05 ޖޫން 2016 - 12:25

ޕެރިސް (ޖޫން 5) - ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ސިއްސުވާލުމަށް ފަހު ސްޕެއިންގެ ގާބައިން މުގުރޫޒާ ފްރެންޗް އޯޕަން ކާމިޔާބުކޮށްފި އެވެ.

ދުނިޔޭގެ ހަތަރު ވަނައިގައި އޮތް މުގުރޫޒާ ވަނީ ފަސޭހަކަމާ އެކު ސެރީނާގެ މައްޗަށް ކުރި ހޯދައިފަ އެވެ. އޭނާ ސެޓުތައް ގެންދިޔައީ 7-5 6-4 އެވެ. މިދިޔަ އަހަރުގެ ވިމްބެލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި މުގުރޫޒާ ބަލިވީ ސެރީނާ އަތުންނެވެ.
އުމުރުން 22 އަހަރުގެ މުގުރޫޒާ އަކީ 1998 ވަނަ އަހަރަށް ފަހު ފްރެންޗް އޯޕަން ކާމިޔާބުކުރި ސްޕެއިންގެ ފުރަތަމަ އަންހެން ޓެނިސް ކުޅުންތެރިޔާ އެވެ. އަދި 1990 ވަނަ އަހަރަށް ފަހު އުފަންވި ކުޅުންތެރިންގެ ތެރެއިން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.
މުގުރޫޒާ އަކީ ފަހަކަށް އައިސް އަންހެން ޓެނިހުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ ކުޅުންތެރިޔެކެވެ. ފްރެންޗް އޯޕަން ފައިނަލުގައި މުގުރޫޒާ ކުޅުނުއިރު މިއީ ކްލޭ ކޯޓެއްގައި އޭނާ ކުޅުނު ފުރަތަމަ ފައިނަލެވެ.
"އަހަރެން މިހިރީ ވަރަށް އުފަލުން. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވަރަށް ފުރިހަމަ ފައިނަލަކަށް ވުން. ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާގެ މައްޗަށް ކުރި ހޯދުމުން ވަރަށް އުފާވެއްޖެ،" މުގުރޫޒާ ބުންޏެވެ.
މި ފަހަރުގެ ފައިނަލަކީ ސެރީނާގެ ކެރިއަރުގައި ކުޅުނު 27 ގްރޭންޑް ސްލޭމް ފައިނަލުގެ ތެރެއިން އޭނާ ބަލިވި ހަ ވަނަ މެޗެވެ. އެންމެ ފަހުން އޭނާ ގްރޭންޑް ސްލޭމް ފައިނަލެއްގައި ބަލިވީ 1998 ވަަނަ އަހަރު އެވެ.
"މިއީ އަހަރެންނަށް ރަނގަޅު ކުޅުމެއް ދެއްކުނު މެޗެއް ނޫން. އާދައިގެ ކުޅުމެއް އަހަރެންގެ ފަރާތުން ފެނުނީ. އަނިޔާގެ މައްސަލައެއް ނެތް. އަނިޔާގެ ޝަކުވާ ކުރަން ބޭނުންވާ މީހެއް ނޫން އަހަންނަކީ. މުގުރޫޒާ އަށް މޮޅެއް ހައްގު. އޭނާގެ ފަރާތުން ފެނުނީ ހިތްވަރުގަދަ ކުޅުމެއް،" ސެރީނާ ބުންޏެވެ.
އުމުރުން 34 އަހަރުގެ ސެރީނާ އަށް ވަނީ އެންމެ ފަހުން ކުޅުނު ތިން ގްރޭންޑް ސްލޭމް މުބާރާތުގައި ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.