ހިޔާ ފްލެޓް ދޫކޮށްލިޔަސް ވިނަރެސް ފްލެޓު ދޭނީ ޝަރުތު ހަމަވޭތޯ ބެލުމަށް ފަހު: އެޗްޑީސީ
ހިޔާ ފްލެޓް ދޫކޮށްލިޔަސް ވިނަރެސް ފްލެޓު ދޭނީ ޝަރުތު ހަމަވޭތޯ ބެލުމަށް ފަހު: އެޗްޑީސީ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރެއިން "ވިނަރެސް" ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެތަނުން ފްލެޓް ދޭނީ ވެސް ޝަރުތުހަމަވޭތޯ ބެލުމަށް ފަހު ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގައި ފަންނީ މީހުން ވެސް ހިމެނެ އެވެ. އެހެންވެ މި ސަރުކާރުން ނިންމީ އެ މީހުން ބޭނުން ނަމަ ހިޔާ ފްލެޓް ދޫކޮށްލައި "ވިނަރެސް" ފްލެޓް ހޯދޭ ގޮތަށެވެ. ހިޔާ އިން ލިބުނު ފްލެޓް ދޫކޮށްލައި ވިނަރެސްއަށް ބަދަލުވުމަށް ފަންނީ މީހުންނަށް ހުޅުވާލި ފުރުސަތުގައި އެހެން ކެޓަގަރީތަކުން ވެސް ބައެއް މީހުން ބޭނުންވީ އެގޮތަށް ވިނަރެސް އަށް ބަދަލުވުމަށެވެ.

އެންމެ ފަހުން ހައުސިން މިނިސްޓްރީން ނިންމީ ހިޔާ ފްލެޓް ލިބުނު އެންމެންނަށް ވެސް ބޭނުން ނަމަ، ވިނަރެސް އަށް ބަދަލުވުމަށް ނަން ނޯޓުކުރުމަށް ފުރުސަތު ދޭށެވެ. އެކަމަށް އެދި ނަން ނޯޓުކުރަން ދިން މުއްދަތުގައި 350 އެއްހާ މީހުން ނަން ނޯޓުކުރި އެވެ.

ފްލެޓް ބަދަލުކުރުމަށް ނަން ނޯޓުކުރި މީހުންނަށް އެ ތަނަށް ބަދަލުވުމަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީން މިހާރު ފޮނުވާފައިވާއިރު ފޯމު ފުރުމަށް ފަހު ހުށަހެޅުމުން އެމީހުންގެ ޝަރުތު ހަމަވޭތޯ އެޗްޑީސީން ބަލާނެ އެވެ.

އެޗްޑީސީން، "މިހާރު" އަށް ބުނީ ވިނަރެސްއަށް ބަދަލުވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހުންނާނީ އެ މީހުންގެ މާލީ ކަންކަމާ ގުޅޭ ޝަރުތުތަކެއް ކަމަށެވެ. އެ ޝަރުތުތައް ހަމަނުވާ ނަމަ، އެ މީހުންނަށް ވިނަރެސްއަށް ބަދަލެއް ނުވެވޭނެ އެވެ.

"މާލީ ކަންކަމާ ގުޅޭ ޝަރުތުތައް ހަމަނުވާ ނަމަ އެމީހުން ތިބެންޖެހޭނީ ހިޔާ ފްލެޓްގައި،" އެޗްޑީސީން ބުންޏެވެ.

ހިޔާ އިން ފްލެޓް ލިބުނު 6،720 މީހުންނާ އެކު ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން މިދިޔަ ޖުލައި މަހުގެ 14 ގައި ފަށައިގެން ކުރިއަށް އެބަދެ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ ސީދާ ދުވަހެއް އަދި ނޭނގެ އެވެ.

ހިޔާއިން ފްލެޓް ލިބުނު އެއްވެސް މީހަކު ވިނަރެސްއަށް ބަދަލުވާން ނިންމައި ހިޔާ ފްލެޓް ދޫކޮށްލައިފި ނަމަ، އެ ހުސްވާ ފްލެޓް ލިބޭނީ އެ ހުސްވާ ކެޓަގަރީއެއްގެ ފްލެޓް ލިބުނު ދާއިމީ ލިސްޓުގައިވާ ތަރުތީބުން ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ "ވިނަރެސް" ޕްރޮޖެކްޓްގައި އިމާރާތް ކުރަނީ 13 ބުރީގެ 10 ޓަވަރެވެ. މިއީ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. ހިޔާ ފްލެޓްތަކާ މާދުރު ނޫން ހިސާބެއްގައި އެ ފްލެޓްތައް އަޅަމުން އަންނައިރު އެ ތަންތަނުގައި 1،344 ފްލެޓު ހުންނާނެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ވިނަރެސް ފްލެޓް ވިއްކުމަށް ހުޅުވައިލާނީ ހިޔާ ފްލެޓް ދޫކޮށްލާ މީހުންގެ ސީދާ އަދަދު އެނގުމުންނެވެ. ވިނަރެސް އިން ފްލެޓް ވިއްކުމަށް އިސްކަންދޭނީ ހިޔާ އިން ފްލެޓް ދޫކޮށްލާ މީހުންނަށެވެ.

ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމުމަށް ފަހު، ވިނަރެސް ފްލެޓް ވިއްކަން ހުޅުވައިލާއިރު އެ ފްލެޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. ހިޔާ ފްލެޓަށް ވުރެ ޖާގައިގެ ގޮތުން ތަނަވަސް މި ފްލެޓްތަކުގެ މަހު ކުއްޔަކީ ގާތްގަނޑަކަށް 20،000ރ. އެވެ. ހިޔާ ފްލެޓްގެ ކުއްޔަކީ ސާވިސް ފީގެ ގޮތުގައި ހިމެނޭ 1،000ރ. އާ އެކު 8،500ރ. އެވެ.