21 ސެޕްޓެމްބަރ 2021 - 15:02

ރާއްޖޭގައި ހަކަތަ އުފެއްދުމާއި ހަކަތަ ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި ކަރަންޓުގެ ހަރަދުތައް ކުޑަކުރުމަށް އެހީވެދޭ ފަންޑެއް ގާއިމުކޮށް، އެ ފަންޑު ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރާ ހަކަތައިގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ހަކަތައިގެ ބިލުގެ މަގުސަދަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކަންކަން ސަލާމަތާއި ރައްކާތެރިކަމާ އެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުމެވެ. މި ބިލު މިއަދުގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވީ 43 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލުގައި ބުނާގޮތުން ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމެނޭ ޕްލޭޭނެއް ހަކަތައިގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން އެންވަޔަރަމަންޓް މިނިސްޓްރީން އެކުލަވާލަންޖެހޭނެ އެވެ.
އަދި ރާއްޖޭގެ ސަރަހައްދުގައި ގުދުރަތީ ގޮތުން ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ އެންމެހާ ވަސީލަތްތަކަކީ ދައުލަތުގެ މިލްކެކެވެ.
ހަކަތައިގެ ވަސީލަތްތައް މުއްސަނދި ސަރަހައްދެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދެއް ފާހަގަކުރެވިއްޖެ ނަމަ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މަޝްވަރާގެ މަތިން އެ ސަރަހައްދެއް "ހަކަތައިގެ ވަސީލަތައް ހާއްސަ ސަރަހައްދު"ގެ ގޮތުގައި ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާ ކަމަށް ބިލުގައި ބުނެ އެވެ.
ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ރަނގަޅަށް ހަކަތަ ބޭނުންކުރާ ނަމަ، އަދި ކަރަންޓު ހެޔޮ ގޮތުގައި ބޭނުންކުރާކަމުގެ ސެޓްފިކެޓަށް އެދި އެފަދަ ފަރާތަކުން ހުށަހަޅައިފިނަމަ އެކަމަށް "އެނާޖީ އެފިޝަންސީ ސެޓްފިކެޓެ"އް ދޫކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބޭނެ އެވެ.
ބިލުގައި ބުނާގޮތުން ކަރަންޓު ފޯރުކޮށްދޭ އެއްވެސް ފަރާތަކުން ރާއްޖޭގައި ކަރަންޓު އުފައްދަންވާނީ ނުވަތަ ވިއުގައެއްގެ ޒަރީއާއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ވާނީ އެކަމަށް ދޫކުރާ ލައިސަންސް ނެގުމަށްފަހު އެވެ. އަދި އެމީހުންނަށް ކަރަންޓު ވިއްކޭނީ އޮތޯރިޓީން ހުއްދަ ލިބޭ އަގެއްގަ އެވެ.
މި ބިލު ފާސްކުރި ނަމަވެސް އާ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމުގެ ދާއިރާއިންް ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ ހުއްދަ ބާތިލެއް ނުވާނެ އެވެ.