21 ސެޕްޓެމްބަރ 2021 - 13:16

ކޮވިޑް ކޮންޓްރޯލްކުރުމާއި އެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ކުރަންޖެހުނު ހަރަދުތަކަށް މިހާތަނަށް 3.8 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ސިއްހީ ދާއިރާގެ ކަންކަން ހަމަޖެއްސުމަށް 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އިގްތިސާދު ހަމަޖެއްސުމަށް ދައުލަތުން 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ވަކިވަކި ކަންކަމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭހައި މެޑިކަލް ސަޕްލައިސް އަށެވެ. މެޑިކަލް ސަޕްލައިއަށް 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކޮވިޑާ ގުޅުންހުރި އެކި ހިދުމަތްތަކަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ކޮވިޑްގެ ސަބަބުން އެންމެ ބޮޑު ހަރަދެއް ކުރި ހެލްތް މިނިސްޓްރީންނެވެ. އެއީ 800 މިލިއަން ރުފިޔާ އެވެ. އަދި ޑިޒާސްޓާ މެނޭޖްމަންޓްގެ ބަޖެޓުން 785 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
އިގްތިސާދީ ކަންކަން ހަމަޖެއްސުމަށް ދޫކުރި ލޯނުތަކުގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރަ އެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 420 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 83،000 މީހުން ޕޮޒިޓިވވެފައިވާއިރު މީގެ ތެރެއިން 81،000 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 229 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ.
ކޮވިޑް ބަލިން ރައްކާތެރިވުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާ އިރު މިއަހަރުގެ ބަޖެޓުން 33 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައިވެ އެވެ. މީގެ ތެރެއިން މިހާތަނަށް 19 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.