ގައުމީ ދަނޑުގައި ދިވެހި ސަޕޯޓަރުން ގުގުމާލާނެ
ގައުމީ ދަނޑުގައި ދިވެހި ސަޕޯޓަރުން ގުގުމާލާނެ

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމުން، އެންމެ ފުރަތަމަ ވެސް ތަސައްވަރު ކުރެވުނީ، ރާއްޖޭގައި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވި ފަހަރު ދިވެހިން ދިން ފޯރި އެވެ.

ގައުމީ ދަނޑުގައި ދިވެހި ސަޕޯޓަރުން ގުގުމާލާނެ
ގައުމީ ދަނޑުގައި ދިވެހި ސަޕޯޓަރުން ގުގުމާލާނެ

އަވަށްޓެރި ލަންކާއާ ގުޅިގެން ރާއްޖެއިން މުބާރާތް ބޭއްވިއަސް ފުޓްބޯޅަ މުބާރާތަކުން ފެންނަން ޖެހޭނެ ފޯރި އާއި ޖޯޝް ފެނުނީ ދިވެހި ސަޕޯޓަރުންގެ ފަރާތުން އެކަންޏެވެ. ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ތާރީހުގައި ސަޕޯޓަރުންގެ ފޯރި އެންމެ ބޮޑަށް ކައްކުވާލީ އެފަހަރު އެވެ.

ގައުމީ ދަނޑުގައި ދިވެހި ސަޕޯޓަރުން ގުގުމާލާނެ
ގައުމީ ދަނޑުގައި ދިވެހި ސަޕޯޓަރުން ގުގުމާލާނެ

ރާއްޖެ ނޫން އެހެން ގައުމުތަކުގައި އެތައް ފަހަރަކަށް މުބާރާތް ބާއްވައިފި އެވެ. އެކަމަކު ރާއްޖެއިން ފެނުނު ފޯރިއެއް އެހެން އެއްވެސް ގައުމަކުން އެ ގައުމުގެ ގައުމީ ޓީމަށް ދިން ތަނެއް ނުފެނުނެވެ. ފުޓްބޯޅައިގެ މަޝްހޫރު 12 ވަނަ ކުޅުންތެރިޔާގެ ހަގީގީ އިހްސާސް ކުރެވޭނީ ދިވެހި ޓީމަށް ގަލޮޅު ދަނޑުންނެވެ. ދިވެހިންގެ މިފޯރި އާއި ޖޯޝް ރާއްޖެ ފަހަނަޅައި ދިޔައީ ކޮލަމްބޯގެ ސުގަތަދާސް ސްޓޭޑިއަމަށެވެ. ސަރަހައްދުގެ ގަދަ ބާރު އިންޑިއާގެ މައްޗަށް ދިވެހިން ކާމިޔާބު ހޯދުމުގައި އެންމެ ބޮޑު އެހީއަކަށްވީ އެ ސްޓޭޑިއަމްގައި ގުގުމާލި ދިވެހންގެ އަޑެވެ.

އޭގެ ފަހުން ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގައި ވެސް ރާއްޖެ ކުޅުނު މެޗުތަކުގައި ދިވެހި ސަޕޯޓަރުންގެ ޖޯޝް ފެނުނެވެ.

ދުނިޔޭގެ ކްރިކެޓް ހަބެއްގެ ގޮތުގައި އޮތް ދެކުނު އޭޝިއާގައި ފުޓްބޯޅައިގެ ފޯރި އާއި ހަގީގީ ކުލަޖެހިފައި އޮތީ ރާއްޖޭގައި އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ސަރަހައްދުގެ އެހެން ގައުމުތަކުގައި ރާއްޖެ އަށް ވުރެ ފުޓުބޯޅައިގެ ވަސީލަތްތަކާއި ސްޓޭޑިއަމްތައް ގިނަ އެވެ. ރާއްޖޭގެ ލީގާއި ޑޮމެސްޓިކް ސީޒަނަށް ވުރެ އެ ގައުމުތަކުގެ ލީގުގައި ވާދަވެރިކަން ބޮޑެވެ. އެކަމަކު ސަޕޯޓަރުންގެ ޖޯޝާއި ފޯރިއެއް އެ ގައުމުތަކުގައި ނެތެވެ.

އެފްއޭއެމްގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ސޯލްޓް ކެފޭގައި 2017 ގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އޭއެފްސީގެ އޮފިޝަލް ވިދާޅުވީ ރާއްޖެއަށް ފުޓްބޯޅައިގައި އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ފުޓްބޯޅަ އަށް ލޯބިކުރާ ބަޔަކަށްވުން ކަމަށެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ނިސްބަތުން އެ ފޯރި ކުޑަކަން އޮފިޝަލް ފާހަގަކުރި އެވެ.

ސާފް ޗެމްޕިއަންޝިޕް 2008 ގައި ކާމިޔާބު ކުރުމުން، އޭރުގެ ޓީމަށް މަރުހަބާ ކިޔަން ޖުމްހޫރީ މައިދާނާއި އެއް ނަންބަރު ފާލަން ކައިރިއަށް ނުކުތް މީހުންނަކީ މީގެ ކުރިން ސިޔާސީ އެއްވުމަކުން ވެސް ނުފެންނަވަރުގެ ބޮޑު ކްރައުޑެކެވެ. ރާއްޖޭގެ ސިޔާސީ ތާރީހުގައި އައި އެންމެ ހަލަބޮލި އެ އަހަރުގައި ވެސް ގައުމީ ޓީމަށްޓަކައި ދިވެހިން ދިން ޖޯޝް ފެނިގެންދިޔަ އެވެ.

ރާއްޖޭގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕަކީ ދިވެހިން އެކަން ތަކުރާރު ކުރާނެ މުބާރާތެވެ. ލޯކަލް ފުޓްބޯޅައިގެ އަޑުމަޑު ދުވަސްވަރެއްގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެ އަށް ލިބުމަކީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބޭނެ ހިތްހަމަޖެހުމެވެ.

ދިވެހި ގައުމީ ޓީމަކަށްޓަކައި ދިވެހިން ނުކުމެ މުޅި ދަނޑުފުރާލަންވީ އެވެ.

ކޮވިޑް-19 ގެ މި އުނދަގޫ ހާލަތުގައި ވެސް ދިވެހި ރައްޔިތުންގެ މޫނުމައްޗަށް ހިތްހަމަޖެހުން ގެންނަން ދިވެހި ގައުމީ ޓީމުގެ އަޒުމަކީ ގައުމީ ދަނޑުގައި ކުޅޭ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ. އެކަމަށްޓަކައި ދިވެހި ސަޕޯޓަރުންގެ އަޑުން މުޅި ގައުމީ ދަނޑު ގުގުމާލަން ޖެހެ އެވެ.