20 ސެޕްޓެމްބަރ 2021 - 23:37

މަގާމުގައި ހުންނަވައިގެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވި، ކޯޓަށް ފިއްލަވައިގެން އިނގިރޭސިވިލާތުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މަގާމުން ވަކިކުރި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ކުށުން ބަރީއަވެ ވަޑައިގެންފި އެވެ.

އިނގރޭސިވިލާތުގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް، ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެން ދިޔަ ނޫސްވެރި ބައްދަލުވުމުގައި އޭނާ މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ, މަގާމުން ވަކިކުރި ގޮތާއި ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގާއި އެކަމާ ގުޅިގެން އޮތް ހިތްހަމަނުޖެހުންތަކާއި ޝަކުވާތަކުގެ މައްޗަށެވެ. އޭނާ ވިދާޅުވީ, ކުށެއް ނުކުރާ ކަމަށާއި އަދި ކުށެއް ނުދެއްކޭނެ ކަމަށާއި މިއީ އެހެން މީހުން ޒާތީވެގެން ހިންގާ ކަންތައްގަނޑެއް ކަމަށެވެ. ދެން މުޅިންހެން ދެއްކެވީ އެހެން މީހުންގެ ގޯސްތަކުގެ ވާހަކަ އެވެ.

އަލީ ވަހީދު ވިދާޅުވީ, މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން އަންގައި، މިދިޔަ އަހަރުގެ ޖުލައި އަށް ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އޭނާ އަށް ގުޅުއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ކަމަށެވެ. އެގޮތަށް އެންގެވުމުން އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ރައީސަށް ވެސް ގުޅުއްވި ކަމަށް އަލީ ވަހީދު ވިދާޅުވެ އެވެ.
އަލީ ވަހީދު ވިދާޅުވީ ރައީސާ ގުޅުއްވި ވަގުތު އެމަނިކުފާނުގެ އަޑު ހުރި ގޮތުން ބެލެވެނީ ކީރިތި ކުރައްވަމުން ވާހަކަ ދެއްކެވިހެން ކަމަށާއި، ރައީސް ވިދާޅުވީ "އެ ކުދިން އައިސް ދެއްކި ވާހަކައިން ރަނގަޅީ މި ވަގުތު ދުރަށް ޖެހުނިއްޔާ" ކަމަށް އަލީ ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން ވަރަށް ބުރަކޮށް އިހުލާސްތެރިކޮށޭ މަސައްކަތް ކުރަމުންދަނީ. އެހެންވީމަ ކޮންކަމަކާތޯއޭ އަޅުގަނޑު އިސްތިއުފާ ދޭންވީ... އޮފީހުގައި ވެސް، އޮފީހުން ބޭރުގައި ވެސް އަޅުގަނޑުގެ ޒާތުގައި ވެސް ނޯންނާނެ [އިސްތިއުފާ ދޭން ޖެހޭ ވަރުގެ ކަމެއް]. މަނިކުފާނާ އެކު ވެސް ވަރަށް ގިނަ ދުވަހު މަޖިލީހުގައި މަސައްކަތްކުރީމަ [އެކަން] އެނގޭނެއޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ކޮމްޕްރަމައިޒްކުރާނެ ކަމެއް ނުވަތަ ރައީސް ކޮމްޕްރޮމައިޒް ކުރަންޖެހޭނެ ކަމެއް ވެސް ނޯންނާނެއޭ [ދެންނެވިން]. ތި އިސްތިއުފާގެ ސިޓީ ލިޔާނެ ހިތްވަރެއް އަޅުގަނޑުގެ ނެތޭ ދެންނެވިން."
އޭނާ ވިދާޅުވީ ނުކުރާ ކަމެއްގައި މަރާލިޔަސް، ނުވަތަ ޖަލަށް ލިޔަސް، އަމާން ނުދެއްވާނެ ކަމަށް އޭރު ވެސް ވިދާޅުވި ކަމަށެވެ.
އަލީ ވަހީދު މަގާމުން ވަކިކުރެއްވީ އޭނާ އަށް އިސްތިއުފާ ދެއްވުމަށް އެންގެވި ދުވަހާ ޖެހިގެން އައި ދުވަހު އެވެ.
"މަތި އޮމާންކުރަން މޫނު ރީތިކުރަން އިސްތިއުފާގެ ސިޓީ ނުދޭނަމޭ [ދެންނެވިން]."
އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން ސުވާލުކުރުމަށް މިދިޔަ ޖުލައި 19 ގައި އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރި އެވެ. އެކަމަކު އަލީ ވަހީދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވި ފަހުން މިއަދާ ހަމައަށް ވެސް، އޭނާގެ މައްޗަށް ދައުވާކުރާ ކަންތައްތަކާ ގުޅޭ އެއްވެސް ސުވާލެއް އެއްވެސް އިދާރާއަކުން ކޮށްފައި ނުވާ ކަމަށެވެ.
"ދައުލަތުގެ ވަޒީރެއްގެ ގޮތުގައި މަސައްކަތްކޮށް ވަކިކުރުމާ ހަމައަށް އަދި މިއަދާ ހަމައަށް ވެސް އަޅުގަނޑާ ސުވާލެއް ނުކުރޭ ދިވެހި ދައުލަތުގެ އެއްވެސް ގާނޫނީ އިދާރާއަކުން އަޅުގަނޑުގެ މައްޗަށް މި ތުހުމަތުކުރާ ދައުވާތަކުގައި ހިމެނޭ އެއްވެސް ސުވާލެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ އެގޮތަށް ވިދާޅުވި ނަމަވެސް، އެ ދުވަހު ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ، އޭނާ އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ރާވައިގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށާއި އިންސާފުވެރި ތަހުގީގެއްގައި، ކުށެއް ނުކުރާކަން ސާފުވާނެ ކަމަށެވެ.
އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރެއްވި ނަމަވެސް، ފުލުހުން ކުރަނީ ސީދާ ކޮން ތުހުމަތުތަކެއް ކަމެއް އޭރު ނޫސްވެރިން ގާތު ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެކަން ތަފުސީލު ކޮށްދޭނީ ފުލުހުން ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، އޭނާ މާގިރީގައި އުޅުއްވި ކޮޓަރީގެ އިސްތަށިތައް ނަގައިގެން ޑީއެންއޭ ހެދި ކަމަށާއި އެކަމަކު އެއީ އޭނާގެ އިސްތަށި ނޫން ކަމަށެވެ. އެކަމުގެ ރިޕޯޓް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ބާވަތުގެ މައްސަލަތަކުގައި ސައިކޮލޮޖިކަލް އެސެސްމަންޓް ހަދަން ޖެހޭ. އެ ހަދަން ދާން ބުކް ކުރީމަ ވެސް އަޅުގަނޑު ފްރޭމް ކުރި މީހުން އެ އެޕޮއިންޓްމަންޓްތަކަށް ނުދާ ކަމުގެ ޔަގީން ކަމާއި އެ މައުލޫމާތާއި މެޑިކަލް ރިޕޯޓް ހަދަން ބުނީމަ ވެސް އެތަނަށް ވެސް ނުދޭ. ދިޔަ ތަނަކީ ރައީސް އޮފީސް. މިކަމުގެ އޯޑަރު އައީ ރައީސް އޮފީހުން."
އަލީ ވަހީދު ފްރޭމްކުރުމަށް އޯޑަރުކުރީ ރައީސް އޮފީހުން ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް ހާމައެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ފަހަތުގައި ތިބީ ފިރިހެނުންތަކެކެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
މިއަދާ ހަމައަށް އައިއިރު ވެސް އެކަމުގައި އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވީ ދައުލަތުގެ ނިޒާމުގެ ތެރެއިން އިންސާފު ލިބުމަކީ އެންމެ ރަނގަޅު ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ބޭސް ފަރުވާ އަށް ބޭރުގައި އުޅުއްވަނީ ފިލައިގެން ނޫން ކަމަށާއި އެކަމުގެ މައުލޫމާތު ކޯޓަށް އަންގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
- ރާއްޖެއިން ފުރައިގެން ދިޔައީ ވެސް ވީއައިޕީގައި ކަމަށް ވިދާޅުވި. އަދި ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރު ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެ ރޭ އޭނާ މެއިލް އެޑްރެސް އަށް ލިބުނު ކަމަށާއި އޭނާ ރާއްޖެއިން ފުރީ އަމުރު ނެރުމުގެ ކުރިން ނޫން ކަމަށް ވިދާޅުވި.
- އޭނާ އާ ދޭތެރޭ ހިތްހަމަނުޖެހުން އައީ އެމްޑީއެން މައްސަލައިގައި ކަމަށް ވިދާޅުވި.
- މައްސަލަ އެންމެންނަށް ފެންނަ ގޮތަށް ގެންދަން ކޯޓުގައި އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވި. އަދި "އަލީ ވަހީދުކުރި ކަމެއް އެންމެނަށް އެނގެން ޖެހެޔޭ" ވިދާޅުވެފައިވާނެ ކަމަށް ވިދާޅުވި.
- ޖިންސީ ގޯނާގެ ތުހުމަތުކޮށްގެން ފެންމަތިކުރީ މަގާމުން ދުރުކުރުމަށް ކަމަށާއި އެއީ ކޯލިޝަންގައި ތިބި އެމްޑީޕީ ނޫން ޕާޓީގެ މީހުން ދުރުކުރުމަށް ކުރެވޭ ކަމެއް ކަމަށް ވިދާޅުވި. އަދި ކެބިނެޓުން އިސްތިއުުފާ ދިން އެކަކު ވެސް އެކަން ކުރީ ހިތްހަމަޖެހިގެނެއް ނޫން ކަމަށާއި މަޖުބޫރުވެގެން ކަމަށް ވިދާޅުވި.
- މި ސަރުކާރު ގެނެސްގެން އިންސާފު ނުލިބުނީމަ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންނެވި. އަދި ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ސުވާލު އުފެދުމުން މިނިވަންކުރަން ޖެހޭ ކަމަށް ވިދާޅުވި.
- ޕީޖީ ހުސެއިން ޝަމީމް އާއި އޭޖީ އިބްރާހިމް ރިފްއަތުގެ މައްސަލަތައް އެބަހުރި ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުންނަށް ފާޑު ވިދާޅުވި.
- އިނގިރޭސިވިލާތުގައި ފަރުވާ ނުކުރާ ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށާއި އިނގިރޭސިވިލާތުގެ ޖަލުން ސަލާމަތްވީ އެމްއާރުއައި ރިޕޯޓްގެ ސަބަބުން ކަމަށް ވިދާޅުވި. އަދި ވިދާޅުވީ ޖަލަކީ ބިރުވެރި ތަނެއް ކަމަށާއި ދޫނިދޫ ޖަލަކީ އެއްވެސް ބިރުވެރި ތަނެއް ނޫންކަން އެނގުނީ އެތަނަށް ދިޔައިމަ ކަމަށް ވިދާޅުވި.