02 ޑިސެމްބަރ 2016 - 09:39

ލަންޑަން (ޑިސެމްބަރު 2) - ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކުރުމަށް އެ ގައުމަށް ދަތުރުކުރަނިކޮށް މަތިންދާބޯޓް ވެއްޓި ބްރެޒިލްގެ ޝަޕޮކޮއެންސްގެ ކުޅުންތެރިންނާއި އޮފިޝަލުން މަރުވެފައިވާއިރު، އެ ޓީމުގެ ޖާޒީގެ ޑިމާންޑް ވަރަށް ބޮޑުވެފައިވީ ނަމަވެސް މި ވަގުތު ޖާޒީ ވިއްކުން މަޑު ޖައްސާލާފައިވާ ކަމަށް އެ ޖާޒީ އުފައްދާ ބްރޭންޑް އަމްބްރޯ އިން ބުނެފި އެވެ.
އަމްބްރޯ އިން ބުނީ ފުޓްބޯޅައިގެ ގިނަ ސަޕޯޓަރުން އަންނަނީ ޝަޕޮކޮއެންސްގެ ޖާޒީ ހޯދުމަށް އެދެމުން ކަމަށާއި އެހެން ނަމަވެސް މި ވަގުތު ޖާޒީ ވިއްކުން މަޑުޖައްސާލީ މިއީ ހިތާމަވެރި ވަގުތެއް ކަމަށްވެފައި މިކަމުގެ ފައިދާއެއް އެއްްވެސް ސިފައެއްގައި ނަގަން ބޭނުންނުވާތީ ކަމަށެވެ.
"ޝަޕޮކޮއެންސްގެ ހިތާމައިގައި ބައިވެރިވުމަށް އެ ޓީމުގެ ޖާޒީ ހޯދަން އެދޭ މީހުންނަށް ޝުކުރު އަދާކުރަން. އެކަމަކު މިވަގުތަކީ މި ހިތާމަވެރި ދަނޑިވަޅުގައި އެއްވެސް ގޮތަކަށް އެކަމުގެ ފައިދާ ނަގަން މި ކުންފުނިން ބޭނުންވާ ކަމެއް ނޫން. މިކަމުގެ ސަބަބުން އެ ޓީމަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ޖާޒީ ވިއްކުން ވަނީ މަޑުޖައްސާލައިފައި،" އަމްބްރޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ ޝަޕޮކޮއެންސްގެ ޖާޒީ ވިިއްކުމާ ގުޅޭގޮތުން އެ ޓީމުގެ ވެރިންނާއި ބްރެޒިލް އަމްބްރޯ ކުންފުންޏާ މަޝްވަރާކުރާނެ ކަމަށާއި އެކަމަކު މިއީ އެކަން ކުރުމަށް ވެސް އެންމެ ރަނގަޅު ވަގުތަށް ނުވާތީ އެކަން ވެސް މަޑުޖައްސާލާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް މިވަގުތަށް ހުއްޓާލައިފަ އެވެ. އަދި ނެސިއަނަލް އިން ވަނީ ކޮޕަ ސުޑަމެރިކާނާގެ ތަށި ޝަޕޮކޮއެންސްއާ ހަވާލުކުރުމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޮލްގައި އެދިފަ އެވެ. އެޓީމުގެ މި ނިންމުމަށް ގިނަ ބަޔެއްގެ އިހުތިރާމް ވަނީ ލިބިފަ އެވެ.