އަލީ އަށް ކުއްލިއަކަށް ސަރުކާރު ގޯސްވެ، ޔާމީން ބަރާބަރުވެއްޖެ!
އަލީ އަށް ކުއްލިއަކަށް ސަރުކާރު ގޯސްވެ، ޔާމީން ބަރާބަރުވެއްޖެ!

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ހަތް ދައުވާ އުފުލާފައި އޮއްވައި ބޭސްފަރުވާ އަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިފާއުގައި ނުކުންނަވައި ތިން ގަޑިއިރު ވަންދެން ދެއްކެވި ވާހަކާގައި ތައުރީފްކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. މީގެ ކުރިން ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ޔާމީން ކުރި އަލީ އެ ތުހުމަތުތައް ބަދަލުކޮށްލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

އަލީ އަށް ކުއްލިއަކަށް ސަރުކާރު ގޯސްވެ، ޔާމީން ބަރާބަރުވެއްޖެ!
އަލީ އަށް ކުއްލިއަކަށް ސަރުކާރު ގޯސްވެ، ޔާމީން ބަރާބަރުވެއްޖެ!

ސީރިއަސް ތުހުމަތުތަކާ ގުޅޭ ގޮތުން އަލީ ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ އެއީ ސަރުކާރުގެ ތެރެއިން ބަޔަކު އޭނާގެ މަގާމުން ވަކި ކުރުމުގެ ބޭނުމުގައި ކުރި ފްރޭމެއް ކަމަށެވެ. އަލީ ވިދާޅުވި ގޮތުގައި އެ "ރޭވުމުގެ" ފަހަތުގައި ތިބީ ފިރިހެނުންތަކެކެވެ.

އަލީ އަށް ކުއްލިއަކަށް ސަރުކާރު ގޯސްވެ، ޔާމީން ބަރާބަރުވެއްޖެ!
އަލީ އަށް ކުއްލިއަކަށް ސަރުކާރު ގޯސްވެ، ޔާމީން ބަރާބަރުވެއްޖެ!

"ހަޔާތުގައި ވެސް ހުންނެވި އެންމެ ދަތި އުނދަގޫ ޖަލުގައި" 16 ދުވަސް ހޭދަ ކުރެއްވުމަށްފަހު ދެއްވި ޕްރެސްގައި އަލީ ދެން ދެއްކެވީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ވާހަކަ އެވެ. ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަލީ ވިދާޅުވީ، އެ މަނިކުފާނަށް ހުކުމް ކުރީ ބޭއިންސާފުން ކަމަށެވެ. އަދި އޭނާ ކުރިން ފާޑުވިދާޅުވި ޔާމީންގެ ސަރުކާރުގައި ކުރި ކަންތައްތަކަށް ތައުރީފު ވެސް ކުރެއްވި އެވެ.

މިހާރުގެ ސަރުކާރުން ލިބުނީ ބޭއިންސާފު ކަމަށް ވިދާޅުވެ، ސަރުކާރު ގެންނަން މަސައްކަތް ކުރެއްވުނީތީ އަލީ ތަކުރާރުކޮށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތެެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ހެއްދެވުނު ވަރަށް ބޮޑު ގޯހެކެވެ. އިންސާފު ގާއިމްކުރަން ގެނައި ސަރުކާރުން ބޭއިންސާފު ލިބުނު ކަމަށް ދޭހަވާ ގޮތަށް އެތައް ވާހަކައެއް ދެއްކެވި އެވެ.

"އަޅުގަނޑު ރައީސް ޔާމީންގެ ވެރިކަން ރައްޔިތުންގެ އިންތިހާބަކުން ބަދަލު ކުރަން މަސައްކަތް ކުރިން. މިއަދު އެކަމާ ހިތާމަ ކުރަން،" އަލީ ވިދާޅުވި އެވެ.

ޔާމީންގެ ޝަރީއަތާ ބެހޭ މައުލޫމާތުތަކެއް ވެސް ހާމަ ކުރައްވާނެކަން އިއުލާނުކުރައްވައި ބޭއްވި ޕްރެސްގައި އަލީ ވިދާޅުވީ، މީހަކު ނުކުރާ ކަމަކަށް އެ މީހެއްގެ މައްޗަށް ޝަރީއަތް ހިންގައިގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ މީހަކަސް ނުހައްގުން އަނިޔާ ލިބުމާ ދެކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ދެ ގައުމުގެ ތަހުގީގީ އިދާރާތަކަށް ވެސް ޔާމީނާއި އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅުވާ ނުލެވޭ ކަމަށެވެ. ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ ހިޔާނާތުގެ ބައިވެރިން ކަމަށާއި އެއީ ހިޔާނާތުގެ ފައިސާ ކަމެއް ޔާމީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ރައީސް ޔާމީން އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންވެގެން ނުވަތަ ރައީސް ޔާމީނަށް ނުހައްގު ފައިސާއެއް ހޯދަން ރައީސް ޔާމީން އެދިގެން ފޮނުވާފައި އޮތް ފައިސާއެއް ނޫން. އެއީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އުޅޭ ފަރާތްތަކުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާކަން، ރައީސް ޔާމީނަށް އެއީ ގޯސް ފައިސާކަން ނުވެސް އެނގޭނެ،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ޔާމީން ޖަލަށް ނުލާ ގޮތަށް ސަރުކާރުން ފުރަތަމަ ނިންމައިގެން ތިއްބަސް، އިދިކޮޅުން ކާނިވަލުގައި ޖަލްސާތައް ބާއްވަން ފެށުމުން އެ މަނިކުފާނު ޖަލަށް ލާން ނިންމީ އެވެ. ތިން ޖަސްލާ ބޭއްވިތަނާ ޖަލަށް ލާން ނިންމީ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސާފުން ޝަރީއަތް ކުރާ ނަމަ ވަގުތުން ވަގުތަށް ޔާމީން މިނިވަން ކުރަން ޖެހޭނެ ކަމަށެވެ.

"ލޯ ކުރިމަތީގައި ކަލިމަ ބަހައްޓައިގެން މާތް ރަސްކަލާންގެއަށް ބިރުވެތިވެގެން އިންސާފުން ޝަރީއަތް ކުރަންޏާ މިރެއިން މިރެއަށް ވެސް ރައީސް ޔާމީން މިނިވަން ކުރަން ޖެހޭނެ."

ނުކުރާ ކުށަކަށް އަދަބު ނުދިނުމަކީ މި ސަރުކާރު ގެންނަން މަސައްކަތް ކުރެއްވި އިރު ވަކާލާތު ކުރެއްވި އުސޫލެއް ކަމަށާއި، އެ ވާހަކަ ދެއްކެވުމަކީ އޭނާގެ ރާގު ބަދަލުވުން ނޫން ކަމަށް ވިދާޅުވި އެވެ.

"ރާގު ބަދަލު ނުވޭ. އެއް ރާގެއްގައި މި ކިޔަނީ. ފުނަ ބަދަލު ކުރަން ޖެހޭނެ ފުނަ ބަދަލު ކުރަން ޖެހުނީމާ، ބެރު ޖަހާ މީހުން ރާގު ނޫން އެހެން ރާގަށް ބެރު ޖަހަން ފެށީމަ،" ބޮޑުބެރުން މިސާލު ނަންގަވައި އަލީ ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ވެސް މައްސަލަތަކެއް ހުއްޓަސް، ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އެމަނިކުފާނު ނޫން ކަމަށް ވެސް ވިދާޅުވި އެވެ. މި ސަރުކާރުގެ ވެސް ކެބިނެޓުގެ ބޭފުޅުން ކުރައްވާ ކަންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮލުގައި އިލްޒާމް ނާޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ފާހަގަ ކުރެއްވީ ޔާމީންގެ އަރިހުގައި ކުރިން ތިއްބެވި އެންމެން މިހާރު ނެތް ކަމާއި ގާތުގައި ތިބީ ވެސް އެ މަނިކުފާނަށް އިހުލާސްތެރި މަދު ބައެއް ކަމެވެ.

ރޭގެ ޕްރެސްގައި ސަރުކާރުގެ މަސައްކަތަށް އަލީ ޖޯކު ޖެއްސެވި އެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ އައިޖީއެމްއެޗް ކައިރީގައި ޓެކްސީ ސްޓޮޕެއް ހެދުން ކަމަށެވެ.

އެއާ ހިލާފަށް ޔާމީންގެ ސަރުކާރުގައި ގެނައި ތަރައްގީގެ ސްޕީޑް އަވަސްކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ އަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ދިރިއުޅުއްވި މީހެއްކަން ފާހަގަ ކުރައްވައި އަލީ ވިދާޅުވީ، ރާއްޖެއަށް ކުޑަ މުއްދަތެއްގެ ތެރޭގައި ގެނައި ތަރައްގީ ފާހަގަކުރެވުނު ކަމަށެވެ. އެކަމަށް ޔާމީނާއި އެ މަނިކުފާނުގެ ކެބިނެޓުގައި ތިއްބެވި ބޭފުުޅުންނަށް ވެސް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ކުޑަ މުއްދަތެއްގެ ތެރޭގައި ގެނެސްފައި އޮތް ތަރައްގީ އަށް، ރައީސް ޔާމީނަށް ވެސް ރައީސް ޔާމިންގެ ކެބިނެޓުގެ ވަޒީރުންނަށް ވެސް އަޅުގަނޑު އިހްތިރާމް ކުރަން،" އަލީ ވިދާޅުވި އެވެ.

އޭރާއި މިހާރުގެ ތަފާތު ދައްކަވަމުން އޭނާ ވިދާޅުވީ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ވާހަކަތައް ގިނަވިޔަސް އަމަލުތައް ނުފެންނަ ކަމަށެވެ. އެގޮތުން ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާއިރު، އެތަނުގައި މިސްކިތެއް ނުވަތަ ސްކޫލެއްގެ މިންވަރު ވެސް އެޅިފައި ނެތް ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓުތަކަށް މިހާރުގެ ސަރުކާރުގެ ފަރާތްތަކުން "ކޮތަރު ކޮށި" ކަމަށް ގޮވަމުން ދިޔަޔަސް، އެއީ ވަންނާނެ ތަނެއް ނެތް މީހަކަށް "ގަނޑުވަރަކަށް" ވާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ. އަދި އެއީ އިނގިރޭސިވިލާތުގެ ކައުންސިލް ހައުސުންއަށް ވުރެ ވެސް ފެންވަރު ރަނގަޅަށް ހަދާފައި ހުރި ތަންތަން ކަމަށް ވިދާޅުވި އެވެ.

އެކެއް ފެބްރުއަރީގެ އަމުރާ ގުޅޭ ގޮތުން ވެސް އަލީ ވާހަކަ ދެއްކެވި އެވެ. އެއީ ފަނޑިޔާރުން ނެރުއްވި އަމުރެއް ނޫން ކަމަށް ވިދާޅުވެ، އެހެން ފަރާތެއްގެ ނުފޫޒެއް އެކަމުގައި އޮތް ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަ ދެއްކެވި އެވެ. އެ ދުވަހު ދިވެހިރާއްޖެ ސަލާމަތް ކުރެއްވީ ވެސް ޔާމީންގެ މަސައްކަތުން ކަމަށް އަލީ ވިދާޅުވި އެވެ.

"އެ ދުވަހު ދިވެހި ދައުލަތް، ނުވަތަ ދިވެހި ސަރުކާރު، ނުވަތަ ދިވެހިރާއްޖެ ގެއްލުމުގެ މަގުން ސަލާމަތްވީ ރައީސް ޔާމީން ހޭލާ ހުންނަވައި 48 ގަޑިއިރު ކުރެއްވި މަސައްކަތުން،" އަލީ ވިދާޅުވި އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ދެ ގަޑިއިރު ހޭދަ ކުރެއްވި އަލީ ރޭ ފާހަގަ ކުރެއްވީ، އޭނާ 33 އަހަރަށް ޖަލަށްލާން ދައުލަތުން މަސައްކަތް ކުރާ އިރު އެއީ ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާ ދިން މީހުންނަށް ދިން ވަރަށް ވުރެ ވެސް ބޮޑު އަދަބެއް ކަމެވެ. "ސިޔާސީ ކަމެއްގައި" އެވަރުގެ އަނިޔާއެއް ދޭން ހެޔޮވާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އެހާ ބޮޑު އަދަބެއް އަންނަ ގޮތަށް ދައުވާ ކުރުން އަލީ ސިފަ ކުރެއްވީ އޭނާ "މަރާލަން" އުޅުމުގެ ގޮތުގަ އެވެ. އަދި އެއީ އޭނާގެ ދަރިންނަށް ވެސް ދިން ނަފުސާނީ އަނިޔާއެއް ކަަމަށާއި އެކަން ހިތުން ނުފިލާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ވިދާޅުވީ، މި ސަރުކާރާ ދެކޮޅަށް މުސަޅެއް ނުކުތަސް އޭނާގެ ތާއީދު އޮންނާނީ އެ މުސަޅަކަށް ކަމަށެވެ.

"ސިޔާސީ ގޮތުން އަޅުގަނޑު ހުންނާނީ މި ސަރުކާރާ އިދިކޮޅު މުސަޅަކަށް ވިޔަސް އެ މުސަޅަކާ އެއްކޮޅަށް."