއްޔެވެ؟

"ޝައްކެއް ނެތް މިންވަރަށް ކަށަވަރުކުރަން،" ޖަވާބުގައި މުންސިރު ބުންޏެވެ. "އަޅުގަނޑަކީ ނަޖާތުގެ ފިރިމީހާ. އެކަމަކު އަޅުގަނޑު ނޫނަސް ނަޖާތު ދެކެ ލޯބިވާ އެތައް ހާސް މީހުނެއް އެބަ އުޅޭ. މި ފުރުސަތުގަ އަޅުގަނޑު އެ މީހުންނަށް ހަނދާންކޮށްދޭން ބޭނުން، މީހުން ހަދަހަދައިގެން ވާހަކަދެއްކިޔަސް އެ ވާހަކަ އަޑުނާހާތި! ސަރުކާރުން މި ކަހަލަ މުޑުދާރުކަމެއް ނުކުރާނެ. އެއްގަލަށް ނާރާ ކޮންމެ މީހަކު އެއްފަރާތް ކުރުމުގެ ސިޔާސަތެއް ރައީސް ނުގެންގުޅުއްވާނެ. މީ އޯގާތެރި ސަރުކާރެއް. ރައްޔިތުންގެ ވިންދު އަޑުއަހާ ސަރުކާރެއް. މަރުގެ ހަގީގަތް ޑޮކްޓަރުން ހޯދާނެ. ގާތިލުންނަށް އަޅުގަނޑު ދޭނީ އިންޒާރެއް. ހޮރަށް ވަދެ ފިލާ ތިބޭނެކަމެއް ނެތް. މިރުސްދުން އަޅައިގެން ކަލޭމެން ނެރޭނަން. އިންސާފުގެ ކުރިމައްޗަށް ގެންނާނަން."

ނަޖާތަށް އިންސާފު ހޯދައިދޭން ހާހެއްހައި ސަޕޯޓަރުން މަގުމައްޗަށް ނުކުތެވެ. މަޖީދީމަހުގެ ޓުރެފިކު ހުއްޓުމަކަށް ގެނުވިއެވެ. ނަޖާތަކީ ގައުމުގެ ހުންގާނާ ހަވާލުވާން މަސައްކަތްކުރި ތަފާތު ވެރިޔެކެވެ. މުޒާހަރާއިން ވެސް ބަލާމީހުންނަށް ތަފާތެއް ފެނުނެވެ. އެންމެންގެ އަނގަމަތީގައި ހުރީ ޓޭޕުއަޅައިފައެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެއެވެ. ކޮންމެ މީހަކު އަތުގައި އޮތީ، ބޯކަރުދާހުން ހަދައިފައިވާ ވަށް ބިސްކޯދެކެވެ. ބިސްކޯދުގެ އެއް ފަޅިއެއް ނެތެވެ.

ނަޖާތު މަރުވި ގޮތާ ބެހޭ ގޮތުން އެތައް ގޮތަކަށް ވާހަކަދެކެވުނެވެ. އެއް ނޫހަކުން ތުހުމަތުކުރި ގޮތުގައި ނަޖާތަށް ކާންދިނީ ސިހުރެކެވެ. ވީމާ، މަރުވި ސަބަބެއް ނުހޯދޭނެއެވެ. ގަބޫލުކުރަން ކިތަންމެ ދަތި ވިޔަސް ކަންތައް ވީ އެހެންނެވެ. ދިވެހި ޑަކުޓަރުންގެ ހާއްސަ ޓީމެއްގެ ބެލުމުގެ ދަށުން ނަޖާތުގެ އޯޓޮޕްސީ ހެދުމުގެ މަސައްކަތް ފެށުނެވެ. އެކަމަކު، މައްސަލައެއް ނުފެނުނެވެ. ޓީމުން ނެރުނު ބަޔާނުގައި ވެސް ހުރީ ހައިރާންވާންޖެހޭ ކަހަލަ ނުކުތާތަކެވެ. ނަޖާތުގެ އެއްވެސް ލޭހޮޅިއެއްގައި ސީރިޔަސް މައްސަލައެއް ނެތެވެ. ގަނޑުލޭކޮޅެއް އުފެދިފައެއް ވެސް ނެތެވެ. ނަތީޖާއެއްގެ ގޮތުން، ނަޖާތު މަރުވީ ކީއްވެގެންކަމެއް ރިޕޯޓަކު ފާހަގަކޮށްފައެއް ނެތެވެ. ހަށިގަނޑަށް ދިމާވީ ކޮން ކަހަލަ މައްސަލައެއްކަމެއް ވެސް ނޭނގުނެވެ. ހިތްހުއްޓިގެން މަރުވާ މީހެއްގެ ހަށިގަނޑުން ފެންނަންޖެހޭ އެއްވެސް އަލާމާތެއް ނަޖާތުގެ ހަށިގަނޑަކުން ނުފެނުނެވެ. އެއީ އާންމުކަމެއް ނޫނެވެ. މަރުވި ސަބަބު އެނގެންޖެހެއެވެ. އޯޓޮޕްސީ ހެދުމުގެ ބޭނުމަކީ ވެސް އެއީއެވެ. އޯޓޮޕްސީ ހެދުމަށް ފަހު މަރުވި ސަބަބު ނޭނގުމަކީ ނާދިރުކަމެކެވެ. މީހުން ކިޔަން ފެށިއެވެ. ހަގީގަތުގައި ނަޖާތަށް ކާންދިނީ ސިހުރެއް ހެއްޔެވެ؟

ބިސްކޯދުގެ ވާހަކަ ލީކުވީ ކީއްވެގެން ހެއްޔެވެ؟ ސިއްރިޔާތުގައި ކުރެވެމުންދިޔަ އެންމެ ބޮޑު ތަހުގީގަކީ އެއީއެވެ. އެ ކަމުގައި ސަރުކާރުގެ އަތެއް އޮތްކަމަކަށް ސަރުކާރުން އެއްބަހެއް ނުވެއެވެ. ސުވާލަކީ، މަސްލަހަތަށް ޓަކައި އެ ކަން ސިއްރުކޮށްފައި ވަނިކޮށް، ފޮޓޯއަކާ އެކުގައި އެ ވާހަކަ ބޭޒާރުކޮށްލީ ކާކު ހެއްޔެވެ؟ ބާކީ ހުރި ބިސްކޯދުތައް ގެންދިޔައީ ފުލުހުންގެ ފޮރެންސިކު ލެބޯޓަރީއަށެވެ. ފުލުހުންނަކަށް އެއަކުން މައްސަލައެއް ނުފެނުނެވެ. ދެން އޮތީ ބިސްކޯދަށް ސިހުރުހަދައިފައި ހުރިކަން ބެލުމުގެ މައްސަލައެވެ. ސިހުރު ފެންނަ ކަހަލަ މައިކުރަސްކޯޕެއް ނުހުރެއެވެ. އެ ކަން ބެލުމަށް ހަވާލުކުރާނެ، ސަރުކާރަށް އިތުބާރުކުރެވޭ ސިހުރުވެރިއެއް ނުވަތަ ރާގީއެއް ނެތެވެ. ގޮތް ނޭނގޭ މީހަކާ ހަވާލުކޮށްގެން އެ ކަން ބޭޒާރުވެދާނެކަމުގެ ބިރު އެބަ އޮތެވެ.

ނަޖާތުގެ މަރުގެ ސަބަބު ހޯދަން، އެންމެ ބާރުލައި އަޑު އުފުލީ ނަޖާތުގެ ފިރިމީހާ މުންސިރުއެވެ. އޭނަ ބުނި ގޮތުގައި، އެ ސަބަބު ނުހޯދައިފި ނަމަ، ނަޖާތުގެ ދަރިން ބޮޑުވެގެން އެ ކުދިން ވެސް މުންސިރާ ސުވާލު ކުރާނެއެވެ. މަންމައަށް އިންސާފު ހޯދައި ނުދެވުނުކަމުގެ ޝަކުވާކުރާނެއެވެ. އޭރު ވެސް ނަޖާތުގެ ހަށިގަނޑު އޮތީ ކަށްކޮށާރުގައެވެ. ރާއްޖެއިން ބޭރަށް ގަބުރު ގެންދާކަށް މުންސިރު އެއްބަހެއް ނުވިއެވެ. މުންސިރު ބޭނުންވަނީ، ކުރާ ކަމެއް މުންސިރުގެ ލޯ ކުރިމަތީގައި ކުރާށެވެ.

ކަމާ ބެހޭ ތަޖުރިބާކާރުންގެ ޓީމެއް އިންޑިޔާއިން ގެނައެވެ. އެމެރިކާގެ ފޮރެންސިކު ޑިޕާޓުމަންޓުން ވެސް ތަޖުރިބާކާރަކު އައިސް އެ ޓީމާ ގުޅުނެވެ. އެކަމަކު، ދިވެހި ޑަކުޓަރުންނަށް ނުހޯދުނު އެތި އެ މީހުންނަކަށް ވެސް ނުހޯދުނެވެ. ނަޖާތު މަރުވި ސަބަބެއް ނޭނގުނެވެ. ކޮންމެ މީހަކު ކޮންމެ ވަގުތަކު ވެސް މަރުވެދާނެއެވެ. އެންމެން ވެސް އެ ކަން ގަބޫލުކުރެއެވެ. އެކަމަކު ހިތް ހުއްޓިގެން މަރުވެއްޖެ ނަމަ، އެ ސަބަބު ޔަގީންކުރެވޭ ކަހަލަ ހެކިތަކެއް ހަށިގަނޑުން ފެންނަން ޖެހޭނެއެވެ. މައްސަލައަކީ، އެއިން އެއްވެސް ހެތްކެއް ނުފެނުމެވެ. އެ ފަހަރު ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދީ، އެމެރިކާއިން އައި ކެވިން ބްރައުންއެވެ.

"ނަޖާތު މަރުވީ ހާޓްއެޓޭކެއް ޖެހިގެންކަމާ މެދު ޝައްކު." ކެވިންގެ އެ ސުރުހީ، ހުރިހާ ނޫހަކުން ވެސް ބޭނުންކުރިއެވެ.

އިންޑިޔާ ޓީމުން ނެރުނު ރިޕޯޓު ވެސް ކެވިންގެ ވާހަކައަށް ތާއީދުކުރިއެވެ. އެ ރިޕޯޓުގައިވާ ގޮތުން ނަޖާތުގެ ކޮޓަރިޔާ ހަމަޔަކުން އެ މައްސަލަ ނިންމައިލެވޭކަށް ނެތެވެ. ކުރިން ނުފެނުނު ހެތްކެއް ފޮރެންސިކު ޓީމަށް ފެނިއްޖެއެވެ. ނަޖާތުގެ ހިތްހުއްޓުނީއެއް ނޫނެވެ. ހުއްޓުވައިލީއެވެ. އޭގެ އެއްވެސް ތަފުސީލެއް ނުދެއެވެ.

އިންޑިޔާ ޓީމުން ރިޕޯޓު ނެރުނު ރޭގެ ދަންވަރު، ރިޕޯޓު ނެރުނުތާ ކުޑަ އިރުކޮޅެއް ފަހުން، ނަޖާތު ދިރިއުޅުނު ގެއަށް އެންބިލާންސު އަންނަން ޖެހުނެވެ. ކުރީ ފަހަރު އައިހެން، ސައިރަންގެ އަޑުން ދަންވަރުގެ ހިމޭންކަން ނަގައިލަމުންނެވެ.

ނުނިމޭ