21 ސެޕްޓެމްބަރ 2021 - 11:32

ޓީސީ ސްޕޯޓްސް ކުލަބުގެ ފުޓުބޯޅަ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގަން މޯލްޑިވްސް ސޮކަ މޭޓްސްއާ ހަވާލުކޮށް ރަސްމީކޮށް އެކަން އިއުލާން ކޮށްފި އެވެ. ޓީސީން މިކަން އިއުލާން ކުރީ ދެ ކުލަބު ދެމެދުގައި ވެވުނު އެއްބަސްވުމުގައި ސޮއިކުރަން ރޭ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި އެމްއެސް މޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުލަބުގެ ރައީސް ކާމިނީޕޫލް ހަސަން މަނިކެވެ. އަދި ޓީސީގެ ފަރާތުން ސޮއިކުރެއްވީ ޓީސީ ސްޕޯޓްސް ކުލަބުގެ ރައީސް އަހުމަދު އައްބާސް އެވެ.
ޓީސީގެ މެނޭޖަރު މުހައްމަދު އަބީރު "މިހާރު" އަށް ވިދާޅުވި ގޮތުގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު މި އެއްބަސްވުމުގެ ދަށުން އެ ޓީމުގެ އެކަޑަމީގެ ހަރަކާތްތައް ހިންގުމުގެ އިތުރުން ޔޫތު މުބާރާތްތަކުގައި ވެސް އެމްއެސް މޭޓްސް ބައިވެރިވާނީ ޓީސީގެ ނަމުގަ އެވެ.
ޓީސީ ސްޕޯޓްސް ކުލަބުން ވަނީ އެޓީމުގެ ފުޓުބޯޅަ އެކަޑަމީ ހިންގަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވެސް ވާދަކޮށް ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެންމެ ފަހުން ބޭއްވި 12 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ލީގުގެ ދެވަނަ ހޯދުމުގެ އިތުރުން އެޓީމުން ވަނީ 2019 ވަނަ އަހަރު ތައިލެންޑުގައި އޮތް އިންޓަނޭޝަނަލް ޔޫތު މުބާރާތެއްގައި ބައިވެރިވެ، 2007 ގެ އުމުރުފުރާގެ ޕްލޭޓް ރަނަރަޕްކަން ވެސް ހޯދައިފަ އެވެ.