02 ޑިސެމްބަރ 2016 - 09:31

ފާއިތުވި ފަސް ވަރަކަށް އަހަރަށް ބަލާއިރު ރިޓަޔާކުރާ ފުޓްބޯޅަ ކުޅުންތެރިން އަންނަނީ ޕްރެޒެންޓަރުންނާއި އެނަލިސްޓުންގެ ގޮތުގައި ދުނިޔޭގެ މަގުބޫލު ކުޅިވަރު ޗެނަލްތަކާ ގުޅެމުންނެވެ. މިކަމުގެ ސަބަބުން ޗެނަލްތަކުގެ މަގުބޫލުކަން އިތުރުވެ، ވާދަވެރިކަން ވެސް ވަނީ ދެގުނަ ބޮޑުވެފަ އެވެ.

މަޝްހޫރު ފުޓްބޯޅަ ތަރިން ކަމަށްވާ އާސެނަލްގެ ތިއަރީ އޮންރީ، ޓޮޓެންހަމްގެ ގެރީ ލިނެކާ، ރިއޯ ފާޑިނަންޑް، މައިކަލް އޮވެން، ޕައުލް ސްކޯލްސް އަދި ޑިއޮން ޑަބްލިން އަކީ ފާއިތުވި އަހަރުތަކުގައި ގަވައިދުން ޓީވީ ޝޯތައް ހުށަހަޅަމުން އަންނަ ކުރީގެ ކުޅުންތެރިންނެވެ.

މަޝްހޫރު ކުޅިވަރު މީޑިއާ ބީޓީ ސްޕޯޓްސް އިން ބުނީ ކުރީގެ ކުޅުންތެރިން ލައްވައި ޝޯތައް ހޯސްޓްކޮށް ޕްރެޒެންޓް ކުރުމަކީ ކޮލިޓީ އާއި ޕްރޮޑަކްޓިވޓީ ދެ ގުނަވާ ކަމެއް ކަމަށެވެ. އަދި މާކެޓް ކުރުމަށް ބަލާއިރު ވެސް އިތުރު ފަސޭހަތަކެއްވާ ކަމަށް ބީޓީ ސްޕޯޓްސް އިން ބުނެ އެވެ.
"މިއިން ކޮންމެ ކުޅުންތެރިޔަކީ ވެސް ބްރޭންޑެއް. މި ކުޅުންތެރިން އިތުރަށް އިޝްތިހާރުކުރާކަށެއް ނުޖެހޭ. ދެން މައުލޫމާތަށް ބަލާއިރު މިއީ ކުޅެފައި މިކަމުގެ ތަޖުރިބާ ލިބިފައިތިބި ކުޅުންތެރިން. އެކަމުގެ އިހުސާސްތަކާ އެކު ޝޯ ހުށަހަޅާދޭއިރު ބެލުންތެރިންގެ ޝައުގުވެރިކަން މި ޗެނަލަށް ދަމައިގަންނަން ފަސޭހަވޭ،" ބީޓީ ސްޕޯޓްސްގެ ޗެއާމަން މައިކަލް ރޭކް ވިދާޅުވި އެވެ.
ސްކައި ސްޕޯޓްސް އަށް ބަލާއިރު އެންމެ ގިނައިން މިހާރު ފެންނަ މޫނަކީ އޮންރީ އެވެ. އޮންރީ ބުނީ އޭނާ އަކީ ކުރިން އެއްވެސް ވަރަކަށް ޓީވީ ޝޯތައް ހުށަހަޅައިދޭން ޝައުގުވެރިކަން ހުންނަ މީހެއް ނޫން ކަމަށެވެ.
"ކުރިން މާބޮޑު ޝައުގުވެރިކަމެއް ނެތް ޓީވީ ޝޯތައް ހުށަހަޅައިދޭން. އެކަމަކު ކުޅުން ހުއްޓާލުމަށް ފަހު ކޯޗިން ލައިސަންސް ފުރިހަމަ ކުރެވެންދެން ފުޓްބޯޅައިގެ ތެރޭގައި އުޅެން ބޭނުންވާތީ ފުރަތަމަ މަަސައްކަތް ފެށީ އެނަލިސްޓެއްގެ ގޮތުގައި އެކަމަކު ފަހުން ޝޯ ހޯސްޓުކުރުމުގެ ޕްރޮޖެކްޓެއް ލިބުމުން މިކަމުގެ ތެރެއަށް ވަދެވުނީ. މިއީ ވެސް ފުޓްބޯޅަ އަށް ހިދުމަތް ކޮށްދޭން ބަލާއިރު ވަރަށް ޝައުގުވެރި މަސައްކަތެއް،" ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު އަދާކުރަމުން އަންނަ އޮންރީ ބުންޏެވެ.
އެންމެ ފަހުން ފުޓްބޯޅައިން ރިޓަޔާކުރި މަޝްހޫރު ކުޅުންތެރިޔަކީ ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް އެވެ. އޭނާ ވެސް ކޯޗިން ލައިސަންސް ލިބެންދެން ވަނީ ބީޓީ ސްޕޯޓްސްގެ ޝޯތައް ޕްރެޒެންޓް ކުރުމަށް އެ ކުންފުންޏާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އިނގިރޭސިވިލާތުގެ ކުޅިވަރު މީޑިއާ ތަކުގެ ޓީވީ ޝޯތަކަށް ޕްރެޒެންޓަރުންނާއި އެނަލިސްޓުންގެ ގޮތުގައި އަރާ މަޝްހޫރު ތަރިންނަށް އަހަރަކު އާމްދަނީގެ ގޮތުގައި 1.5 މިލިއަން ޕައުންޑާ ގާތްކުރާ އަދަދަކަށް އާމްދަނީ ލިބެ އެވެ.