ރަޝިޔާގައި ޔުނިވަސިޓީއެއްގެ ތެރެއަށް ބަޑިޖަހައި ހަ މީހުން މަރާލައިފި
ރަޝިޔާގައި ޔުނިވަސިޓީއެއްގެ ތެރެއަށް ބަޑިޖަހައި ހަ މީހުން މަރާލައިފި

ރަޝިޔާގެ ވެރިރަށް މޮސްކޯގެ އިރުން 800 މޭލު ދުރުގައި އޮންނަ ޕާމްގައި ހުންނަ ސަރުކާރު ޔުނިވަސިޓީގައި އިއްޔެ ދިން ބަޑީގެ ހަމަލާތަކެއްގައި މަދުވެގެން ހަ މީހަކު މަރާލައި 28 މީހަކު ޒަހަމްކޮށްލައިފި އެވެ.

ރަޝިޔާގައި ޔުނިވަސިޓީއެއްގެ ތެރެއަށް ބަޑިޖަހައި ހަ މީހުން މަރާލައިފި
ރަޝިޔާގައި ޔުނިވަސިޓީއެއްގެ ތެރެއަށް ބަޑިޖަހައި ހަ މީހުން މަރާލައިފި

މި ހަމަލާގައި ޔުނިވަސިޓީގެ ކްލާސްރޫމްތަކަށް ވަދެގަނެ ބަޑިން ހަމަލާ ދިނީ އެ ޔުނިވަސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. މިއީ ރަޝިޔާގައި ވަރަށް މަދުން ނޫނީ ނުހިނގާ ފަދަ ހާދިސާއަކަށް ވިޔަސް، މިއީ މި އަހަރުގެ ތެރޭގައި ހިނގި މި ބާވަތުގެ ދެ ވަނަ ހާދިސާ އެވެ.

މި އަހަރުގެ މެއި 11 ވަނަ ދުވަހު ޒުވާން ކުއްޖަކު ބަޑިއެއް ހިފައިގެން، ކަޒާން ސަހަރުގެ ސްކޫލެއްގެ ތެރެއަށް ވަދެ، ބަޑި ޖެހުމުގެ ސަބަބުން ހަތް ދަރިވަރަކާއި ދެ ޓީޗަރަކު މަރައިލި އެވެ.

ރަޝިޔާ ފުލުހުން ބުނި ގޮތުގައި ބަޑި ހިފައިގެން ޔުނިވަސިޓީގެ ކްލާސްރޫމްތަކަށް ވަދެ ބަޑިޖަހަމުން ދިޔަ އެ ދަރިވަރު، އެކަން ކުރަން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް، ފުލުހުން އެ ތަނަށް ގޮސް ހައްޔަރުކުރި އެވެ. ފުލުހުން ޔުނިވަސިޓީ އަށް ވަންނަން ފެށުމުން، ބަޑި ހިފައިގެން ހުރި ދަރިވަރު ފުލުހުންނާ ދިމާލަށް ބަޑިޖަހަން ފެށި އެވެ.

ރައްދުގައި ފުލުހުން ބަޑި ޖެހުމުން، އެ ދަރިވަރު ޒަހަމްވުމާ އެކު، ފުލުހުން ގޮސް އޭނާ ހައްޔަރުކުރީ އެވެ. އޭރު އޭނާގެ އަތުގައި ބަޑިއެއްގެ އިތުރުން ތޫނު ވަޅިއެއް ވެސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ޒަހަމްވި މީހުންނަށް އެކި ވަރުގެ އަނިޔާތަކާއި ޒަހަމްތައް ލިބިފައިވާ އިރު، ގިނަ މީހުން ޒަހަމްވެފައިވަނީ ބަޑީގެ ވަޒަން އެރުމުންނެވެ. އޭގެ އިތުރުން، އެ ދަރިވަރު ކްލާސްތަކަށް ވަދެ ބަޑި ޖަހަން ފެށުމުން، ބައެއް ދަރިވަރުންނާއި ބައެއް މުވައްޒަފުން ވަނީ، ޔުނިވަސިޓީގެ ފުރަތަމަ ބުރިންނާއި ދެ ވަނަ ބުރިން މަގުމައްޗަށް ފުންމާލައިފަ އެވެ. ދެ ވަނަ ބުރިން ފުންމާލި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އެ ވަގުތު އަހަރެމެންގެ ކްލާހުގައި 60 ދަރިވަރުން ތިބި. އޭނާ ބަޑި ހިފައިގެން ކްލާހާ ދިމާލަށް އަންނަން ފެށުމުން، ކްލާހުގެ ދޮރު ލައްޕައި އެތެރެއިން ގޮނޑިތައް ޖައްސައިގެން ދޮރު ހުޅުވިޔަ ނުދީ ހިފެހެއްޓީ،" ޔުނިވަސިޓީގެ ދަރިވަރެއް ކަމަށްވާ ސެމްޔޯން ކަރްޔަކިން، އަލްޖަޒީރާ އަށް ބުންޏެވެ.

ޖުމްލަ 12،000 ދަރިވަރުން ކިޔަވާ އެ ޔުނިވަސިޓީގައި އިއްޔެ ހެނދުނު ދަންފަޅީގެ ކިޔެވުން ކުރިއަށް ދިޔައިރު، 3،000 ދަރިވަރުން ޔުނިވަސިޓީގެ ތެރޭގައި އުޅޭ ކަމަށް އެ ތަނުން ބުންޏެވެ.

ރަޝިޔާގައި އާންމުން ބަޑި، ފިސްތޯލަ ފަދަ ހަތިޔާރު ގެންގުޅުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. ނަމަވެސް ވަކި ޓެސްޓެއް ހަދައި ފާސްވެއްޖެ ނަމަ، ޝިކާރަ ކުރުމަށާއި އަމިއްލަ ނަފްސުގެ ދިފާއުގައި ބޭނުންކުރުމަށާއި، ކުޅިވަރުގެ ކަންކަމަށް ވަކި ބާވަތްތަކެއް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ލިބެ އެވެ. ނަމަވެސް އެފަދަ ހަތިޔާރުތަކުގައި ވެސް ބޭނުންކުރެވޭނީ، މީހުންގެ ފުރާނައަށް ގެއްލުން ނުވާ ގޮތަށް އުފައްދާފައި ހުންނަ ރަބަރު ވަޒަނެވެ.

އިއްޔެގެ ހާދިސާގައި ޔުނިވަސިޓީ ތެރެއަށް ބަޑިޖެހި މީހާ ބޭނުންކުރީ ވެސް، ރަބަރު ވަޒަން ބޭނުންކުރާ ގޮތަށް އުފައްދާފައި އޮތް، ޝިކާރަކުރާ ބަޑިއެކެވެ. ނަމަވެސް ބައެއް މީހުން ހުއްދަ ނަގައިގެން މިފަދަ ބަޑި ގެންގުޅޭ އިރު، ބަޑިއަށް އިތުރު ބަދަލުތައް ގެނެސް، އަސްލު ވަޒަން ބޭނުންކުރެވޭ ގޮތް ހަދަ އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ހިނގި ހާދިސާ އަށް ފަހު، ރަޝިޔާގައި އާންމުންނަށް ހަތިޔާރު ގެންގުޅެވޭ އުމުރު ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. ނަމަވެސް ގާނޫނަށް ގެނައި އެ އިސްލާހަށް އަދި އަމަލުކުރާކަށް ނުފަށަ އެވެ.

ރަޝިޔާގެ ފުލުހުން ބުނި ގޮތުގައި އިއްޔެގެ ހާދިސާ ތަހުގީގު ކުރަމުން އަންނަނީ ގަސްދުގައި ބަޔަކު މަރައިލުމުގެ ހާދިސާއެއް ކަމަށް ބަލައިގެންނެވެ.