އިސްކަންދޭނީ އީގަލްސް އަށް، އެހެން ދިމާލަކުން ވެސް ފެނިދާނެ: ސާންތީ
އިސްކަންދޭނީ އީގަލްސް އަށް، އެހެން ދިމާލަކުން ވެސް ފެނިދާނެ: ސާންތީ

އަންނަ އަހަރު ވެސް އިސްކަންދޭނީ ކްލަބް އީގަލްސްގައި މަޑުކުރުމަށް ކަމަށާއި އެކަމަކު އެހެން ދިމާލަކުން ވެސް ފެނުމުގެ ފުުރުސަތު އެބައޮތް ކަމަށް އެ ޓީމަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދިން ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

އީގަލްސްއާ އެކު ސާންތީ ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ. އޭނާ ބުނީ މި ވަގުތު ބޭނުންވަނީ ފުޓްބޯޅަ އިން ބްރޭކެއް ނެގުމަށް ކަމަށާއި ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށެވެ.

"ކުރިއަށް އޮތް މަހެއްހާ ދުވަހު އަޅުގަނޑު ކުރަން ހުރި އެހެން މަސައްކަތްތަކަށް ހުސްވެލުމަށް ފަހު ގޮތެއް ނިންމާނީ. ކްލަބަކުން ފެންނަންޏާ އިސްކަންދޭނީ އީގަލްސް އަށް. ނޫނީ އެހެން ދިމާލަކުން ފެނުން ވެސް އެކަށީގެންވޭ،" މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ސާންތީ ބުންޏެވެ.

ނިއު ރޭޑިއަންޓުގެ ކޯޗަކަށް ސާންތީ ގެންދަން މަސައްކަތްކުރާ ކަމަށް އަޑުތައް ވަނީ އަރައިފަ އެވެ.

ސާންތީ ބުނީ ފުޓްބޯޅައިގައި އޭނާގެ ވިސްނުމާ އެންމެ އެއްގޮތް މީހުން ތިބީ އީގަލްސްގައި ކަމަށާއި އެހެންވެ އެ ކްލަބަށް އިސްކަންދޭން ބޭނުންވާ ކަމަށެވެ.

"އީގަލްސް އަށް އިސްކަން ދެވެނީ އަޅުގަނޑާ އެންމެ ގުޅޭ މީހުން މިތިބީ އެ ކްލަބުގައި ކަމަށްވާތީ. މިއީ ފެމިލީއެއް. މި ފަހަރުގެ މި ކާމިޔާބީ ހޯދުމުގެ ސިއްރަކީ އެއީ ކަމަށް ވެސް ވެދާނެ. މި ކްލަބަކީ އަބަދުވެސް އަޅުގަނޑާ އެންމެ ގާތް ކްލަބަށް ވާނެ،" ސާންތީ ބުންޏެވެ.

އީގަލްސް އިން ބުނީ ސާންތީ އެ ކްލަބުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަަމަށާއި އެ ޓީމު ބިނާކުރުމުގައި ސާންތީގެ ރޯލު ބޮޑުކަމަށެވެ.

ސާންތީގެ އިރުޝާދުގެ ދަށުން އީގަލްސް އިން ވަނީ އެފްއޭ ކަޕް ފައިނަލުގައި އެއް ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ދެ ފަހަރު ކުޅެ އެއް ފަހަރު ތަށި ހޯދައިފަ އެވެ.