ތަށި ދިފާއު ކުރަން ޗެމްޕިއަނުން އަމިއްލަ ފަސްގަނޑުގައި
ތަށި ދިފާއު ކުރަން ޗެމްޕިއަނުން އަމިއްލަ ފަސްގަނޑުގައި

ނޭޕާލާ ވާދަކޮށް ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕުގެ ބިޑު ކާމިޔާބުވުމަކީ، ކޮވިޑް-19 ގައި ދިވެހިން ހޭދަކުރަމުން މިދާ ދެ ވަނަ އަހަރު، ރާއްޖެ އަށް ލިބުނު އެންމެ އުފާވެރި އެއް ޚަބަރެވެ. ސާފް ޗެމްޕިއަންޝިޕުގެ ބިޑު ކާމިޔާބުކުރުމަށް އެފްއޭއެމްއިން ކުރި މަސައްކަތް ފާހަގަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވީ ވެސް ކޮވިޑުގެ މި އުނދަގޫ ހަލަތުގައި ދިވެހިންގެ ހިތްތަކަށް ތަސްލީއެއް ލިބޭނެ ސަބަބަކަށް އެކަން ވާނެތީ އެވެ.

ތަށި ދިފާއު ކުރަން ޗެމްޕިއަނުން އަމިއްލަ ފަސްގަނޑުގައި
ތަށި ދިފާއު ކުރަން ޗެމްޕިއަނުން އަމިއްލަ ފަސްގަނޑުގައި

ރާއްޖޭގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ގައުމީ ޓީމު ވާދަކޮށްގެން ބާއްވާ ސީނިއާ ލެވަލްގެ ހަތަރު ވަނަ މުބާރާތެވެ. މި ފަހަރުގެ މުބާރާތް ރާއްޖެ އަށް ހާއްސަވާ މައިގަނޑު އެއް ސަބަބަކީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ރާއްޖެ މުބާރާތުގެ ތަށި ދިފާއު ކުރަން ނުކުންނާތީ އެވެ. އެ ފުރުސަތު އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ހޯދަން ލިބުމަކީ ރާއްޖެއަށް މީގެ ކުރިން ލިބިފައި ނެތް ޝަރަފެކެވެ. ރާއްޖޭގައި ކުޅެ މިހާތަނަށް ދިވެހި ޓީމަށް ތަށި ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ރާއްޖޭގެ ފުޓުބޯޅަ އަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބްލީގެ ފައިނަލުގައި، ފުރިބާރުވެފައި އޮތް ގަލޮޅު ދަނޑުގައި ދިވެހިންގެ ކުރިމަތީގައި ކުޅެ، ރާއްޖެ ބަލިވީ ލަންކާ އަތުންނެވެ. އޭފްސީ ޗެލެންޖު ކަޕްގައި 2014 ވަނަ އަހަރު ރާއްޖޭގެ ގުރޫޕްގެ ދެ ވަނަ ހޯދައިގެން ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް ދިވެހިންނަށް ނާކާމިޔާބު ވީ އެވެ. އެ ފަހަރުގެ މުބާރާތުގައި ރާއްޖެ ފުއްދާލަން ޖެހުނީ ބްރޯންޒް މެޑަލްއަކުންނެވެ.

ރާއްޖެ އާއި ލަންކާ ގުޅިގެން ބޭއްވި 2008 ގެ ސާފް ޗެމްޕިއަންޝިޕު ރާއްޖެއިން ކާމިޔާބު ކުރިއަސް އެ ތަށި ރާއްޖެ އަށް ލިބުނީ ލަންކާގައި ކުޅެގެންނެވެ. މިފަހަރު ދިވެހިންނަށް މިއޮތީ ރާއޖޭގެ ފަސް ގަނޑުގައި ކުޅެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތް އަމިއްލަ ގައުމުގައި ދިފާއު ކުރަން ލިބިފައި އޮތް ވަރުގެ ރަނުގެ ފުރުސަތެއް ދިވެހިންނަކަށް ނުލިބޭނެ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އަމިއްލަ ދަނޑުގައި ރާއްޖެ އިން އުފުލާލަން ލިބޭ ފުރުތަމަ ތައްޓަށް ވުމަކީ އުންމީދެކެވެ. މުބާރާތުގެ ތަށި ޖެހިޖެހިގެން ކާމިޔާބުކުރުމުގެ އަޒުމު ވެސް އެބައޮތެވެ. އިންޑިއާ ފިޔަވައި ޖެހިޖެހިގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެހެން ގައުމެއް ނެތެވެ. އެ ކާމިޔާބު ހާސިލު ކުރާ ދެ ވަނަ ގައުމަކަށްވުމުގެ ފުރުސަތު ލިބިފައި އޮތީ ވެސް ރާއްޖެ އަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ބިޑުގައި ނޭޕާލްގެ މައްޗަށް ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާއިން ރާއްޖެ އިސްކުރި އެންމެ ބޮޑު ސަބަބަކީ މުބާރާތުގެ ސްޕޮންސާޝިޕުގެ ޔަގީންކަމާއި ކޮވިޑް ވެކްސިނޭޝަންގައި ރާއްޖެ އިން ހޯދާފައިވާ ކުރިއެރުމެވެ.

"ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވުން އެއީ ވަރަށް މުހިންމު ޕޮއިންޓަކަށް ވެގެން ދިޔަ،" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "މިހާރު" އަށް ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕް ވެގެންދާނީ މި އަހަރު ރާއްޖޭގައި ބާއްވާ ސަރަހައްދީ ދެ ވަނަ މުބާރާތަށެވެ. އޭޝިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ކްލަބު މުބާރާތް އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ވެސް ރާއްޖެއިން އިންތިޒާމު ކުރި ގޮތާމެދު ވާދަކުރި ކްލަބުތަކުން ތައުރީފު ވެސް ކުރި އެވެ. ކޮވިޑްގެ އުނދަގޫ ހާލަތުގައި ވެސް ރާއްޖެއިން ކާމިޔާބު ކަމާ އެކު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖް ހޯސްޓުކޮށް ނިންމާލުމަކީ ރާއްޖެއާ މެދު ސަރަހައްދުގެ ގައުމުތަކުން އިތުބާރު ކުރާ ސަބަބެކެވެ.