ޓްރޭނިން މެޗުގައި ރާއްޖެއިން ގަތަރުގެ ލުސައިލް ބަލިކޮށްފި
ޓްރޭނިން މެޗުގައި ރާއްޖެއިން ގަތަރުގެ ލުސައިލް ބަލިކޮށްފި

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި މިހާރު ކުރިއަށްގެންދާ ޓްރޭނިން ކޭމްޕުގައި ގައުމީ ޓީމުން ގަތަރުގެ ކްލަބު ލުސައިލް ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފި އެވެ.

ދޯހާގައި ރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 4-3 އިންނެވެ. ރާއްޖޭގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އަލީ ހައިޝަމް (ޗުމްޕް) އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

ލުސައިލްއަކީ ގަތަރުގެ ދެ ވަނަ ޑިވިޝަން، ނުވަތަ ގަތަރު ގޭސް ލީގުގައި ވާދަ ކުރާ ކްލަބެކެވެ. ގަތަރުގައި ކުރިއަށް ގެންދާ ކޭމްޕުގައި ޓްރޭނިން ދެ މެޗު ރާއްޖެއިން ކުޅޭނެ އެވެ. އަންނަ ހޮނިހިރު ދުވަހު ރާއްޖެއިން ކުޅޭނީ ގަތަރުގެ ނެޝަނަލް އާމީ ކްލަބާ ދެކޮޅަށެވެ.

ދޯހާގެ ކޭމްޕުގައި ރާއްޖެއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ، އަވައްޓެރި ސްރީ ލަންކާއާއެކު އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް ކުޅުމަަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ލަންކާއިން ގަތަރަށް ކުރަން ހަމަޖެހިފައިވާ ޓްރޭނިން ކޭމްޕް ސައުދީ އަރަބިއާއަށް ބަދަލު ކުރުމުންނެވެ.

"ލަންކާއާ ދެކޮޅަށް މެޗު ކުޅެން އަޅުގަނޑުމެން ޓީމު އޮތީ ތައްޔާރަށް. އެންމެ ފަހު މިނެޓާ ހަމައަށް ވެސް އަޅުގަނޑުމެން އުންމީދު ކުރިން ލަންކާއާ އެކު މެޗު ކުޅެން. އެކަމަކު ގަތަރުގެ ވިސާ ނުލިބުމުން ލަންކާއިން ސައުދީ އަށް ކޭމްޕް ބަދަލުކުރީ. އެހެންވެ އަޅުގަނޑުމެންނަށް ލަންކާއާ ދެކޮޅަށް ނުކުޅެވުނީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު "މިހާރު" އަށް ވިދާޅުވި އެވެ.

ލަންކާ އަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ރާއްޖެއިން މެޗު ކުޅެން މަސައްކަތް ކުރި ދެ ވަނަ ޓީމެވެ. ޓްރޭނިން ކޭމްޕުގައި ގަތަރަށް ރާއްޖެ ޓީމު ފުރުމުގެ ކުރިން ވެސް އެފްއޭއެމުން ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ވެސް މެޗެއް ކުޅެން މަސައްކަތްކޮށްފަ އެވެ.

ރާއްޖެއާ އެކު މެޗުތަކެއް ކުޅެން ބަންގްލަދޭޝް އަށް ދިއުމަށް ދައުވަތު ލިބުނެވެ. ނަމަވެސް ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން އެ ގައުމަށް ދަތުރު ކުރުން ރައްކާތެރި ކަމަކަށް ނުވާތީ އެފްއޭއެމުން ނިންމީ މެޗު ކުޅެން އެ ގައުމަށް ދަތުރު ނުކުރުމަށެވެ. އޭގެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި މެޗެއް ކުޅުމަށް އެފްއޭއެމުން ހުށަހެޅި ކަމަށް، އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން (ބަންގްލަދޭޝް) އަށް ހުށަހެޅިން މެޗު ކުޅެން ރާއްޖެ އަންނަން. ނަމަވެސް ބަންގްލަދޭޝް (ފެޑެރޭޝަން) އިން ބޭނުންވީ އެ ގައުމުގައި ވެސް އެއް މެޗު ކުޅެފައި ރާއްޖެ ދާން. އެކަމަކު އެ ގައުމަށް އަޅުގަނޑުމެންގެ ކުޅުންތެރިން މި ހާލަތުގައި ފޮނުވަން ޖެހިލުންވާތީ އެކަމަށް އެއްބަސް ނުވެވި ދިޔައީ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ބުނިގޮތުގައި ގަތަރުގެ ކްލަބުތަކާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ރޭވީ އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް ކުޅެން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. ޓްރޭނިން ކޭމްޕް ނިންމުމަށް ފަހު ޓީމު މާލެ އަންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އެވެ.

އަންނަ މަހު 1-16 އަށް މާލޭގައި ބާއްވާ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އޮކްޓޫބަރު 1 ވަނަ ދުވަހުގެ ރޭ ނޭޕާލްއާ ދެކޮޅަށެވެ. މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރު 16 ގަ އެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ރާއްޖެ

- އޮކްޓޯބަރު 7 (ރޭގަނޑު): ރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ރާއްޖެ