މިވަރަށް ދުނިޔެ ބައިބައިވި ޒަމާނެއް ނާދޭ: ގުޓަރެސް
މިވަރަށް ދުނިޔެ ބައިބައިވި ޒަމާނެއް ނާދޭ: ގުޓަރެސް

ދުނިޔެ އަށް މިހާ ގިނަ ނުރައްކާތައް ކުރިމަތިވި ޒަމާނެއް އަދި ދުނިޔެ މިހާ ބޮޑަށް ބައިބައިވި ޒަމާނެއް ނާންނަ ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ރޭ ވިދާޅުވެއްޖެ އެވެ.

މިވަރަށް ދުނިޔެ ބައިބައިވި ޒަމާނެއް ނާދޭ: ގުޓަރެސް
މިވަރަށް ދުނިޔެ ބައިބައިވި ޒަމާނެއް ނާދޭ: ގުޓަރެސް

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ގައުމުތަކުގެ ވެރިންގެ ބަހުސްތައް ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކައިގައި، މުޅި ދުނިޔެ ހޭލުމަށް ގޮވައިލައްވަމުން ގުޓަރެސް ވިދާޅުވި ގޮތުގައި، މިހާރު ބައިނަލްއަގުވާމީ މުޖްތަމައަށް ކުރިމަތިވެފައިވާ މުސީބާތްތަކުން އަރައިގަނެވެން އޮތް ހަމައެކަނި ގޮތަކީ، އެއްބައިވަންތަވުމެވެ.

"އަހަރެމެން މިހާރު މިތިބީ އަނގުރު އަނދަވަޅެއްގެ ތުންފަތްމަތީގައި. އަހަރެމެންގެ ހަޔާތުގައި ކުރިމަތިވާނެ އެންމެ ގިނަ މައްސަލަތައް މިހާރު މިވަނީ އަހަރެމެންނާ ކުރިމަތިވެފައި،" އެންޓޯނިއޯ ގުޓަރެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވެފައި މިވާ ކޮވިޑް ވަބާގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައުގައި ތަފާތުކުރުންތައް އިންތިހާއަށް އިތުރުވެއްޖެ އެވެ. އަދި މުޅި ދުނިޔެ އަށް އަންނަނީ މޫސުމީ ބަދަލުތަކުގެ ނުރައްކާތައް ކުރިމަތިވަމުންނެވެ. އަފްގާނިސްތާނާއި ޔަމަނާއި އިތިއޮޕިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހަ ވަނީ ނުރައްކަލަށް ހުށަހެޅިފަ އެވެ.

ބައިނަލްއަގުވާމީ މުޖްތަމައުގައި ތަފާތުކުރުމާއި ބޭއިންސާފު އާންމުވެފައިވާ ކަމުގެ މިސާލެއްގެ ގޮތުން ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވީ، ކޮވިޑް ވަބާއިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ހޯދުމުގައި އެކި ގައުމުތަކަށް ކުރިމަތިވެފައިވާ ދަތިތަކެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދަކަށް ވެކްސިން އުފައްދާފައި ވިޔަސް، ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ތިބީ ވެކްސިން ނުލިބިފަ އެވެ.

"ބައެއް ގައުމުތަކުގައި އެ ގައުމުތަކަށް ބޭނުންވާ މިންވަރަށް ވުރެ ވެސް ގިނައިން ވެކްސިން އެބަހުރި. އެހެން ބައެއް ގައުމުތަކުގައި އެ އުޅެނީ ވެކްސިން ނުލިބިގެން. މިއީ އަދުގެ ދުނިޔޭގެ ހާލަތު ބަޔާންކޮށްދޭ ދަށު ދަރަޖައިގެ އަމަލެއް. މިއީ ވަރަށް ވިޔާނުދާ ފާހިޝް އަމަލެއް. ސައެންސް އިމްތިހާނުން އަހަރެމެން ފާސްވެއްޖެ. ނަމަވެސް އަހުލާގީ ގޮތުން އަހަރެމެންނަށް ލިބެނީ އެފް."

އޭނާ ވިދާޅުވި ގޮތުގައި އެފްރިކާ ބައްރުގެ 90 ޕަސެންޓަށް ވުރެ ގިނަ މީހުން އަދިވެސް ތިބީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ނުޖެހިފަ އެވެ. އެހެންކަމުން، 2022 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، މުޅި ދުނިޔޭގެ އާބާދީގެ 70 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ލިބޭނެކަން ކަށަވަރުކުރެވޭނެ ވެކްސިން މަޝްރޫއެއް ފެށުމަށް އޭނާ، ދުނިޔޭގެ ގައުމުތަކަށް ގޮވައިލެއްވި އެވެ.

ކޮވިޑް މައްސަލައިގެ އިތުރުން، ތިމާވެށީގެ މައްސަލަތަކަށް ވެސް ސެކްރެޓަރީ ޖެނެރަލް އަލިއަޅުއްވައިލެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން ނެރުނު، އިންޓަ ގަވަރްމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްގެ ރިޕޯޓުންނާއި، ދުނިޔޭގެ އެކި ބައްރުތަކުން މިހާރު ފެންނަމުން ދާ މޫސުމީ ބަދަލުތަކުން ވެސް، ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ހަލުވި މިންވަރު އެނގެ އެވެ.

"ދާދި ފަހުން އަހަރެމެންނަށް ފެނުނު ގޮތުގައި، ދުނިޔޭގެ މާލީ މުއާމަލާތްތަކުގެ މިރަށަށް ވެސް، މޫސުމީ ބަދަލުތަކުން އެއްވެސް ރައްކާތެރިކަމެއް ލިބިގެނެއް ނުވޭ،" މިމަހުގެ ކުރީކޮޅު ނިއު ޔޯކަށް އެރި އައިޑާ ތޫފާނުގައި ނިއު ޔޯކަށް ލިބުނު ގެއްލުންތަކަށް އިޝާރާތް ކުރައްވައި، ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

"ގްލަސްގޯގައި ބާއްވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ މަހާސިންތާއާ، އަހަރެމެން މިތިބީ ދެތިން ހަފުތާއާ ދުރުގައި. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ، އަހަރެމެން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއާ އަހަރެމެން މިތިބީ އެތައް އަލި އަހަރެއްގެ ދުރުގައި."

ސެކްރެޓަރީ ޖެނެރަލްގެ ވާހަކައިގައި ވަކިވަކި ގައުމުތަކުގެ ތެރެއިން، މައްސަލަތައް އެންމެ ބޮޑެތި ގައުމުތަކުގެ ގޮތުގައި ފާހަގަކުރެއްވީ، އަފްގާނިސްތާނުގައި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ނިގުޅައިގަންނަ މައްސަލަ އެވެ. އޭގެ އިތުރުން އިތިއޮޕިއާގެ މައްސަލަ ހައްލުކުރުމަށް ސިޔާސީ ފަރާތްތަކުގެ މެދުގައި ވާހަކަތައް ފެށުމުގެ މުހިންމުކަމާއި، މިޔަންމާގައި އިންސާނީ ހައްގުތަކާއި ޑިމޮކްރެސީ އާލާކުރުމާއި، ޔަމަނާއި ލީބިޔާ އަދި ސީރިޔާގެ ސިޔާސީ ބައިބައިވުން ހައްލުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން ވިދާޅުވީ، މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރެވޭނީ، އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމުކުރެވިގެން ކަމަށެވެ. އެހެންކަމުން، މާނަހުރި މަޝްވަރާތަކެއްގެ ތެރެއިން ދެ ދައުލަތް އުފައްދައި، ދެ ދައުލަތް ގަބޫލުކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް އޭނާ ގޮވައިލެއްވި އެވެ.

އޭގެ އިތުރުން އެމެރިކާ އާއި ޗައިނާގެ ކޯޅުމަށް ވެސް އަލިއަޅުއްވައިލެއްވި އެވެ. އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ އެމެރިކާ އާއި ޗައިނާއާ ދެމެދުގައި ދެކޮޅުވެރިކަމާއި އަދާވާތްތެރިކަން އޮތްހާ ހިނދަކު، އިގްތިސާދީ ގޮތުންނާއި ތަރައްގީގެ ރޮނގުން، ބައިނަލްއަގުވާމީ މުޖްތަމައަށް ހެޔޮ ބަދަލުތަކެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.